ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެދިވަޑައިގަންނަވަނީ ކުޅި ބަލަން ދަނޑަށް ދާން

Apr 18, 2022
1

ރާއްޖޭގައި ކުރިއަށްދާ ކުޅިވަރު މުބާރާތްތައް ބެލުމަށް މީހުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިިފި އެވެ.

ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ދެއްވި ޖަވާބަކަށް ފަހު އެވެ.

މިނިސްޓަރު މަހްލޫފްގެ ޖަވާބު ތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެެއްވީ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. ވަކިން ހާއްސަކޮށް ދަނޑުތަކާއި ކޯޓުތަކާއި ޒުވާނުންގެ މަރުކަޒުތައް އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ. މީގެއިތުރުން އެއް ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ މިއަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތަކީ އަންނަ މަހުގެ 9-11 އަށް ރާއްޖޭގައި ބާއްވާ ޓީޓީ ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކަމަށެވެ.

އެ މުބާރާތް ކުރިއަށްދާއިރު ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ މެންބަރުން ވަޑައިގަތުމަށް ވެސް މިނިސްޓަރު މަހްލޫފް ވަނީ ދައުވަތު ދެއްވާފަ އެވެ.

"އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރު ހަސަން ލަތީފްގެ ދަރިކަލުން ވެސް އަޅުގަނޑުމެންގެ ޓީމުގައި ހިމެނޭ. އެހެންވީމާ ހުރިހާ ބޭފުޅުން ވަޑައިގެން ގައުމީ ޓީމަށް ސަޕޯޓްކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް" މަހުލޫފް ވިދާޅުވި އެވެ.

މަހްލޫފް ދެއްވެވި ދައުވަތާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކުޅިވަރު މުބާރާތްތައް ބެއްލެވުމުގެ ޝައުގުވެރިކަން މެމްބަރުން ވެސް ކޮންމެވެސް ވަރަކަށް ގެންގުޅުއްވުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުޅިވަރު ކުޅެން އިތުރު ދަނޑުތައް ސަރުކާރުން ހަދަމުންދާ ކަމަށެވެ. އެކަމަކު ކުޅި ބަލަން މީހުން ނުދާތީ ކަންބޮޑުވުން ފާޅކުރެއްވި އެވެ.

"އަޅުގަނޑު ރޭގައި، ކުރީ ރެއަކު ފުޓްބޯޅަ މެޗެެއް ބަލަން އިނީމު ޓީވީން. ފެން ޖަހާ މީހުންނަށް ވުރެ ވެސް މަދު ކުޅި ބަލާން ތިބި މީހުން. އެތާ ނެތީ ހަމަ ކުޅި ބަލާ އެކަކުވެސް. ދެން އެހެންނަމަވެސް އަޅުގަނޑުމެން މިދަނީ މި ކަންކަމަށް އިންތިހާއަށް ހަރަދުކުރަމުން." ނަޝީދު ވިދާޅުވި އެވެ.