އަމީތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ނަންދާގެ ހަގު ފިރިހެން ދަރިފުޅު އަގަސްތިޔާ ނަންދާ ފިލްމުކުޅެން ފެށުމަކީ އަމީތާބު ވަރަށް އުފާވި ކަމެއް ކަމަށް ބުނެފި އެވެ.
ހޯމަ ދުވަހު އަމީތާބު ޝެއާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި ކާފަ ދަރިފުޅު އަގަސްތިޔާ ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ ލައިވް-އެކްޝަން މިއުޒިކަލް ފިލްމު "ދި އާޗީސް"ގެ މަސައްކަތް ފެށީތީ އިންތިހާއަށް ފަހުރުވެރި ވެއެވެ. ވަރަށް އުފާވެއްޖެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއީ އަގަސްތުޔާ ފިލްމީ ދުނިޔެއަށް ތައާރަފުވުން ފާހަގަކުރާ ފިލްމެވެ. ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ "ދި އާޗީޒް" އަކީ ވަރަށް ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ކޮމިކް ފޮތެއްގެ އެންމެ މަގްބޫލު ކެރެކްޓާތައް ފެންނާނެ ފިލްމެކެވެ. އެގޮތުން އަގަސްތިޔާ ކުޅެނީ އާޗީ އެންޑްރޫޒްގެ ކެރެކްޓާ އެވެ.
މި ފިލްމުން އަގަސްތިޔާ އާއެކު އަލަށް ތައާރަފްވާ ބަތަލާއިންނަކީ ޝާހް ރުކް ޚާންގެ ދަރިފުޅު ސުހާނާ އާއި ޝްރީދޭވީ އާއި ބޯނީ ކަޕޫރުގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ.
"އަގަސްތިޔާ. ދަރިފުޅުގެ ހަޔާތުގެ މުޅިން އާ ޗެޕްޓާ އެއް މިއަދު މި ފެށުނީ. އަހަރެމެން އެންމެން މިތިބީ އެކަމާ ވަރަށް އުފަލުން. ކާފަގެ ލޯތްބާއި ހެޔޮ އެދުންތައް އަބަދު ވެސް ދަރިފުޅާއެކު ވާނެ. ހިތްވަރާއެކު މަސައްކަތްކޮށް ކާމިޔާބު ހޯދާ. އަދި ދިދަ ވިހުރުވަމުން ގެންދޭ،" 79 އަހަރުގެ އަމީތާބުގެ ޓުވީޓެއްގައި ލިޔެފައި ވެއެވެ.
މި ފިލްމު އުފެއްދުމަށްޓަކައި ނެޓްފްލިކްސް އިން ވަނީ އާޗީޒް ކޮމިކްސް އާއި ޕާޓްނާޝިޕް ހަދާފަ އެވެ. ޒޯޔާ އާއި ރީމާ ކަގްޓީގެ ފިލްމު ކުންފުނިތަކުން ޕްރޮޑިއުސްކުރާ މި ފިލްމު ބިނާ ކޮށްފައިވަނީ 1960 ގެ އަހަރުތަކަށެވެ.
މި ފިލްމުގައި ސުހާނާ ކުޅެނީ ވެރޯނިކާ ލޮގްގެ ކެރެކްޓާ އެވެ. ޚުޝީ އަކީ ބެޓީ ކޫޕާ އެވެ.