ލައިފްސްޓައިލް

މި ސްކޫލަށް ދިޔަ އެތައް ބަޔަކަށް ކެންސަރު!

އެމެރިކާގެ ނިއު ޖާޒީ ހައި ސްކޫލުގައި ކިޔެވި ދަރިވަރުންނާއި ކިޔަވައި ދިން ޓީޗަރުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނަށް ސިކުނޑީގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހުމުން އެކަން ވީ ގޮތް ތަހުގީގު ކުރަން ފަށައިފި އެވެ.

މި އެންމެންނަށް ވެސް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ބާވަތެއްގެ ކެންސަރެކެވެ. އަދި އެ އެންމެންނަށް ވެސް ކެންސަރު ޖެހުނީ އެ ސްކޫލްގައި ކިޔަވައިދޭން ނުވަތަ ކިޔަވަން އުޅުނުތާ އެތައް އަހަރެއް ފަހުންނެވެ.

މިއީ ކިހިނެއް ދިމާވާ ކަމެއްތޯ ބެލުމަށް އެންމެ ފުރަތަމަ އިސް ނަގައި މަސައްކަތް ފެށީ ވުޑްބްރިޖްގެ މި ސްކޫލުން ކިޔެވި އަލް ލުޕިއާނޯ ކިޔާ ދަރިވަރެކެވެ. އޭނާއަކީ މީގެ 20 އަހަރު ކުރިން ކެންސަރު ޖެހި ބަލިން ފަސޭހަ ވެފައިވާ މީހެކެވެ. އޭނާއަށް ވެސް ޖެހިފައި ވަނީ ހަމަ މަދުން ނޫނީ ނުފެންނަ ސިކުނޑީގެ ކެންސަރެކެވެ.

މިއީ ހަމައެކަނި ލުޕިއާނޯ ދިމާވި ކަމެއް ނޫންކަމާއި އެ ސްކޫލުން ކިޔެވި ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި ކެންސަރު ޖެހިފައިވާކަން އެނގުނީ މި ދަރިވަރު އިސްނަގައި ފެށި މަސައްކަތުންނެވެ.

"މީގެ ހަގީގަތް ނުހޯދާ އަހަރެން ހުއްޓައެއް ނުލާނަން،" ނިއު ޖާޒީގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި 50 އަހަރުގެ މި މީހާ ބުންޏެވެ.
އޭނާއަށް ފުރަތަމަ ކެންސަރު ޖެހުމުން މި ކަހަލަ އެއްވެސް ޚިޔާލެއް އޭނާގެ ހިތަކަށް ނާރަ އެވެ. ނަމަވެސް ފަހުން އޭނާގެ އަންހެނުންނަށް ހަމަ އޭނާއަށް ޖެހުނު ވައްތަރުގެ ކެންސަރު ޖެހުނެވެ. އޭގެ ފަހުން އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އަށްވެސް ހަމަ އެ ވައްތަރުގެ ކެންސަރު ޖެހުނެވެ. އަދި އޭނާގެ ކޮއްކޮ ވަނީ މިދިޔަމަހު އެބަލީގައި ދުނިޔެ ދޫކޮށްފަ އެވެ.

މި ސްކޫލަށް ދިޔަ އެންމެންނަށް ވެސް ޖެހިގެން އުޅެނީ ގްލައޮބްލާސްޓޯމާ އެވެ. މިއީ ސިކުނޑިއަށް ޖެހީ ވަރަށް ނުރައްކާތެރި ކެންސަރެކެވެ.

ލުޕިއާނޯ އަކީ އެންވަޔަރަންމަންޓަލް ސައިންޓިސްޓެކެވެ. މިކަމާ ގުޅޭ ގޮތުން އޭނާ ހޯދި ހޯދުންތަކާއި މި ހޯދުންތަކުގެ ނަތީޖާތައް އޭނާ ލިޔެފައިވަނީ ފޭސްބުކް ގައެވެ. އޭނާ ބުނި ގޮތުގައި މީގެ 20 އަހަރު ކުރިން އޭނާއަށް ކެންސަރު ޖެހުނު ފަހުން އަންހެނުންނާއި ކޮއްކޮ އަށް ހަމަ ކެންސަރު ޖެހި ކޮއްކޮ ދުނިޔެ ދޫކުރުމުން މިއީ އިއްތިފާގެއް ނޫން ކަމަށް އޭނާއަށް ގަބޫލު ކުރެވި ތަހުގީގު ކުރަން ފެށީ އެވެ.

ލުޕިއާނޯގެ ސިކުނޑީގައި ޓިއުމަރެއް އިން ކަން އެނގުނި 2002 ގައެވެ. މިކަމުގެ ހަގީގަތް ހޯދަން ކުރި މަސައްކަތުން މި ބަލި ޖެހިފައިވާ އެތައް ބަޔަކު އޭނާ ހޯދި އެވެ. އަދި މި ހޯދުމުން އޭނާއަށް ފާހަގަ ކުރެވުނު އެންމެ ބޮޑު އަޖައިބަކަށްވީ މި އެންމެންނަކީ ވެސް އޭނާ ކިޔެވި ހައި ސްކޫލް އާ ކޮންމެ ވެސް ގޮތަކުން ގުޅުމެއް އޮތް ބައެއްކަން އެނގުމެވެ. އެ ސްކޫލްގައި ކިޔެވުމަށް ނުވަތަ ކިޔަވާ ދިނުމަށެވެ.

މީގެ ހަ ހަފުތާ ކުރިން އޭނާ ފޭސްބުކް މެދުވެރިކޮށް އޭނާއާއެކު އެ ހައިސްކޫލްގައި ކިޔެވި ދަރިވަރުންނަށް މެސެޖު ކުރި އެވެ. އަދި އޭގެން އެއްވެސް މީހަކަށް ސިކުނޑީގެ ކެންސަރު ޖެހުނުތޯ ސުވާލު ކުރި އެވެ. އިސާހިތަކު އޭނާގެ އިންބޮކްސް ފުރެންދެން ޖަވާބުތައް ލިބުނެވެ.

