ސާފް ސުޒުކީ ކަޕް

މިއީ ތާރީހީ ކާމިޔާބީއެއް: އަފްގާން ކޯޗު

ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ރާއްޖެ 4-1އިން ބަލިކުރެވުމަކީ ވަރަށް ތާރީހީ ކާމިޔާބީއެއް ކަމަށް އަފްގާނިސްތާނުގެ ކޯޗު ޕީޓަ ސެގަޓް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ވަނީ މިއީ ރާއްޖޭގެ މައްޗަށް އަފްގާނިސްތާން ހޯދި ފުރަތަމަ ކާމިޔާބީކަން ފާހަގަކޮށްފަ އެވެ.

"މިއީ އަފްގާނިސްތާނުގެ ތާރީހުގައި ވެސް ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު. އެހެންވީމާ އަހަރެންގެ ކުޅުންތެރިންނާއި ޓީމަށް މަރުހަބާކިޔަން. އަދި މިއަދު ހަތަރު ގޯލު ޖެހުމަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ ކަމެއް،" ކޯޗު ބުންޏެވެ.

އޭނާގެ ޓީމުގެ ޑިފެންސް ބަލިކަމަށް ނޫސްވެރިން ބުނުމުން ކޯޗު ބުނީ އަފްގާނިސްތާން ކުޅެނީ އެޓޭނިން ގޭމެއް ކަމަށާއި މިއަދު ޑިފެންސް ބަލިވީ ބައެއް ކުޅުންތެރިން ބަދަލުކޮށްގެން ކުޅުނީމަ ކަމަށެވެ.

"ސެމީ ފައިނަލަށް ގޮސްފައި އޮތީ. ދެން ހަ ދުވަސް ތެރޭގައި ތިން މެޗު ކުޅެން ޖެހުނީ. މިހެންވީމަ އަހަރެން (ފުރަތަމަ 11ގައި ހިމެނޭ) ފަސް ކުޅުންތެރިން ބަދަލު ކުރިން (ނާރުވަން). ރާއްޖެ ވެސް ފަސް ކުޅުންތެރިން ބަދަލު ކުރި. މިހެންވީމަ ކުރިން އެކުގައި ނުކުޅޭ ކުޅުންތެރިން އެކުވީމަ ކުޑަކޮށް އެކަހަލަ ގޮތަކަށް ދިޔައީ. އެހެން ނަމަވެސް އަހަރުމެން އެނބުރި އަންނާނަން ސެމީ ފައިނަލް މެޗުގައި،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ސެމީ ފައިނަލުގައި ކުޅެންޖެހޭ ލަންކާ އަކީ ރަނގަޅު ފުޓްބޯޅައެއް ކުޅޭ މޮޅު ގައުމެއް ކަމަށާއި އަފްގާނިސްތާން އެ މެޗުން ކާމިޔާބު ހޯދާނެ ގޮތް ހޯދާނެ ކަމަށެވެ.

ސެމީ ފައިނަލުގައި ލަންކާ އާއި އަފްގާނިސްތާން ބައްދަލުކުރާނީ ބުރާސްފަތި ދުވަހު އިރުއޮއްސޭއިރު އެވެ.