ބޮލީވުޑް

އާލިއާ-ރަންބީރު ކައިވެނި: ފެއާރީ ޓޭލް އެއް

މިޒަމާނުގައި ފެއަރީ ޓޭލް ވާހަކައެއް ހަގީގަތަކަށް ވެދާނެ ކަމަށް ގަބޫލުކުރާ މީހުން މަދުވާނެ އެވެ. ނަމަވެސް އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް ސިފަ ކުރާ ގޮތުގައި ރަންބީރު ކަޕޫރާއި އާލިއާގެ ކައިވެންޏަކީ ހަމަ ފެއާރީ ޓޭލް އެކެވެ.

"ކާކު ބުނަނީ މިޒަމާނުގައި ފެއާރީ ޓޭލް ހަގީގަތަކަށް ނުވާނޭ،" ދަރިފުޅުގެ ކައިވެނިން ވީ އުފަލުން ޖަޒުބާތުގައި ޖެހިފައިވާ ބަޓް ނޫސްވެރިން ކައިރީ ބުންޏެވެ.

މިކައިވެނީގެ ފޮޓޯތައް ބަލާލުމުން ހަމަ ހަގީގަތުގައި ވެސް މިއީ ފެއާރީ ޓޭލް އެކޭ ހީވާވަރު ވެއެވެ. އެ ފޮޓޯތައް އެހާވެސް ރޮމެންޓިކެވެ. އަދި އަލަތު ކައިވެނީގެ ދެމަފިރިން ހީވަނީ ހަމަ ޕަރީންގެ ވާހަކައިގައި އުޅޭ ކަހަލަ ރީތި ޕްރިންސް އަކާއި ޕްރިންސަސް އެއް ހެންނެވެ.

ހަގީގަތުގައި ވެސް އާލިއާ އާއި ރަންބީރުގެ ލޯބީގެ ވާހަކަ ފެއަރީ ޓޭލް އަކަށް ދުލެއް ނުކުރެ އެވެ. އާލިއާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ އާއި ރަންބީރު ފުރަތަމަ ބައްދަލުވީ 2014 ވަނަ އަހަރު އެވެ. އެމީހުން އެ ފަހަރު ބައްދަލުވީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ "ބްލެކް" އުފެއްދުމުގެ މަސައްކަތް ކުރިއިރު އެ ފިލްމުގެ ސެޓުންނެވެ.

އާލިއާ އެ ދުވަހު އެ ސެޓަށް ދިޔައީ ފިލްމުގައި ރާނީ މުކަރުޖީގެ ކުޑައިރުގެ ރޯލު ކުޅެފައިވާ ބަތަލާގެ ރޯލަށް އޮޑިޝަން ދޭށެވެ. ރަންބީރު އޭރު މަސައްކަތް ކުރަމުން ދިޔައީ ބާންސާލީގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ.

އާލިއާ އަކީ އެންމެ ކުޑަ އިރުއްސުރެ ރަންބީރާ ހެދި މޮޔަވެފައިވާ ކުއްޖެކެވެ. އެހެންވެ އެ ދުވަހުގެ ސެޓުން ރަންބީރާ ބައްދަލުވުމުން އޭނާ ގަތީ އަމަށަކު ލަދެއް ނޫނެވެ.

"އޮޑިޝަންގައި އަހަންނަށް ޖެހުނީ ރަންބީރުގެ ކޮނޑުގައި ބޯއަޅާލަން. އަހަންނަށް ލަދުން ގޮސް އެކަމެއް ނުވި،" އާލިއާ ބުނެފައި ވެއެވެ. ފަހުން އެ ރޯލު ކުޅުނީ އެހެން ޗައިލްޑް އާޓިސްޓެކެވެ.

އޭގެ ފަހުން ދެވަނަ ފަހަރަށް އެމީހުން ބައްދަލުވީ "ބްރަހްމަޝްތުރާ"ގެ ސެޓުންނެވެ. މި ފިލްމަކީ އެ މީހުން އެކުގައި ކުޅެން ސޮއިކުރި ފުރަތަމަ ޕްރޮޖެކްޓް ވެސް މެއެވެ.

ފުރަތަމަ ނަޒަރަކުން އެކަކު އަނެކަކު ދެކެ ލޯބި ވެވުނީކަމަށް އާލިއާ އާއި ރަންބީރު ވެސް ބުނެ އެވެ. ޔަގީންވާ ކަމަކީ ފުރަތަމަ ބައްދަލުވުމާއެކު އެމީހުންގެ ގުޅުން ދުވަހަކު ވަކި ނުވޭވަރުގެ ގުޅުމަކަށް ބަދަލުވެގެން ދިޔަ ކަމެވެ.

ބޮލީވުޑް ބައެއް ޚަބަރުތައް ބުނާ ގޮތުގައި އޭރު އާލިއާ އުޅެނީ ސިދާރްތު މަލްހޯތުރާ އާ ރައްޓެހިވެގެންނެވެ. ނަމަވެސް ރަންބީރުއާ ބައްދަލުވެ އޭނާއާ ގުޅުމުގެ ފުރުސަތު އޮތްކަން ޔަގީންވުމުން އޭނާ ވަގުތުން ސިދާރްތު އާ ރުޅިވީ އެވެ. ރުޅިވީ ސަބަބެއް ވެސް ސިދާރްތު އަށް އަންގާލުމެއް ނެތި އެވެ.

ރަންބީރު އޭރު ހުރީ ކެޓުރީނާ ކައިފް އާއި ހަތް އަހަރު ދުވަސް ވަންދެން ލޯބިވެގެން އުޅުމަށްފަހު ރުޅިވެގެންނެވެ.

ރަންބީރު އާއި އާލިއާގެ ކައިވެންޏަކީ މާބޮޑުކޮށް ބޭއްވި ރަސްމިއްޔާތަކަށް ނުވިޔަސް އަގުބޮޑު ކައިވެނިތަކަށް ވުރެ އެމީހުންގެ ފޭނުން މި ކައިވެނީގެ މަންޒަރުތަކާ މާގަޔާވި އެވެ. ސަބަބަކީ މި ކައިވެނީގެ ރަސްމިއްޔާތުގެ ހަމަ ކޮންމެ ފޮޓޯއަކުން ވެސް ލޯބި އުތުރި އަރާތީ އެވެ.

ކައިވެނީގެ ފޮޓޯތައް ހިއްސާކުރަމުން އާލިއާ ލިޔެފައިވާ ގޮތުގައި އެމީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ ފާއިތުވީ ފަސްވަރަކަށް އަހަރު ލޯބިވެރިންގެ ގޮތުގައި އެމީހުން ގިނަ ވަގުތުތަކެއް ހޭދަކުރި އެމީހުންގެ ފޭވަރިޓް ގޭގެ ފޭވަރިޓް ބެލްކަނީގައި އެމީހުންގެ އެންމެ ލޯބިވާ އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ކުރިމަތީގަ އެވެ.

އެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ ކަންތައްތަކެއް މާޒީއަށް ދޫކޮށްފައި ކަމަށާއި ލޯތްބާއި ހިނިތުންވުމާއި އަރާމާއި އުފަލާއި މޫވީ ނައިޓްސް ތަކުން ފުރިގެންވާ އުފާވެރި ހަނދާންތަކެއް ރައްކާކުރުމުގެ އުންމީދާ އެކުގައި ކަމަށެވެ.