ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން ޖޯޑު ރަންބީރު ކަޕޫރާއި އާލިއާ ބަޓް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަނީ ކައިވެނިކޮށްފަ އެވެ.
މި ކައިވެނީގެ ރަސްމިއްޔާތުގައި ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރުން ބައިވެރިވީ އެމީހުންގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މަދު ބައެކެވެ.
ރަންބީރާއި އާލިއާގެ ކައިވެނީގެ ވާހަކަތައް އިންޑިޔާގެ ނޫސްތަކުގައި ފުލުފުލުގައި ލިޔަމުންދިޔައިރުވެސް އެމީހުން ރަސްމީކޮށް އެ ވާހަކަ ހާމައެއް ނުކުރެ އެވެ. ނަމަވެސް ކައިވެނިކުރަން އޮތް ދުވަހުގެ ކުރީ ދުވަހު ރަންބީރުގެ މަންމަ ނީތޫ ސިންގް އާއި ދައްތަ ރިދިމާ ސަހާނީ ވަނީ 14 އޭޕްރީލްގައި އެ ކައިވެނިކުރާނެ ކަމަށް ބުނެފަ އެވެ.
ރަންބީރުގެ ކައިވެނި ވެފައިވަނީ ކަޕޫރު އާއިލާއަށް ވަރަށް ޖަޒުބާތުން ފުރިގެންވާ ދުވަހަކަށެވެ. ރަންބީރުގެ ބޮޑުބޭބެ ރަންދީރު ބުނި ގޮތުގައި މި ކައިވެނި ކުރާ ތަން ދުށުމަކީ އޭނާގެ ކޮއްކޮ ރިޝީ ކަޕޫރު (ޗިންޓޫ)ގެ ހުވަފެނެކެވެ. އަދި ރިޝީ ނެތުމުގެ ހިތާމަ ރަންދީރުގެ އިތުރުން އާއިލާގެ އެންމެންނަށް ވެސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ރަންދީރު ބުނި ގޮތުގައި ކައިވެނީގެ ރަސްމިއްޔާތުގައި ކޮއްކޮއަށް ބައިވެރިވެވުނު ނަމަ ހާދަ އުފާވީހޭ އޭނާ ހިތަށް އަރަ އެވެ.
"ކޮންމެ ދުވަހަކުވެސް އަހަރެމެންނަށް ޗިންޓޫގެ ހަނދާންވޭ. ނަމަވެސް މިއަދު މާބޮޑަށް އޭނާ މަތިން ހަނދާންވޭ،" އަސަރުން ފުރިފައިވާ ރަންދީރު ބުންޏެވެ.
ރަންބީރުގެ ލޯބިވެރިޔެއްގެ ގޮތުގައި އާލިއާ ހޭދަކުރި ފަސް ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ވަނީ މައިދައިތަ ނީތޫ އާއި ފަހަރި ރިދިމާގެ އިތުރުން ކަޕޫރު އާއިލާގެ އެންމެންގެ ހިތްތައް އަތުލާފަ އެވެ. އެ ހުރިހާ މީހުން ވެސް ބުނަނީ އާލިއާ އަކީ ވަރަށް ލޯބި އަދި އެހާމެ ރަނގަޅު އަންހެން ކުއްޖެއް ކަމަށެވެ. އަދި އާލިއާ އަށް ވުރެ ރަނގަޅު ހަޔާތުގެ ބައިވެރިޔެއް ރަންބީރަށް ނުލިބޭނެ ކަމަށެވެ.
ކައިވެނީގެ ރަސްމިއްޔާތަށްފަހު އާލިއާ ޝެއާ ކުރި ފުރަތަމަ ޕޯސްޓްގައި އާ ހަނދާންތަކެއް ރަންބީރު އާއެކު ބިނާކުރުމަށް އުންމީދުކުރާ ކަމަށް ބުނެފައި ވެއެވެ.