ބޮލީވުޑް

މަންޖޫ ސިންގް މަރުވެއްޖެ

ހިންދީ ބައެއް ފިލްމުތަކުން ފެނިފައިވާ މަންޖޫ ސިންގް މަރުވެއްޖެ އެވެ. މަޝްހޫރު ލިރިސިސްޓް ސްވާނަންދް ކިރްކިރޭ ވަނީ މަންޖޫ މަރުވި ވާޙަކަ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެއާއެކު އިންޑަސްޓްރީގައި ތިބި މަންޖޫ އާ އެކު މަސައްކަތް ކޮށްފައިވާ ފަންނާނުން މިކަމާ ހިތާމަކޮށް މެސެޖުތައް ޝެއާ ކުރަން ވަނީ ފަށާފަ އެވެ.

މަންޖޫ އަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެކެވެ. އަދި އިންޑިއާގެ ޓީވީ ވިޔަފާރި ކުރިއެރުވުމުގައި މުހިއްމު ދައުރެއް ކުޅެފައިވާ މީހެކެވެ.
"ސްވަރާޖް"، "އޭކް ކަހާނީ" އަދި "ޝޯ ޓައިމް" އަކީ މަންޖޫ ޕްރޮޑިއުސްކޮށްފައިވާ ޝޯ ތަކެވެ. އަދި "ކޭލް ކިލޯނޭ"ކިޔާ ކުޑަކުދިންގެ ޝޯއެއް ހަތް އަހަރު ވަންދެން މަންޖޫ ހޯސްޓްކުރި އެވެ.

ޑައިރެކްޓަރު ރިޝީކޭޝް މުކަރުޖީގެ "ގޯލް މާލް" ގައި މަންޖޫ ކުޅެފައިވަނީ ރަތުނާގެ ކެރެކްޓާ އެވެ.

ކުއްލިއަކަށް ހިތް ހުއްޓިގެން ހުކުރު ދުވަހު މަންޖޫ މަރުވިއިރު އޭނާ ގެންދިޔައީ ދޫރްދަރްޝަން ޗެނަލްއަށް ޝޯއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.