ރިޕޯޓް

މުދާ އެތެރެކުރުން މަދުކޮށް ބޭރު ކުރަންޖެހޭ، ދިވެހިންނަށް ވާނެ!

ހެނދުނު ހޭލައިގެން ފެންވަރަން ބޭނުންކުރާ ސައިބޯނި އުފައްދާފައިވަނީ ކޮން ގައުމަކުންތޯ ޗެކްކޮށްލިން ހެއްޔެވެ؟ ނޫނީ ދަރިފުޅު ޒީނަތްތެރިކުރުމަށް ލައްވާ ހެދުންކޮޅަކީ ކޮން ގައުމެއްގެ އުފެއްދުމެއްތޯ ބަލައިލިންތޯއެވެ. އޮފީހަށް ދާން އަރާ ބޫޓު ހެދީ ކޮން ގައުމަކުންތޯ ބެލިންހެއްޔެވެ؟ ހަމަ އެގޮތަށް ފޫހިވުމުން ކާލާ މެޓާ ނޫނީ ޗިޕްސް އުފެއްދީ ކޮން ގައުމެއްގެ މީހެއްތޯ ބަލައިލިން ހެއްޔެވެ؟ ގިނަ ފަހަރަށް ނުބެލޭނެއެވެ. ބަލަން ބޭނުމެއް ވެސް ނުވެއެވެ. އެތަކެތި އުފެއްދި ގައުމު ނޭނގުނު ނަމަވެސް ޔަގީންވާ އެއް ކަމަކީ އެތަކެއްޗަކީ ރާއްޖޭގެ އުފެއްދުންތަކެއް ނޫން ކަމެވެ. މިއީ ދިވެހިރާއްޖެއެވެ. ދިރިއުޅެނީ ދިވެހިންނެވެ. ނަމަވެސް ބޭނުންކުރަނީ އެތެރެކޮށްފައިވާ ސާމާނެވެ.

އެތެރެކުރުމުގައި ހައްދެއް ނެތް

ދިވެހިރާއްޖެއަށް އެތެރެނުކުރަނީ ކޮން އެއްޗެއްހެއްޔެވެ؟ ހުރިހާ އެއްޗެއްވެސް އެތެރެކުރަނީއެވެ. އެންމެ އާދައިގެ ސާމާނު ވެސް ކުރަނީ އެތެރެއެވެ. ގައުމު އޮތީ ބޭރުގެ އުފެއްދުންތަކަށް އެއްކޮށް ބަރޯސާވެފައެވެ. ސަބަބަކީ ކޮބައިތޯއެވެ. ސުވާލެކެވެ. ޖަވާބަކީ ދިވެހިން ކަންނެތްވުމޭ ބުނެ ބައެއް މީހުން ބަހުސް ނިންމާލައެވެ. ނޫނީ ދިވެހިންގެ ހުނަރު ނެތީ ކަމަށް ބުނެއެވެ. އެހެން ބުނެ ބަހުސް ނިންމާލެވެން ނެތްކަން ހާމަވެގެން ގޮސްފިއެވެ. ކީއްވެގެންތޯއެވެ. 12 އަހަރަށްފަހު ބޭއްވުނު މައުރަޒެއްގެ ސަބަބުންނެވެ. އާދެ "އެކްސްޕޯ މޯލްޑިވްސް 2015" ނުވަތަ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގެ ސަބަބުންނެވެ.

