ލަންކާއަށް ބޭރުގެ ދަރަނި ދެއްކޭނެ ގޮތެއް ނެތި ބަނގުރޫޓުވި ނަމަވެސް ލަންކާ ދޫކޮށްލާފައި ނުދާނެ ކަމަށް ޗައިނާ ބުނެފި އެވެ. މިއީ އިގުތިސޯދީ ގޮތުން ގޮތް ހުސްވެފައި އޮތް ލަންކާއަށް އެހީތެރިވާނެ ކަމަށް ޗައިނާ ބުނި ދެވަނަ ފަހަރެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުގައި ލަންކާ "ޑީފޯލްޓް" ވުމަކުން ޗައިނާއަށް ވެދެވެން ހުރި އެހީތައް ހުއްޓުނީއެއް ނޫނެވެ.
ލަންކާގެ އިގުތިސޯދު ކޮޅަށް ޖަހައި އާދައިގެ ހާލަތަށް ގެނައުމަށް އެހީތެރިވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ލަންކާއިން އިންޓަނޭޝަނަލް މަނީޓަރީ ފަންޑް (އައިއެމްއެފް) އާއެކު ކުރާ މަޝްވަރާތަކަށް ފަސޭހަކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކައާއެކު ޗައިނާ ދެމި އޮންނާނީ ސަރަހައްދީ މަސްލަހަތަށް ވެސް ވިސްނައިގެން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ލަންކާއަށް އެހީތެރިވެދެވެން ހުރި ދާއިރާތަކުން އެހީތެރިކަން އަވަސް ކޮށްދެއްވާނެ ކަމަށެވެ.
ލަންކާ ސަރުކާރުން ބުނާ ގޮތުން ގައުމުގެ އިގުތިސޯދު އެހާބޮޑަށް އަޑިއަޅާލީ ކޮވިޑްގެ ސަބަބުންނެވެ. އެހެން ނަމަވެސް ސިޔާސީ ފިކުރު އިދިކޮޅު މީހުން ގަބޫލުކުރާ ގޮތުގައި ލަންކާގެ އިގުތިސޯދު މިއިން ޒަމާނަކު ނުދާހާ އަޑިއަށް ދިޔައީ ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވާލާފައި ނެތުމުންނެވެ.
ލަންކާއަށް ބޭނުންވާ ތެލާއި ކާބޯތަކެތި އަދި ބޭސްފަރުވާއަށް ގައުމަށް އެތެރެކުރަން ޖެހޭ ޒަރޫރީ ބާވަތްތައް އެތެރެކުރެވޭ ވަރަށް ވެސް މާލިއްޔަތުގައި ކަމެއް ނެތް ކަމަށް ސަރުކާރުން ބުނެ އެވެ.
ބޭރުފައިސާއަށް ބަރޯސާވުން މަޖޫބޫރު ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން ޓޫރިޒަމް ބަންދުކޮށްފައި އޮތުމުން ހޭދަކުރާނެ ބޭރުފައިސާއެއް ގައުމުގައި ނެތެވެ.
ގައުމަށް ދިމާވެފައި އޮތް އިގުތިސޯދީ ހާލަތަށް ނުރުހުން ފާޅުކުރުމަށް އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގެ ސިލްސިލާއެއް މިހާރު ވަނީ ފަށާފަ އެވެ. އާންމު މަގުތަކާއި ރިޔާސީ ގަނޑުވަރު އަދި މިހާރު ގޯލް ފޭސްއަށް ވެސް ހަމަނުޖެހުންތައް ފުޅާކޮށްފަ އެވެ.
ސަރުކާރާއެކު މަޝްވަރާ ކުރަން ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ދެއްވި ދައުވަތު މުޒާހަރާކުރާ މީހުން ގަބޫލުނުކޮށް ވަނީ ޝަރުތަކެއް ހުށަހަޅާފަ އެވެ. ޝަރުތުތަކުގެ ކޮޅު ގޮސް ޖެހެނީ ރައީސާއި ނައިބް ރައީސްގެ އިސްތުއުފާގަ އެވެ.
ލަންކާ ސަރުކާރުން ބުނާ ގޮތުން އިންޓަނޭޝަލަން މަނީޓަރީ ފަންޑާ މަޝްވަރާކޮށްގެން އިގުތިސޯދީ ހާލަތު ރަނގަޅުކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.