ވެމްކޯ

ހިޔާ ފްލެޓްތަކުން ކުނި އުކަން ފީ ނަގަން ފަށަނީ

ހުޅުމާލޭ ހިޔާ ފްލެޓްތަކުން ކުނި އުކާލުމުގެ ހިދުމަތަށް ބިލް ކުރަން ފަށަން ނިންމައިިފި އެވެ.

ވެމްކޯ އިން މިއަދު ބުނީ ހިޔާ ފްލެޓްގައި ގިނަ އަދަދެއްގެ އާއިލާތަކުން މިހާރު އާބާދުވެފައިވުމާއި ގުޅިގެން އެ ކޯޕަރޭޝަނުން ދުވަހު ކުނި އުކާލުމުގެ ހިދުމަތްތައް އެ ސަރަހައްދަށް މެދުނުކެނޑި ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މެއި 1 އިން ފެށިގެން ވެމްކޯގެ ހިދުމަތަށް ބިލް ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ މަހަކު 150 ރުފިޔާގެ ރޭޓުން ބިލް ކުރާ ހިދުމަތެކެވެ. ވެމްކޯގެ ބިލް އަދި އެކައުންޓްގެ ތަފްސީލް ރަޖިސްޓާ ކޮށްފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސް އިން ފޮނުވާނެ އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭ ހިޔާ އަވަށުގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ހިދުމަތެއް ކަމަށެވެ. ބަރު އަދި ބޮޑެތި ކުނި އުކާލަން އެދެން ޖެހޭނީ ވެމްކޯގެ "ކޯލް އެންޑް ޕިކަޕް" ކެޕްސް ހިދުމަތަށް ކަމަށެވެ.