ޓީޗަރުންނަށް ޕްރޮމޯޝަން ނުދޭ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓީޗާސް އެސޯސިއޭޝަންގެ ރައީސް އަލީ ނާޒިމް ވިދާޅުވީ ޓީޗަރުންގެ އިތުރު ގަޑީގެ ފައިސާ ހިފެހެއްޓުމަށް ފަހު ޕްރޮމޯޝަން ވެސް ނުލިބި ގިނަ އަދަދެއްގެ ޓީޗަރުން އެބަތިބި ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހަޅަން ނިންމީ ޓީޗަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ދިގުލާތީ ހައްލެއް ހޯދަން ކަމުގައި ވެސް ވިދާޅުވި އެވެ.
"ޓީޗަރުންނަށް އިތުރު ގަޑީގެ އެލަވަންސާއި ޕްރޮމޯޝަން ނުލިބުނު ނަމަވެސް އެހެން ދާއިރާތަކުގައި އެކަންކަން އެބަ ހިނގާ. އެއީ އިންސާފެއް ކަމަކަށް ނުފެނޭ،" އަލީ ވިދާޅުވި އެވެ.
ޓީޗާސް އެސޯސިއޭޝަނުން މައްސަލަ ކޯޓަށް ހުށަހެޅުމަށްޓަކައި މިހާރު ގެންދަނީ ޕްރޮމޯޝަން ނުލިބި ތިބި ޓީޗަރުން ފާހަގަކޮށް، ކޯޓަށް ހުށަހެޅުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޓީޗާސް އެސޯސިއޭޝަނަށް ގާނޫނީ ލަފާދީ އަދި މައްސަލައިގައި ކޯޓުގައި ވަކާލާތު ކުރާނީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ވަކީލުންނެވެ.
އަލީ އިތުރަށް ވިދާޅުވީ ޓީޗަރުންނަށް ޕްރޮމޯޝަން ނުދޭ މައްސަލަ މާލެއާއި އެއްގޮތަށް އަތޮޅު ތެރޭގައި ވެސް ބޮޑު ކަމަށެވެ. ޓީޗަރުންނަށް ހައްގުވާ މަގާމުގެ ކުރިއެރުން ހަމަޖައްސައިދިނުމަށްވެސް އަލީ ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން ބަލާލިއިރު ބޮޑެތި ބައެއް ސްކޫލުތަކުގެ ތެރެއިން ކޮންމެ ސްކޫލެއްގައިހެން މަގާމުގެ ކުރިއެރުން ނުލިބޭ ޓީޗަރުންގެ އަދަދު 50 އިން މަތީގައި އެބައުޅޭ. އަތޮޅު ތެރޭގައި ވެސް މިމައްސަލަ ބޮޑު،" އަލީ ވިދާޅުވި އެވެ.
ޓީޗަރުންނަށް ޕްރޮމޯޝަން ނުދޭ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން މިދަނީ ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް އަންނަ މަހުން ފެށިގެން ބޮޑު ކުރިއެރުމަށް ދޭން ނިންމާފައި ވަނިކޮށެވެ. ނަމަވެސް މުސާރަތަކަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން އިސްވެ އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެ އެވެ.