ބޮލީވުޑް

ޝޫޓިންއަށް ދިޔައީ ރޮމުން: ބާރްތީ

އިންޑިޔާގެ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގް ވިހޭތާ އެންމެ 12 ދުވަސް ފަހުން ޝޫޓިންގްތަކުގައި އަލުން ބައިވެރިވާން ފަށައިފި އެވެ. ބާރްތީ އާއި ފިރިމީހާ ހަރްޝް ލަމްބާޗިޔާ ހޯސްޓްކުރާ ރިއަލިޓީ ޓީވީ ޝޯ "ހުނަރުބާޒު" ގެ ސެޓަށް އެނބުރި އައިސް ނޫސްވެރިންނާ ވާހަކަ ދައްކަމުން ބާރްތީ ބުނީ އޭނާ ގެއިން ނުކުމެގެން ޝޫޓިންގަށް ދިޔައީ ރޮމުން ކަމަށެވެ. ނަމަވެސް މި ޝޯ ހޯސްޓް ކޮށްދިނުމަކީ އޭނާ މާ ކުރިއްސުރެ އެއްބަސްވެފައިވާ ކަމަކަށް ވާތީ އެކަން ކުރަން މަޖްބޫރުވީ ކަމަށެވެ.

"އެންމެ 12 ދުވަސްވީ ދަރިފުޅު ދޫކޮށްލާފައި ޝޫޓިންގަށް ދިއުމަކީ އަހަންނަށް ވަރަށް އުނދަގޫވި ކަމެއް. ތެދަށް ބުނާކަމަށް ވަންޏާ ބުނެވޭނީ އަހަރެން ގެއިން ނުކުތީ އަދި މިތަނަށް މިއައީ ރޮމުން ރޮމުންނޭ. އަހަރެން މި ޝޯ ފަށައި ދިނީ. އެހެންވީމާ ގްރޭންޑް ފިނާލޭގައި ވެސް އަހަރެން ބައިވެރިވާން ޖެހޭނެތާ،" ބާރްތީ ބުންޏެވެ.

ނޫސްވެރިން ކައިރީ ބާރްތީ ބުނީ އޭނާއަށް ބޭނުންވާ ހިތްވަރާއި އެނާޖީ ލިބުނީ ނޫސްވެރިންގެ އެއްބާރުލުމާއި ހިތްވަރުން ކަމަށެވެ.
ވިހޭތާ އެންމެ 12 ދުވަސް ތެރޭ ބާރްތީ އެނބުރި ޝޫޓިންގް އަށް އައިގޮތަށް ވިހަން އެންމެ ފަހު ދުވަހަށް ވަންދެން ވެސް ބާރްތީ އުޅުނީ ޝޫޓިންގައެވެ.