ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕްކްސަ 17 މިނިސްޓަރުންގެ ކެބިނެޓެއް އެކުލަވާ ލައްވައިފި އެވެ. އާކެބިނެޓަށް ރައީސް އިޚްތިޔާރު ކުރެއްވި ވަޒީރުގެ ތެރޭގައި ރާޖަޕަކްސަ އާއިލާއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނުހިމެނެ އެވެ.
ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެގެން އުޅޭ މައްސަލަ ތަކަކީ ސަރުކާރު ދޯހަޅިވުމުގެ ސަބަބުން ކުރިމަތިވެފައި އޮތް ހާލަތެއް ކަމަށް ބުނެ އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
މުޒާހަރާކުރާ މީހުންގެ ޕްރެޝަރު ބޮޑުބެ ގޯޓާބޭގެ ސަރުކާރުގެ މުޅި ކެބިނެޓް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އިސްތިއުފާ ދީފަ އެވެ.
އެހެން ނަމަވެސް މުޒާހަރާކުރާ މީހުން ހަމަނުޖެހުންތައް ފުޅާކޮށް ރައީސް އޮފިސް ދޮށަށާއި ރައީސް ދިރިއުޅުއްވާ ގެކޮޅު ހުންނަ ސަރަހައްދަށް ޖަމާވެ ރެއާއި ދުވާލު ދަނީ ބަަދަލަށް ގޮވަމުންނެވެ. އަދި މުޒާހަރާކުރާ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ވަނީ މުޅި ގޯލްފޭސްގައި ޓެންޓް ޖަހައި މަދަނީ ބަސްނޭހުމަކަށް މަޝްރަހު ބަދަލުކޮށްފަ އެވެ.
ގައުމުގެ އިގުތިސޯދު ރަނގަޅުކުރަން ލަންކާއަށް ފުރުސަތެއް ލިބެން އޮތީ ވެސް މާލީ އިދާރަތަކުން ދޭނެ ކަމަށް ބުނާ ލޯންގެ ޒަރިއްޔާއިންނެވެ.
ލަންކާ މިހާރު އޮތް ހާލަތަށް ބަލާއިރު ވަގުތީ ބޭސްފަރުވާއަށް އެކަނިވެސް 10 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ފައިނޭންސް މިނިސްޓަރު އަލީ ސޮބްރީ ވިދާޅުވި އެވެ.
އިންޓަނޭޝަނަލް މަނީޓަރީ ފަންޑް "އައިއެމްއެފް" އާއެކު ހޯމަދުވަހު މަޝްވަރާތައް އޮތީ ފަށާ ގޮތަށެވެ. ބައިނަލްއަގްވާމީ މުއައްސަސާތަކާއި އަދި މާލީ އިދާރާތަކާއެކު މަޝްވަރާތައް ފެށުމުގެ ކުރިން ސަރުކާރެއް އެކުލަވާލުން ލަންކާއަށް އޮތީ މަޖުބޫރުވެފަ އެވެ. އެނޫން ގޮތެއްގައި މާލީ އިދާރާތަކަށް ފަންޑު ހަވާލުކުރެވޭކަށް ނޯންނާނެ އެވެ.
ލަންކާ ސަރުކާރަށް ހަމަނުޖެހުންތައް ނުހުއްޓުވިއްޖެ ނަމަ މާލީ އިދާރާތަކާއެކު ތާވަލްކޮށްފައި ހުރި މަޝްވަރާތަކަށް ހުރަސްއެޅޭނެ އެވެ. ގައުމަކަށް ލޯނުދޭއިރު އެގައުމެއް އޮތީ ސިޔާސީ ގޮތުން ދުޅަހެޔޮ ހާލަތުގައިތޯ ޖަމާއަތްތަކުން ބަލަ އެވެ. އެއީ ލޯނު ދައްކަން އެއްބަސްވާ މުއްދަތުގައި ލޯނު އަނބުރާ ދެއްކޭނެކަން ކަށަވަރު ކުރުމަށެވެ.
ސިޔާސީ ގޮތުން ހަމަނުޖެހުން ބޮޑު ގައުމެއްގައި އަދި ސިޔާސީ ވެރިންނާ މެދު އާންމުން ނުތަނަވަސްވެ އުތުރިއަރާ ނަމަ ވެސް އިންވެސްޓަރުން ޖެހިލުންވާނެ އެވެ.
ލަންކާގެ މަދަނީ ހާލަތު މިހާރު އޮތް ގޮތުން އިސްލާހީ ވިޔަވަޅުތައް ލަސްވާ ނަމަ އިގުތިސޯދީ ދަތިހާލުން އަރައިގަންނަން ގިނަ ދުވަސް ނަގާނެ އެވެ.