ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯގެ ފިރިހެން ދަރިފުޅު މަރުވެއްޖެ

ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިވެރިޔާ ޖޯޖީނާ މިރޭ ވިހެއި ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ. ޖޯޖީނާ އަށް ލިބުނީ އެއްމާބަނޑު ދެ ކުދީންނެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.

ރޮނާލްޑޯ މިރޭ ބުނީ އޭނާއަށް ލިބުނު ދެ ކުދީންގެ ތެރެއިން ފިރިހެން ކުއްޖާ މަރުވެފައިވާ ކަމަށެވެ. ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައެވެ.

މިއީ ވަރަށް އުނދަގޫ ވަގުތުކޮޅެއްކަން ފާހަގަކޮށް އޭނާ ބުނީ މިވަގުތު ލިބޭ ކުޑަވެސް އުފަލަކީ އަންހެން ދަރިފުޅުގެ ފުރާނަ ސަލާމަތްވުން ކަމަށެވެ. ކުއްޖަކު މަރުވުމަކީ އެއްވެސް މަޔަކަށް ނުވަތަ ބަފަޔަކަށް ކެތްކުރެވޭ ވަރަށް ވުރެ ބޮޑު ހިތާމައެއް ކަމަށްވެސް ބުންޏެވެ. ރޮނާލްޑޯ ވަނީ މި ވަގުތު އޭނާގެ އާއިލާއަށް އިހްތިރާމްކޮށް ތަފާތު ވާހަކަތައް ނުދެއްކުމަށްވެސް އެދިފައެވެ.

ރޮނާލްޑޯގެ ހަތަރު ކުދީން މިހާރުވެސް އެބަތިއްބެވެ.