ރޯދައަށް ހުންނަ ވަގުތުތަކުގައި މާތް ﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ، ރޯދައިގެ އަޅުކަމުގެ ދަރުމަ އިތުރުކޮށްދޭ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި ވާރިދުވެފައިވެއެވެ. އެންމެ ހެޔޮވެގެންވާ އަޅުކަމަކީ އެ އަޅުކަމުގެ ތެރޭގައި މާތް ﷲ ޒިކުރު ކުރުން އެންމެ ގިނަ އަޅުކަމެވެ.
މިފަދަ ބައެއް ރިވާޔަތްތަކަށް އިޝާރާތް ކުރައްވައި އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެ އެވެ.
"ކޮންމެ ޢަމަލެއް ކުރާ މީހުންގެ ތެރެއިންވެސް އެންމެ ހެޔޮކަން ބޮޑީ، އެ ޢަމަލުކުރުމުގެ ތެރޭގައި މާތް ﷲއަށް އެންމެ ގިނައިން ޒިކުރުކުރާ މީހުންނެވެ. އެގޮތުން، ރޯދަވެރީގެންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބަޔަކީ، ރޯދައިގެ އަޅުކަމުގައި ގިނަގިނައިން މާތް ﷲ ޒިކުރު ކުރާ މީހުންނެވެ. ޞަދަޤާތް ކުރާ މީހުންގެ ތެރެއިންވެސް އެންމެ ހެޔޮކަން ބޮޑު ބަޔަކީ، އެންމެ ގިނައިން މާތް ﷲ ޒިކުރުކުރާ މީހުންނެވެ. ޙައްޖުވެރީންގެ ތެރެއިންވެސް އެންމެ ހެޔޮ ކަންބޮޑު ބަޔަކީ އެންމެ ގިނައިން މާތް ﷲ ޒިކުރުކުރާ މީހުންނެވެ. ހުރިހާ ޢަމަލުތަކެއްގައިވެސް ކަން އޮތީ މިބީދައިންނެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ކަމެއް އިތުރުކުރުމަށް އަމުރު ކުރައްވަނީނަމަ، އެއިން އަންގައިދެނީ އެކަމެއްގެ މުހިންމުކަން ބޮޑުކަމެވެ. އަދި މާތް ﷲގެ ޙަޟުރަތުގައި އެކަމުގެ މަތިވެރިކަމެވެ. އެ އިލާހު ވަޙީކުރައްވާފައިވެ އެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْراً كَثِيراً * وَسَبِّحُوهُ بُكْرَةً وَأَصِيلاً﴾ (الأحزاب : 41-42) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ! * އަދި ހެނދުނާއި، ހަވީރު އެއިލާހަށް ތަސްބީޙަ ކިޔައުޅޭށެވެ."
މިއާޔަތުގައިވާ (اذْكُرُوا اللَّهَ ذِكْراً كَثِيراً) "ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ!" އޮތް ބަސްފުޅުގެ ތަފްސީރުގައި އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެ އެވެ.
"އެއީ ކޮންމެ ޙާލަތެއްގައިވެސް، ޒިކުރު ކުރުމެވެ. އެ ޒިކުރު ކުރުން އެއީ ދުލުންނާއި ހިތުންނާއި އަދި އެހެން ހުރިހާ ގުނަވަންތަކެއް ޝާމިލްވާ ގޮތުގައި ކުރެވޭ ޒިކުރެވެ. އަދި އެއީ ސަތޭކަ ނުވަތަ ދުވިސައްތަ ފަހަރު ނުވަތަ އެއްހާސް ފަހަރު ނޫނީ ދެހާސް ފަހަރު، ނުވަތަ ވަކި އަދަދެއް ހަމަކުރުމަށް ކަނޑައެޅިފައިވާ ޒިކުރެއް ނޫނެވެ. އެއީ ދާއިމީ ގޮތެއްގައި ޒިކުރު ކޮށްކޮށް ހުރުމެވެ."
