ޑރ. މުހައްމަދު މުއިއްޒު

ފްލެޓްތަކުގެ ސީޓު ކެނޑުން ހުއްޓުވަންޖެހޭ

Apr 17, 2022

ހިޔާ ފްލެޓްތަކުގެ ކޮންކްރީޓް ސްލެބް -- ސީޓު ކެނޑުން ހުއްޓުވާލުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިކަމަށް އެދިވަޑައިގެންނެވީ ހިޔާ ފްލެޓެއްގެ ކޮންކްރީޓް ސްލެބް ކަނޑަނިކޮށް ފެންނަ ވީޑިއޯ އަކާ އެކު އެޗްޑީސީ ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

މޭޔަރު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންކްރީޓް ސްލެބް ކެނޑުން ހުއްޓުވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އެޗްޑީސީއާއި ސަރުކާރުން އެކަން ކޮށްދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ކުރަމުންދާއިރު އެކަން ކުރަންޖެހޭ ވަކި އުސޫލެއް އެޗްޑީސީން ކަނޑައަޅާފައިވެ އެވެ.

އުސޫލުގައިވާ ގޮތުން އިމާރާތުގެ އޮނިގަނޑަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެކެވެ. މީގެތެރޭގައި އިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރަށް އެއްވެސް ބަދަލެއް ގެނައުންވެސް ހިމެނެ އެވެ. ސްލެބް ހިމެނެނީ ކޮންކްރީޓް ސްޓްރަކްޗާގެ ތެރޭގަ އެވެ.

އެޗްޑީސީގެ އުސޫލާ ހިލާފަށް އަމަލުކުރި ފަރާތްތައް އެ ކުންފުނިން މީގެ ކުރިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް މިހާރު ކޮންމެ މަހަކު ކުލީގެ ގޮތުގައި ދައްކަންޖެހޭ 8،500 ރުފިޔާގެ އަދަދު 5،600 ރުފިޔާ އަށް ކުޑަކޮށްދިނުމަށްވެސް މޭޔަރު މުއިއްޒު ގެންދަވަނީ ގޮވާލައްވަމުންނެވެ.