މީގެ ތެރެއިން ކެންސަރު ޖެހުނުކަމަށް ބުނި ގިނަ މީހުން އެ ސްކޫލުގައި އުޅެފައިވަނީ 1975 އާއި 2000 ވަނަ އަހަރާ ދެމެދުގަ އެވެ. 2014ގައި އުޅުނު މީހުންގެ ތެރެއިން ކެންސަރު ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވަނީ އެންމެ މީހެކެވެ.

އަސްލު ސަބަބަކީ ކޮބައިބާ؟

ލުޕިއާނޯ ބުނި ގޮތުގައި އޭނާގެ ހޯދުންތަކުން ދެއްކީ އެންމެ ކަމެކެވެ. އެތާގެ މާހައުލުގައި ކޮންވެސް ގޮތަކުން ރޭޑިއޭޝަންގެ އަސަރު މާ ބޮޑަށް ހުރުމެވެ. އެއީ ފެން ތަޣައްޔަރު ވެގެނެއް ނޫނެވެ. ވައިގެ ތެރޭގައި ހުރި މައްސަލައެއް ވެސް ނޫނެވެ. އަދި ވެލީގައި ހުރި މައްސަލައެއް ވެސް ނޫނެވެ. އަދި އެމީހުން ގެންގުޅެފައިވާ ގޯސް އާދަތަކަކުން ދިމާވި ކަމެއް ވެސް ނޫނެވެ.

ދެން ލުޕިއާނޯ މަސައްކަތް ފެށީ ސްކޫލު ބިނާކޮށްފައި ހުރި ތަނެވެ. އެ ސްކޫލު އެތަނުގައި އިމާރާތް ކުރުމުގެ ކުރިން އެތަން އޮތް ގޮތެވެ.
އެ ސްކޫލް އަޅާފައި ހުރީ ޖަންގަލީގަ އެވެ. އެހެންކަމުން އެތަނުގައި ކުރިއަކުން އެއްވެސް އިމާރާތެއް ނެތެވެ. އެ ސްކޫލުގައި އެތަނުގައި އެޅި ފުރަތަމަ އިމާރާތެވެ. އެހެންވީމާ އެތާނގެ ބިމުގައި މައްސަލައެއް އުޅޭނެ ކަމަކަށް ބުނާނެ ފުރުސަތެއް ނެތެވެ. ވީކަމެއް ވެފައިވަނީ އިމާރާތް ކުރުމުގެ ތެރޭގައި ކަމަށް އޭނާއަށް ދެން ލަފާ ކުރެވުނެވެ. ނަމަވެސް މީގެ 55 އަހަރު ކުރިން ބިނާކުރި ސްކޫލަކަށް ވާތީ ސްކޫލް އިމާރާތްކުރިއިރު ވެސް އެއްވެސް ރެކޯޑެއް ލުޕިއާނޯ އަކަށް ނުލިބުނެވެ.

އެމެރިކަން އެސޯސިއޭޝަން އޮފް ނިއުރޮލޮޖިކަލް ސާޖަންސް ބުނާ ގޮތުން ގްލައޮބްލާސްޓޯމާ އަކީ ވަރަށް މަދުން ޖެހޭ ކެންސަރެކެވެ. މި ކެންސަރުޖެހުމުގެ ފުރުސަތު އޮންނަނީ ކޮންމެ 100،000 އަކުން 3.21 މީހުންނަށެވެ. ނަމަވެސް ލުޕިއާނޯ ކުރި މަސައްކަތުން އެ ސްކޫލުން ކިޔެވި ދަރިވަރުން ހޯދައި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި 1975 އާއި 2000 ވަނަ އަހަރާ ދެމެދު އެ ސްކޫލަށް ކިޔަވަން ނުވަތަ ކިޔަވައިދޭން ދިޔަ 103 މިހަކަށް ހަމަ މި ވައްތަރުގެ ބްރެއިން ކެންސަރު ޖެހިފައި ވެއެވެ.

އެހެންކަމުން މި ހައި ސްކޫލް ހުންނަ ރަށް ކަމަށްވާ ޥުޑްބްރިޖްގެ އޮފިޝަލުން މިހާރު ރަސްމީކޮށް މިކަން ދިމާވި ގޮތް ތަހުގީގު ކުރަން ވަނީ ފަށާފަ އެވެ.

"މިކަމުގައި ކޮންމެވެސް ކަހަލަ ހަގީގީ މައްސަލަތަކެއް އެބަހުރިކަން ޔަގީން. މި ރަށުގެ ރައްޔިތުންނަށް މި ނުރައްކާ ކުރިމަތިވާ ސަބަބު އެނގެން ޖެހޭނެ،" ނިއު ޔޯކް ޕޯސްޓަށް ދެއްވި ބަޔާނެއްގައި އެ ރަށުގެ މޭޔަރު ވިދާޅުވެފައި ވެއެވެ.

މިހާރު ކަމާ ބެހޭ އިދާރާތަކުން ވިސްނަމުން ދަނީ 28 އޭކަރުގެ ސްކޫލް ކެމްޕަސްގެ ވަށައިގެންވާ އޭރިއާތަކުގެ ރޭޑިއޮލޮޖިކަލް އެސެސްމެންޓެއް ހަދާށެވެ. އަދި އިންޑޯ އޭރިއާތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކުރާށެވެ. ރޭޑޮން ކިޔާ މާއްދާއެއް ހުރިތޯ ބެލުމަށެވެ.