އެމްޑީޕީ މެނިފެސްޓޯގައި ބުނާ "ހަމައަގަކީ" ކޮބައިކަން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށްދެއްވައިފި އެވެ.
މަސް ނުކިރޭ މައްސަލަ ހޫނުވެ، މަސްވެރިންގެ ޝަކުވާ އާއި ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް، އިގްތިސޯދީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން "ފެއާ ޕްރައިޒް" ނުވަތަ ހަމަ އަގަކީ ކޮބައިކަން ވަރަށް ރަނގަޅަށް ސާފުކޮށް ބުނެދެއްވާފަ އެވެ.
"ފެއާ ޕްރައިޒް- ހަމައަގަކީ އޭގެ ޒާތުގައި މަހުގެ އުފެއްދުމުގެ ކޮލިޓީ އާއި މަސް ބޭރު ކުރުމަށް ކުރާ ހަރަދާއި ބާޒާރުގެ ހާލަތާއި މަސް ވިއްކާ ދުވަސްވަރާ މަހަށް އަގު ދައްކާ އެއްޗަކަށް ބިނާކޮށް މަހުގެ އަގަށް ދެވޭ އެއްޗެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިޔާއަށް ރަނގަޅު އަގެއް- ހަމައަގު- ދެވެން އޮތީ މަސް ގެނެސް އަޅާ ފްރީޒިން ކެޕޭސިޓީ މަތި ކުރެވިގެންނެވެ. މިގޮތުން ކޫއްޑޫގެ ބްރެއިން ފްރީޒިން ފެސިލިޓީ 1000 ޓަނަށް އިތުރު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ އިއުލާނު ކުރައްވާފަ އެވެ.
"ވިއްކާ މީހާއަށް އިންސާފުވެރި މާޖިން [އަގެއް] އޮންނަން ޖެހޭނެ. އެގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް މަސް ގަނެވޭނެ ކަމަށް ކަޝަވަރު ކޮށްދޭން ކުރަން ޖެހޭ ކަމަކީ ފެލިވަރުގައި ބްރެއިން ފްރީޒިން ކެޕޭސިޓީ މަތި ކުރުން. ބޮޓެލް ނެޓްވަނީ ބްރެޒިން ފްރީޒިންގައި. މިހާރު ހުރީ 240 މެޓްރިކް ޓަނު 24 ގަޑިއިރު ތެރޭގައި ބެހެއްޓޭނެ އޭގެ އިތުރަށް 760 ޓަނު ބްރެއިން ފްރީޒިން މަތި ކުރެވިދޭނެ،" ކުރިއަށް އޮތް ނުވަ މަސް ތެރޭގައި އެ މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން ދައްވާ ހުސެއިން ވިދާޅުވި އެވެ.
މަސްވެރިކަމުގެ ތަފާސް ހިސާބު ތަކެއް ވިދާޅުވެދައްވަމުން މިނިސްޓަރު ޑރ. ހުސެއިން ވިދާޅުވީ 2008 އިން 2021 އަށް ބަލާނަމަ އިތުރަށް 15،700 ޓަނުގެ މަސް ކިޔާފައިވާ ކަމަށާ، މި ހިސާބު ތަކުން ދައްކާ ގޮތުން މަސް ބާނާ އަދަދު ދުވަހެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ،
"އެހެންވީމަ މަސްވެރިކަން އެބަ ރަނގަޅުވޭ، ސުވާލަކީ އެކްސްޕޯޓް ކުރަނީ ރަނގަޅު އަގުގައި ތޯ؟ އަޅުގަނޑުމެން ހައިލީ ސަބްސިޑައިޒްގައި މި ގަންނަނީ،" ކުރިން ފިޝަރިޒް މިނިސްޓްރީގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވާ ޑރ. ހުސެއިން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މީގެ އިތުރުން ވެސް މަސްވެރިކަން ކުރިއަށްދާ ގޮތަށް ބަލާ، އިތުރު މަސް ބޯޓު ފަހަރުވެސް ގަންނަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.