ރޯދައިގެ އަޅުކަމުގެ ވަގުތު ތަކުގައި ގިނަގިނައިން ޒިކުރު ކުރުމަށް ފުރުޞަތު ލިބިގެން ދެއެވެ. އެހެނީ ރޯދައިގެ އަޅުކަމުގައިވާ މީހާ، އެ އަޅުކަމުގެ ތެރޭގައި އެހެން ޢަމަލުތައް ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ. ރޯދަވެރިޔާ ފަރުޟު ނަމާދުތައްކޮށް ކީރިތި ޤުރްއާން ކިޔަވައި ހަދައެވެ. ރޯދަވެރިޔާއަކީ ކިޔަވާ ކުއްޖެއްނަމަ އޭނާ ކިޔަވަން ދެއެވެ. ވަޒީފާ އަދާ ކުރާ މީހެއްނަމަ އޭނާގެ ވަޒީފާއަށް ދެއެވެ. ގޭތެރޭގެ މަސައްކަތުގައި އުޅޭ މީހަކު ނަމަ އެކަން އަދާކުރެއެވެ. މިހުރިހާ ކަމަކާއެކު ރޯދައިގެ އަޅުކަމުގެ ވަގުތު ތަކުގައި، މާތް ﷲ ހަނދުމަކޮށް ޒިކުރު ކުރުމަކީ، އެރޯދައިގެ ދަރުމަ އެންމެ ފުރިހަމަކޮށްދޭ ކަމެވެ. އަދި ޒިކުރު ކުރުންމަތީ ހުންނަ މީހާގެ، ހިތް ހަމަޖެހުން ލިބި، އޭނާގެ ދޫރައްކާތެރި ކުރުމުގެ ވަޞީލަތެއްގެ ގޮތުގައިވެސް އެޒިކުރުތައް ވެގެން ދެއެވެ.
މާތް ﷲ އަށް ޒިކުރު ކުރުމަކީ، ދީނުގެ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެވެ. މިކަން އަންގަވައި، ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންގެ ޢަމަލުތަކުގެ ތެރެއިން އެންމެ މާތްކަން ބޮޑު ޢަމަލަކީ، އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި އެންމެ މަޤުބޫލުވެގެންވާ، އަދި ތިޔަބައިމީހުންގެ ދަރަޖަ އެންމެ ބޮޑަށް އުފުއްލަވަނިވި، އަދި ރަނާއި ރިހިން ޞަދަޤާތް ކުރުމަށްވުރެ ވެސް ތިޔަބައިމީހުންނަށް ފައިދާ ބޮޑު، އަދި ތިޔަބައިމީހުން ދީނުގެ ޢަދުއްވުންނާ ބައްދަލުކޮށް، ތިޔަބައިމީހުން އެއުރެން ޤަތުލުކޮށް، އެއުރެން ތިޔަބައީހުން ޝަހީދުކޮށް ހެދުމަށްވުރެވެސް މާތްކަން ބޮޑު ޢަމަލަކީ، ކޮބައިކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާންކޮށް ދެއްވަން ހެއްޔެވެ؟" އަޞްޙާބުން ދެންނެވިއެވެ.
"އަވަހަށް ވިދާޅުވެދެއްވާށެވެ!" ޙަދީޘް ކުރެއްވިއެވެ. "އެއީ ﷲ ތަޢާލާ ޒިކުރު ކުރުމެވެ." (ރިވާކުރެއްވީ އަލްއިމާމުއް ތިރްމިޒީއެވެ.)
ޒިކުރު ކުރުމުގެ މޮޅުއިތުރު ކަމުގެ ވާހަކައަކީ ދީނީ ދަރުސްތަކުގައި ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. އެއާއެކު އުފެދޭ ސުވާލަކީ، ގިނަގިނައިން ޒިކުރު ކުރަން އެދޭ މީހާ ކިޔުން އެންމެ މޮޅު އިތުރުވެގެންވަނީ ކޮން ޒިކުރެއްތޯ އެވެ؟ މި ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ، ކީރިތި ރަސޫލާ صلى الله عليه وسلمގެ ސުންނަތުގައި، އެފަދަ އެތައް ޢިބާރާތްތަކެއް ވާރިދުވެފައިވެ އެވެ. މަދު ޢިބާރާތްކޮޅަކުން މަތިވެރި ދަރުމަ ޙާޞިލުކޮށްދޭ އެތައް ޒިކުރެއް، އިތުރު އެކަލޭގެފާނު ވަނީ އުއްމަތަށް އުނގަންނަވައި ދެއްވާފަ އެވެ. އޭގެ ތެރެއިން، ބައެއް ޒިކުރުތައް ޙިއްޞާކޮށްލާނަމެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.
