އަހުމަދު މަހްލޫފު

މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަޖެޓު ނެތުން: މަހްލޫފް

Apr 18, 2022

ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ނުދަނީ އެއްވެސް މަޝްރޫއެއް އެއްފަހަރާ ނިންމާލަން ބޭނުންވާ ފައިސާ ބަޖެޓުގައި ނުޖަހާދޭތީ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މަހްލޫފާ ސުވާލު ކުރެއްވި ހުރިހާ މެންބަރުން ވެސް ވަނީ އެ މެންބަރެއްގެ ދާއިރާގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބާއި އެ މަސައްކަތްތައް ފަށައި ނިންމާލެވޭނެ ދުވަހެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަޝްރޫއުތައް ބޭނުންވާ ދުވެލީގައި ނުގެންދެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެއްވެސް މަޝްރޫއެއް އެއްކޮށް ނިންމާލުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ޖަހާފައި ނުހުރުން ކަމަށެވެ. މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތަކުން ވެސް ނިންމަން ހަވާލުކުރާ ތާރީހުތަކަށް ނުނިންމާ ކަމަށާއި ކުންފުނިތަކާ ބައްދަލުކުރުމުން ނިންމައިދޭނެ ކަމަށް ބުނެ ތާރީހުތައް ދޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެންކަމުން އެންމެ ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް އެބަހުރި،" މަހްލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށްގެން އެއްވެސް މަޝްރޫއެއް ހުއްޓިފައި ނުވަތަ ކުރިއަށް ނުގެންދެވިފައި ނޯންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވެވި އެވެ. ފުޓްބޯޅަ ދަނޑެއްގެ ފެންސް ޖެހުމާއި ހަމައެކަނި ސަބްބޭސް ނިންމަން ވެސް އައް މިލިއަން ރުފިޔާ ވަރު ހަރަދުވާ ކަމަށާއި ނަމަވެސް އެ މިންވަރަށް ވެސް ބަޖެޓް ލިބެނީ މަދުފަހަރަކު ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓު ލިބޭ ގޮތުން މަޝްރޫއުތައް ނިންމަނީ ބަޖެޓުގެ އެހެން ކޯޑުތަކުން ބައެއް މަޝްރޫއުތަކަށް ފައިސާ ބަދަލުކޮށްގެން ކަމަށެވެ. އެއްވެސް މަޝްރޫއަކަށް ބަޖެޓުގައި ކުޑަ ނަމަވެސް އަދަދެއް ހިމަނައިފިނަމަ އެ މަޝްރޫއެއް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ. ބައެއް ރަށްރަށުގައި ހުރި ކުޅިވަރު ވަސީލަތްތައް މަރާމާތު ކުރުން ލަސްވާތީ ބައެއް މެންބަރުން އެކަން ފާހަގަކުރެއްވުމާ ގުޅިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ މަރާމާތަށް ހާއްސަކޮށްގެން ބަޖެޓުގެ އެއްވެސް ކޯޑެއްގައި ފައިސާ ހިމަނާފައި ނުހުންނަ ކަމަށެވެ. އެހެންކަމުން ކުޅިވަރު ވަސީލަތްތައް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހިމެނޭނެހެން ބަޖެޓުގައި ކޯޑެއް ހިމަނައިދެއްވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ސަރުކާރަކުން ހަދައިދީފައިވާ ބޮޑު ފުޓްބޯޅަ ދަނޑެއް ނެތް ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިހާތަނަށް 40 ދަނޑު ހަދާ ނިންމާފައިވާ ކަމަށާއި އަދި 50 ދަނޑުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާ ކަމަށެވެ. އަދި 40 އައުޓްޑޯ ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.