މައުރަޒުން ފެނުނު އުފެއްދުންތެރިކަމުގެ ހައްދެއް ނެތް

މައުރަޒަށް ޒިޔާރަތްކުރިއިރު ނިކުންނަން ޖެހޭނީ ހައިރާންކަމާއެކު ކަމަށް އުއްމީދެއް ނުކުރަމެވެ. ނިކުންނަން ޖެހުނީ ހައިރާންކަމާއެކުގައެވެ. ދިވެހިންގެ އުފެއްދުންތެރިކަން އެ މައުރަޒުން ފެނިގެންދިޔައެވެ. ހުނަރުވެރިކަން ފެނިގެންދިޔައެވެ. ދިވެހިންގެ ހުނަރު ހުރިހާ ދާއިރާއެއްގައިވެސް ހުރިކަން އެނގިގެންދިޔައެވެ. ވަކި ދާއިރާއެއް ކިޔާނެކަމެއް ނެތެވެ. ތައްޔާރުކޮށްފައިހުރި ލުއި ކާނާތައް ކާލުމުން، ފިހާރައަކުން ގަނެލާ ޗިޕްސް ޕެކެޓެއް ކާލުމަށްވުރެ ހިންހަމަޖެހުން ލިބެއެވެ. ދިވެހިންގެ ގަސް ކަމަށްވާ ރުކުގެ ކާށި ބޭނުންކޮށް ހަދާފައިހުރި ސައިބޯންޏާއި އަތްދޮންނަ ފުޅި ފެނުނުމުން ހިނިތުންވެވެއެވެ. ލަކުޑިން ހަދާލާފައިހުރި ގަސްތަކެކެވެ. ގޭގެތެރެ ރީތިކޮށްލަން އެވަރެއް ނެތެވެ. ނިދާ އެނދު ކައިރީ ބަހައްޓާލަން ދިވެހިވަންތަ ނިދާ ބޮއްކެއް ބޭނުމެއް ނުވޭތޯއެވެ. ކޮޓަރިއަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަން ކަށަވެރެވެ. ގޭގެ ސިޓިން ރޫމްގައި ބަހައްޓާފައިވާ ސޯފާއަކީ ދިވެހިންގެ އުފެއްދުމަށް ހަދަން ވެސް ބޭނުންވާނެކަން ޔަގީނެވެ. ހަމައެހެންމެ އަރާ ބޫޓު ނުވަތަ ފައިވާނަކީ ދިވެހިންގެ އުފެއްދުމަށްވުން ވެސް އެއީ ވަކި ކުޑަ ފަހުރެއް ނޫނެވެ. މިހެން ކިޔާ ކޮޅުން ނުލާނެއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ ހަމަ ހައްދެއް ނެތެވެ.

ބޭރުކުރަން ވެސް ހައްދެއް ގެންގުޅިގެން ނުވާނެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުން، ދިވެހިވަންތަ، އިހު ޒަމާނުގެ އުފެއްދުންތައް ވެސް އޭގެ އަސްލާ އެއްގޮތަށް ފެނިގެންދިޔައެވެ. ތުނޑުކުނާ، ލިޔެލާޖަހާފައިވާ ތަކެތި، ލިބާސް، ލަކުޑިން ހަދާފައިވާ ދޯނިފަދަ ތަކެތި، ލަކުޑިން ހަދާފައިވާ ބުރުގާ ދަތި، ދިވެހިންގެ ކެއުން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މިތަކެއްޗަށްވުރެ ބޮޑަށް ދިވެހިންގެ ސަމާލުކަން ލިބިގެން ދިޔައީ ދިވެހިންގެ ތަފާތު އުފެއްދުންތަކަށެވެ. މިއީ އާންމުކޮށް ދިވެހިންނަށް ފެންނަ ތަކެތި ކަމަށްވުމަކީ އެންމެ ގާތް ކަމެވެ. ކޮންމެ މައުރަޒަކުން ވެސް މިފަދަ ތަކެތި ފެނެއެވެ. ހަމައެކަނި މައުރަޒުތަކުންނެވެ. ދިވެހިންގެ މާބޮޑު ސަމާލުކަމެއް މިފަދަ ތަކެއްޗަށް ނުލިބުނު ނަމަވެސް މައުރަޒަށް ޒިޔާރަތްކުރި ކޮންމެ ބިދޭސީއެއްގެ ލޯތައް ހުއްޓުނީ މިތަކެއްޗަށެވެ. މައުރަޒު ބަލާލުމަށް ޒިޔާރަތްކުރި ބިދޭސީންނާ ސުވާލުކޮށްލުމުން އެމީހުން ތިބީ އެތަކެތި ގެއަށް ގެންދަން ބޭނުންވެފައިވާކަން އެނގިގެން ދިޔައެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. ތަކެއްޗަކީ ހަމައެކަނި މައުރަޒަށް ހަދާފައިވާ ތަކެއްޗެވެ. ބިދޭސީންގެ ސަމާލުކަން މިތަކެއްޗަށް ލިބިގެން ދިއުމަކީ ރަނގަޅު ފާލެކެވެ. ވިޔަފާރީއެއް ކުރެވިދާނެކަމުގެ ހެއްކެވެ. ރާއްޖޭގެ ރިސޯޓްތަކަށް ތަކެތި ވިއްކަންވީއެވެ. ރާއްޖޭގެ ތޮށިގަނޑުން ތަކެތި ބޭރުކުރަންވީއެވެ. އެވަރަށް ތަކެތި އުފައްދަންވީއެވެ. ފައިދާވާނެކަން ކަށަވަރެވެ.

