އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ރަށެއްގައި ދިރިއުޅޭ ވަރަށް ދުވަސްވީ ދެމަފިރިއެއްގެ އަރާރުން މާހޫނުވެ މައްސަލަ ހައްލުނުވެގެން ފުލުހުން އެހީތެރިވެއްޖެ އެވެ.
އެ ސރަހައްދުގެ ފުލުހުން ބުނި ގޮތުގައި ޝިވާނާތު އާއި ޖަންކާ ދޭވީ އަރާރުމަށްފަހު ދިރިއުޅެމުން ދިޔައީ ވަކި ދެ ގެއެއްގަ އެވެ. އެންމެ ފަހުން އެމީހުން ޕޮލިސް ސްޓޭޝަނަށް ދާން އަންގައިގެން ގެންގޮސް ޖެހިގެން އުޅޭ މައްސަލަ ހައްލުކޮށްދޭން ފުލުހުން އެހީތެރިވެދިނީ އެވެ.
މި ކަމެއް ހިނގާފައިވަނީ ކަތުރާ ބާޒާރުގެ ގޮންޑާ ކިޔާ އަވަށެއްގައި މި ހިނގާ އެޕްރީލް މަހުގެ ތެރޭގަ އެވެ. މިކަން މީހުންގެ ސަމާލުކަމަށް އައީ މި މީހުން ޕޮލިސް ސްޓޭޝަނުގައި ތިއްބާ ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލް ވެގެންނެވެ،
ފުލުހުންގެ އިސް އޮފިސަރުން ވަނީ ދެމަފިރިންނާ ވަކިވަކިން ވާހަކަ ދައްކައި އެމީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ ދެނެގަނެ އެކަން ހައްލުކޮށްދީފަ އެވެ.
ވައިރަލްވެގެން އުޅޭ ވީޑީއޯއިން ފެންނަނީ ދެމަފިރިން ސުލްހަވެ އެކަކު އަނެކަކަށް ފޮނި ކާއެއްޗެތި ލަވާ ކާން ދޭން ތަނެވެ. ދުވަސްވީ ފިރިހެން މީހާ އޭނާގެ އަންހެނުންގެ އަނގަޔަށް ފޮނި ކާއެތިކޮޅެއް ލަވަމުން "އަހަރެންގެ އަތުގައި ދަތް ނާޅައްޗޭ" ބުނާ ތަން ވެސް މި ވީޑިއޯގައި ފެނެ އެވެ.
ވައިރަލް ވެފައިވާ ވީޑީއޯއަކީ ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ޕޯސްޓްކޮށްފައިވާ ޓުވީޓެކެވެ. އެ ޓުވީޓް ޝެއާ ކުރަމުން ފުލުހުން ބުނެފައިވާ ގޮތުގައި އުމުރުން 75 އަހަރުގެ މި ދެމަފިރިން މިހާރު ވަނީ ސުލްހަ ގާއިމްކޮށްފަ އެވެ. އެމީހުންގެ މެދުގައި ހުރި ޚިލާފުތައް ނައްތާލީ ދެ މީހުން ވެސް ކޮންމެވެސް ވަރަކަށް ދޫދީގެން ކަމަށެވެ.
މި ވީޑިއޯ ބަލާފައި އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ވަނީ ފުލުހުންގެ މި މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.