"ދުވާލަކު ސަތޭކަ ފަހަރު سُبْحَانَ الله وَبِحَمْدِهِ މިފަދައިން ކިޔައިފި މީހެއްގެ ފާފަތައް ކަނޑުގެ ލޮނުގަނޑެކޭ އެއްވަރުވީ ނަމަވެސް، އެ މީހެއްގެ ފާފަތައް ފުއްސެވޭ ހުއްޓެވެ."
އެހެން ޙަދީޘްފުޅެއްގައިވެ އެވެ. "ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމަ އަކީ ކޮބައިކަން ތިމަންކަލޭގެފާނު ވިދާޅުވެ ދެއްވަންތޯ އެވެ؟"
ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަލިމަ އަކީ سُبْحَانَ الله وَبِحَمْدِهِ އެވެ." (ރިވާކުރެއްވީ އަލްއިމާމު މުސްލިމް އެވެ.) އަދި ބައެއް ބަސްފުޅުތަކުގައި ވެއެވެ. މިޒިކުރު ހެނދުނާއި ހަވީރު ސަތޭކަ ފަހަރު ކިޔައިފި މީހާއަށް ވުރެ ބޮޑު ހެޔޮ ޢަމަލަކައިގެން ޤިޔާމަތް ދުވަހު އަންނަ މީހަކު ނުވެ އެވެ. އެއީ އެއަށްވުރެ ގިނައިން މި ޒިކުރު ކިޔާ މީހަކު ފިޔަވަ އެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. "ދޫ މައްޗަށް ފަސޭހަ، މީޒާނުގައި ބުރަދަން ބޮޑު، ރަޙުމާނުވަންތަ އިލާޙުގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ދެ ކަލިމައެއްވެ އެވެ. އެއީ سُبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ العظيمِ އެވެ."(ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމްއެވެ.)
ޢާއިޝާ رضي الله عنها ވިދާޅުވި އެވެ. "ރަސޫލާ صلى الله عليه وسلم (ދުނިޔެ ދޫކުރެއްވުމުގެ ކުޑަދުވަސްކޮޅެއް ކުރިން) ގިނަގިނައިން سُبْحَانَ اللهِ وَبِحَمْدِهِ، أَسْتَغفِرُ اللهَ، وَأَتوبُ إلَيْهِ މި ދުޢާ ވިދާޅުވެ އުޅުއްވި އެވެ." (ރިވާކުރެއްވީ އަލްއިމާމުލް ބުޚާރީއާއި އަލްއިމާމު މުސްލިމްއެވެ.)
މިތާނގައި ހިމަނާލާފައި މިވަނީ، ކުރު ޢިބާރާތްތަކުގެ މައްޗަށް އެކުލެވޭ، އެހެނަސް އެ ޒިކުރުތަކުގެ މަތިވެރިކަން ނުހަނު ބޮޑު ޒިކުރު ތަކެވެ. މިއީ ދަސްކޮށްލަން ފަސޭހަ، އަދި އަބަދާއިއަބަދުމެ ކިޔުމަށް ސުންނަތުން ސާބިތުވާ ޒިކުރުތަކެކެވެ. މި ޒިކުރުތައް ރޯދައަށް ހުންނަ ވަގުތު ތަކުގައްޔާއި، އަދި އެނޫން ވަގުތުތަކުގައިވެސް ގިނަގިނައިން ކިޔުމަކީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞީލުކޮށްދޭނޭ ކަމެކެވެ.