މައުރަޒު ބޭއްވުމުން ނިމުނީތަ؟

މައްސަލައަކަށް ވަނީ މި ހިސާބުންނެވެ. ދިވެހިންނަށް މައުރަޒު ބާއްވާލައި މޮޅެތި ވާހަކަތައް ދައްކާލުމުން އެ ނިމުނީއެވެ. އުފެއްދުންތެރިން ވެސް އެމީހުންގެ އުފެއްދުންތައް ވިޔަފާރިއަށް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. މައުރަޒުގައި ތިބި އުފެއްދުންތެރިން ދިން ޖަވާބަކީ ތައްޔާރުކޮށްފައިވާ ތަކެއްޗަކީ ހަމައެކަނި މައުރަޒަށް ތައްޔާރުކޮށްލި ތަކެތި ކަމެވެ. ވިޔަފާރިއަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ. ނަމަވެސް މައުރަޒުގައިވާ ގިނަ ތަކެއްޗަކީ ރަނގަޅު ވިޔަފާރިއަކަށް ބަދަލުކުރެވޭނެ ތަކެއްޗެވެ. މިކަމުގައި އުޅެނީ ހަމައެކަނި އުފެއްދުންތެރިންގެ މައްސަލައެއް ވެސް ނޫނެވެ. އެމީހުން، އުފެއްދުންތައް މެދުކެނޑުމެއް ނެތި އުފައްދަން ބޭނުންވާނަމަ ވަސީލަތްތައް ވެސް ބޭނުންވެއެވެ. ވިޔަފާރި ފަށާނެ ގޮތްތައް ވެސް ބޭނުންވެއެވެ. މިކަމަށް ސަރުކާރުން މަސައްކަތްކޮށްދޭންޖެހެއެވެ. މިކަންކަން ކަމަށް މިހާރުގެ ސަރުކާރުން މަސައްކަތްކުރާކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ. ރަނގަޅު ސިގްނަލެކެވެ. ރާއްޖޭގެ މުސްތަގުބަލަށް މުހިންމު ސިގްނަލެކެވެ.

ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރާއްޖެ މުއްސަނދިވާންޖެހެއެވެ. ގައުމު މުއްސަނދި ވާނީ އެ ގައުމެއްގެ އުފެއްދުންތަކުންނެވެ. އެ ގައުމުން ބޭރުވާ ފައިސާ މަދުކޮށް، އެތެރެވާ ފައިސާ ގިނަކޮށްގެންނެވެ. އެކަންވާން އޮތީ، ރާއްޖޭގައި އުފައްދާ ތަކެތި ރާއްޖޭގައި ވިއްކައިގެންނެވެ. އެންމެ އާދައިގެ ދަތްކޮށްޓާ އިލޮށި ކޮޅު ވެސް އެތެރެކުރާ އުސޫލު ދޫކޮށްލައިގެންނެވެ. އަމިއްލައަށް އުފެއްދޭ ތަކެތި އެތެރެކުރުމުގެ ބަދަލުގައި، އެތަކެތި ރާއްޖޭގައި އުފެއްދޭނެ ގޮތްތައް ހަދައިގެންނެވެ. އުފެއްދުންތެރިންނަށް އެ ފުރުސަތު ދީގެންނެވެ. ރާއްޖެއަށް ފައިސާ އެތެރެވާނީ ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ގެންގޮސްގެން އެ މާކެޓްތައް ހޯދައިގެންނެވެ.

ދިވެހިންގެ އުފެއްދުންތަކަށް މާކެޓް ލިބޭނެ ކަމަކީ ޝައްކެއްވާ ކަމެއް ނޫނެވެ. ބޭނުންވަނީ ހިތްވަރު ތިބި ދިވެހިންނެވެ. ބޭނުންވަނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކެވެ. މިކަންކަން އެކުވެއްޖެނަމަ ރާއްޖެ މުއްސަނދިވުން އޮތީ ދާދި ކައިރީގައެވެ. އެއީ އެއްވެސް ގޮތަކަށް އުނދަގޫ ކަމެއް ނޫނެވެ. އެތެރެކުރުން މަދުކޮށް ބޭރުކުރުން އިތުރުކުރަންވީއެވެ. ދިވެހިންނަށް މިކަން ވާނެއެވެ. ހިތްވަރެއް ކޮށްލާށެވެ.