ސާފް ސުޒުކީ ކަޕް

ތަފާތު ބޮޑުކޮށް ބަލިވީ އަމިއްލަ މިސްޓޭކުން: ކޯޗު

އަފްގާނިސްތާން އަތުން ފުރަތަމަ ފަހަރަށް މިއަދު ބަލިވިއިރު ތަފާތު ބޮޑުވީ ރާއްޖެ ބަލިވެ ގްރޫޕުގެ އެއްވަނަ މަގާމު ގެއްލުނީ އަމިއްލަ މިސްޓޭކުން ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ ކީޕަރު އިމްރާން މުހައްމަދަށް ވެސް މެޗުގައި ގޯސްތަކެއް ހެދުނު ކަމަށާއި މެޗުގައި ސީނިއާ ބައެއް ކުޅުންތެރިން ބޭނުން ނުކުރަން އޭނާ ނިންމީ ސެމީ ފައިނަލް މެޗު ކުރިއަށް އޮތުމުން ކަަމަށެވެ.

"އަފްގާނިސްތާނަކީ އަހަރުމެންނަށް ވުރެ މާޕްރޮފެޝަނަލް ކުޅުންތެރިން ތިބި ގައުމެއް. ދުނިޔޭގެ އެތަން މިތަނުގައި އެމީހުން ކުޅޭ. ޕްރޮފެޝަނަލް ލީގުތަކުގައި ކުޅޭ ކުޅުންތެރިން ގިނައީ. ރާއްޖޭގައި އަޝްފާގް އެކަނިހެން ބޭރުގައި ދުވަސްކޮޅެއް ވަންދެން ވެސް މި ކުޅުނީ. މި ތަފާތު މެޗުގައި ފެނުނު،" ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ސެމީ ފައިނަލަށް ޓީމު ތައްޔާރުވާނެ ކަމަށާއި 1.5 ބިލިއަން މީހުން އުޅޭ އިންޑިޔާ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

"އަހަރެން ޓީމުގައި ގިނައިން މިތިބީ ވަރަށް ޒުވާން ކުޅުންތެރިން. މި ކުޅުންތެރިން މަޑުމަޑުން މި ފަދަ މެޗުތަކަށް ހޭނެމުންދާނެ. މިއަދުގެ ޕްރެޝަރާއި ހުރިހާ ކަމެއް ގޯސްކޮށް ދިޔައިމަ އެއީ އެމީހުންނަށް މުޅިން އާތަޖުރިބާ އެއް. ނަމަވެސް ޓީމު ތައްޔާރުވާނެ އިންޑިޔާ މެޗަށް. އަހަރުމެން އުއްމީދު އެބައޮތް،" ކޯޗު ބުންޏެވެ.

ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިޔާ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.