މިފްކޯ

ކޮންމެ ދޯންޏަކުން ހަތް ޓަނު ކިރާގޮތަށް ނިންމައިފި

މާދަމާ އިން ފެށިގެން ކޮންމެ ދޯންޏަކުން ހަތް ޓަނުގެ މަސް ކިރާ ގޮތަށް ނިންމާ އެކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިއުލާނު ކޮށްފި އެވެ.

މިފްކޯ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރާ ފްރީޒް ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ ކަމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން މަސް ގަންނަމުން އައީ ކިއު ތަރުތީބުން ކޮންޓްރޯލް ކޮށްގެން ކަމަށެވެ.

ނަމަވެސް އައިސް އަޅާފައި ހުރި ދޯނިތަކުގައި ހުރި މަސްތައް ހަލާކުވެދާނެތީ އަވަސް ކުރުމުގެ ގޮތުން އޭޕްރީލް 12 ވަނަ ދުވަހުން ގެށިެގން ކޮންޓްރޯލް ކުރުމަކާއި ނުލައި މަސް ކިރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އިއްޔެގެ ނިޔަލަށް ކިއު ތަރުތީބުން ހުރިހާ ދޯނިތަކުގެ މަސް ކިރާ ނިމިފައިވާ ކަމަށެވެ.

މިފްކޯ އިން ބުނީ މަސްވެރީން ބާނާ މަސް އަދިވެސް ހުރީ އެއް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ވުމުން ކެޕޭސިޓީ އާއި އެއްވަރަށް މެނޭޖް ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ނިންްމުމާއެކު މާދަމާއިން ފެށިގެން ދޯންޏަކުން ކިރާނީ ހަތް ޓަނުގެ މަސް ކަމަށް ވަނީ ހަމަޖައްސާފައެވެ.

"މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން މި ގެންދަނީ މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި އަވަސް ހިދުމަތް ފޯރުކޮށްދީ މަސްވެރިންގެ ކަބްބޮޑުވުންތައް ބަލައިގަނެ މި ކުންފުނިން ދެވޭ ހިދުމަތަކީ މަސްވެރިންނަށް ފަސޭހަ ހިދުމަތަކަށް ހެދުމަށެވެ،" މިފްކޯގެ ބަޔާނުގައިވެއެވެ.

63 ދޯންޏަކުން 900 ޓަނުގެ މަސް

ދެކުނުގެ މަސްވެރިކަން ރަނގަޅުވިއިރު މިފްކޯ އަށް އެ ސަރަހައްދުގައި މަސް ފިނިކޮށް ބެހެއްޓޭނެ ކެޕޭސިޓީ އަކީ ގާތްގަނޑަކަށް 490 ޓަނެވެ. އެއީ ކޫއްޑޫގައި ހުރި 240 ޓަނާއި، އައްޑޫގައި ހުރި 60 ޓަނާއި، ޖަޒީރާ 102 ބޯޓުގައި ހުރި 120 ޓަނާއި، މަހާކަލަމިންޖާ ބޯޓުގައި ހުރި 70 ޓަނުގެ ކެޕޭސިޓީ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވީ ކޫއްޑޫ ބަނދަރުގައި އޮތް ހުރިހާ ދޯންޏެއްގެ މަސް ގަންނަން ނިންމިއިރު ކިޔުގައި 63 ދޯނި އޮތް ކަމަށެވެ. އަދި އެ ހުރިހާ ދޯންޏެއްގެ މަސް ގަނެ ނިމުނުއިރު 900 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ.

ކެޕޭސިޓީ ނެތިގެން މަސް ގަތުން ކޮންޓްރޯލް ކުރުމަށްފަހު އަލުން މަސް ގަންނަން ފެށީ ކެޕެސިޓީ އަށް ކޮން ބަދަލެއް ގެނެސްގެންތޯ އެހުމުން އިސްމާއިލް ވިދާޅުވީ ކޫއްޑޫ ބަނދަރުގައި މިވަގުތު އޮތް ދޯނިތަކުގައި ހުރި ހުރިހާ މަހެއް ކިރާ ނިމެންދެން އިތުރު ދޯންޏަކަށް ކިޔު ނަންބަރު ދޫނުކުރާ ކަމަށެވެ. އަދި ކިޔުގައިވާ ދޯނިތަކުގައި ހުރި މަސްތައް ކިރަނީ ކޮންމެ ދުވަހަކަށް މިފްކޯގެ ކެޕޭސިޓީގައި މަސް ފިނިކުރެވޭނެ ގޮތް ބަލައިގެން ވަކި ގޮތަކަށް އެ އަދަދުތައް ދުވަސްތަކަކަށް ބަހާލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން ގިނަ މަސައްކަތްތަކެއް

މަސްގަަތުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުުރުމުގެ ގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖް 500 މެޓްރިކް ޓަނަށް ވަނީ ބަދަލުކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތް ނިމުމުން ކެޕޭސިޓީ 8 ގުނަ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެ ގޮތުން 4،000 މެޓްރިކް ޓަނަށް އާ ކޯލްޑް ސްޓޭރޭޖް ބަދަލުވާނެ އެވެ.

މީގެ އިތުރުން ކޫއްޑޫގައި މިހާރު ގާއިމުކޮށްފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނަމަވެސް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރެވިގެންދާނެ އެވެ. އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަކާއި ގދ ތިނަދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އެއް އަދި މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ މައްސަލައަށް ހައްލ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ރ. މަޑުއްވަރީ އާއި ކ. ގާފަރު ވަނީ އައިސްޕްލާންޓް ހަދާފައެވެ.

އަދި 15 ރަށެއްގައި އައިސްޕްލާންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.