ސިހުރު ހެދުން

ސިހުރުވެރި އަންހެނަކު ގެމަނަފުށިން ހައްޔަރުކޮށްފި

ސިހުރުހަދާ ތަކެއްޗާއެކު ގއ. ގެމަނަފުށީން 66 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ، އެކި ދުވަސްމަތިން ސިހުރު ހަދަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތާއެކު ކަމަށް ފުލުހުން ބުނެ އެވެ. ގެމަނަފުށީ ގައި ސިހުރު ހަދަމުންދިޔަ އަންހެންމީހާ އާއި އެމީހާ ސިހުރު ހަދަން ބޭނުންކުރި ބައެއް ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ އަންހެންމީހާ ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ތަކެތި ހޯދާފައިވަނީ އަންހެން މީހާގެ ހާޒިރުގައި ކަމަށް ފުލުހުން ބުނެ އެވެ.

ގެމަނަފުށީގައި މި އަންހެންމީހާ ސިހުރު ހަދަމުންދާ ކަމުގެ ޝަކުވާ އާއި ސިހުުރު ހަދާނެކަމަށް ބުނެ ބިރުދައްކާކަމުގެ ޝަކުވާ ރަށުގެ ބައެއް މީހުންގެ ފަރާތުން ފުލުހުންނަށް ވަނީ އެކި ދުވަސްމަތިން ހުށަހަޅާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން ހަތް ދުވަހުގެ ބަންދުގެ މުއްދަތު ގެމަނަފުށީ ކޯޓުން މިހާރު ވަނީ ދީފަ އެވެ.