ހިޔާލު

ރަށު ސްކޫލްތަކަށް ސަމާލުކަން އިތުރު ކުރަންޖެހޭ

އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގައި އޮންނަ ތައުލީމީ ނިޒާމާއި އަޅާބަލާއިރު މާލޭ ސަރަހައްދުގެ އެ ނިޒާމް ވުރެ ރަގަނޅު ކަމަށް ދެކެވޭ ވާހަކަ ތަކަކީ އަބަދުވެސް އޮންނަ ވާހަކަ އެކެވެ. އެހެން ވަނީ ކީއްވެގެންތޯ އަބަދު ވެސް ސުވާލުތައް ކުރެވެ އެވެ. އަދި އެއީ އެދެވޭ ނަތީޖާއެއް މިހާތަނަށް ވެސް ގެނެސްދެވިފައި ނުވާ ކަމެކެވެ. ކޮންމެ ދައުރެއްގައި ރަށްފުށުގެ ތައުލީމީ ނިޒާމު ރަނގަޅުކޮށް ދިނުމަށް އެދި އެތައް އާދޭހެއް ރަށްރަށުން ކުރެވެ އެވެ.

މިހާރު ވެސް ބައެއް ރަށްތަކުގެ ސްކޫލްގައި ލައިބްރަރީއެއް ނުހުރެ އެވެ. މަތީ ސާނަވީ ގްރޭޑް ތަކުގެ ކުދިން ހާއްސަކޮށް ސައިންސް ކިޔަވާ ކުދިންނަށް އެކި އެކި ޕްރެކްޓިސްތައް ކުރާނެ ލެބޯރެޓެރީއެއް ނެތުމުން ކިޔެވުމުގައި ކުރަންޖެހޭ ކަންކަން ބަލަން ޖެހެނީ ގެންގުޅޭ ސްމާޓް ފޯން ތަކުންނެވެ.

ސައިންސް ކިޔަވާ ކުދިންނަކީ ލެބް ތަކުގައި އެކި ކެމިކަލް ބޭނުން ކޮށްގެން އެކި އެކްސްޕެރިމެންޓްތައް ހަދަން ޖެހޭ ކުދިންނެވެ. ފޯނަކުން ބަލައިގެން ހޯދުންތައް ހޯދުމާއި އަމަލީ ގޮތުން ބައިވެރި ވެގެން ކުރިޔަށް ގެންދާ ފިލާވަޅުތައް ދަރިވަރުންގެ ސިކުނޑިއަށް ނަގައި ގަންނާނީ ތަފާތު ކޮށެވެ. އަމަލީ ގޮތުން ކިޔަވާ ކިޔެވުން ގިނަ ދުވަހު ކުދިން ހަނދާނުގައި ހުރެ އެވެ.

ކްލާސް ރޫމްތަކުގެ ދަތިކަން ބޮޑު ކަމުން ބެލެނިވެރިންގެ ބައްދަލުވުން ބާއްވާ ދުވަހެއްގައި ޖެހެނީ ދެން ހުންނަ ކްލާސްރޫމްގެ ޕާޓިޝަން ނައްޓާލައިން ހޯލެއްގެ ގޮތުގައި ބޭނުން ކުރާށެވެ. ޖެހިން އަންނަ ދުވަހަކީ ކިޔެވުން އޮންނަ ދުވަހެއް ނަމަ މަސައްކަތު މީހުން ރޭގަނޑު ގޮސް އަނެއް ދުވަހައް ޕާޓިޝަންތައް ޖަހަންޖެހެ އެވެ. ސަރުކާރުން އެއް ދަންފަޅިއަށް ސްކޫލްތަކުގެ ކިޔެވުން ބާއްވަން ނިންމި ކަމުގައި ވިޔަސް ކްލާސް ރޫމްތަކުގެ ޖާގައިގެ ދަތިކަމުން އެކަން އެގޮތަށް ކުރެވޭކަށް ނޯވެ އެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އިންޓަނޭޝަނަލް ފެންވަރުގައި އެކި ވަނަތައް ހޯދަމުން އަންނައިރު މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދޭ އަހައްމިއްޔަތު ހުރިހާ ސްކޫލްތަކަށް ދޭ ނަމަ އިތުރަށް ރަނގަޅު ވާނެ އެވެ.