އަލްމަރްހޫމާ ނޫރައްނަހާރު ޒަކަރިއްޔާގެ ހަނދާނުގައި ބޭއްވި ޔޫއެސްސީ 22 ވަނަ ގުރުއާން މުބާރާތުގެ އެއްވަނަ އއ. މަތިވެރި އާޒާދުގެ އާއިޝަތު ފައިހާ މޫސާ ހޯދައިފި އެވެ.
މަތިވެރި ޔުނިއަން ސްޕޯޓްސް ކްލަބުން ކޮންމެ ރޯދަ މަހަކު ބާއްވާ މި މުބާރާތް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ރޯދަ މަހުގެ ފަސްވަނަ ދުވަހާއި ހަވަނަ ދުވަހު އެވެ. މުބާރާތުގައި 174 ބައިވެރިއަކު ވަނީ ގުރުއާން ކިޔަވާފައެވެ.
މުބާރާތް ކުރިއަށް ގެންދިޔައީ ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފި ހިމަނައިގެންނެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ޔުނިއަން ސްޕޯޓްސް ކްލަބު އިދާރާގައި ވަނީ މުބާރާތުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައެވެ. މުޅި މުބާރާތުން އެއްވަނަ އަށް ދިޔައީ އއ. މަތިވެރި އާޒާދުގެ އާއިޝަތު ފައިހާ މޫސާ އެވެ.
ދެވަނަ ހޯދާފައިވަނީ މަތިވެރި، ފައިންބީޗް ފާތިމަތު ޝައިހާ ފަހްމީ އެވެ. ތިންވަނަ ހޯދީ އެ ރަށު ގްރީންވިލާ މަރްޔަމް ނާއިޝް މަންސޫރެވެ.
މިއީ މި މުބާރާތް މެދުކެނޑުމެއް ނެތި ބާއްވަމުންދާތާ 22 ވަނަ އަހަރެވެ.
ވަރަށް ގިނަ ބައެއްގެ އެހީތެރިކަމުގައި ބޭއްވި މި މުބާރާތް އަންނަ އަހަރުވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
މަތިވެރި ޔުނިއަން ސްޕޯޓްސް ކްލަބަކީ އަރިއަތޮޅުގައިވެސް ފާހަގަކޮށްލެވޭ ކުލަބެކެވެ. މަތިވެރީގެ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަހުރުވެރި ތާރީހެއް އޮތް އެ ކުލަބުން ގެންދަނީ ރަށުގައި އިޖްތިމާއީ ހަރަކާތްތައްވެސް ހިންގަމުންނެވެ.