ބޮލީވުޑް

"މަދުބާލާ" ގެ ބަތަލު ކައިވެނި ކުރަނީ

މަޝްހޫރު ޓީވީ ސިލްސިލާ "މަދޫބާލާ: އޭކް އިޝްގް އޭކް ޖުނޫން" ގެ ބަތަލު ވިވިއަން ދަސޭނާ މިސުރުގެ ނޫސްވެރިޔާ ކައިވެނި ކުރަން ތައްޔާރު ވެއްޖެ އެވެ. ވިވިއަން ކުރިން ކައިވެނި ކޮށްގެން އުޅުނީ ޓީވީ އެކްޓަރު ވެހްބިޒް ޑޮރަބްޖީ އާއެވެ. ދެ މީހުންގެ ވަރި ފައިނަލްވީ މިދިޔަ އަހަރު އެވެ.

ދެ ވަނަ ކައިވެންޏާ ބެހޭ ގޮތުން ދާދިފަހުން ވިވިއަން ވަނީ އިންޑިޔާގެ ނޫހަކަށް އިންޓަވިއު އެއް ދީފަ އެވެ. ވިވިއަން ބުނި ގޮތުގައި އޭނާގެ މިހާރުގެ ލޯބިވެރިޔާ އަކީ މިސުރު މީހެއް ކަމަށްވާ ނޫރަން އަލީ އެވެ. ނޫރަން އަކީ ނޫސްވެރިއެއް ކަމަށާއި އޭނާ އާ ބައްދަލުވީ އޭނާގެ އިންޓަވިއު އެއް ހޯދަން ކުރި މަސައްކަތުން ކަމަށް ވެސް ވިވިއަން ކިޔައިދީފައި ވެއެވެ.

"އަހަރެންނަށް ނޫރަން ދެކެ ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އަހަރެމެން ދެމީހުން ފުރަތަމަ ބައްދަލުވީ މީގެ ހަތަރު އަހަރާ ބައި ކުރިން. ނޫރަން އަހަންނަށް ގުޅީ ނޫސްވެރިއެއްގެ ހައިސިއްޔަތުން އަހަރެންގެ އިންޓަވިއު އެއް ހޯދަން. އަހަރެން އޭނައަށް އިންޓަވިއު ދޭން އެއްބަސްވީ ތިން މަހަށް ވުރެ ގިނަ ދުވަހު އިންތިޒާރު ކުރުވުމަށްފަހު. ފަހުން އަހަރެންގެ މެނޭޖްމަންޓް ޓީމުން މުމްބައިގައި އޭނާއާ ބައްދަލުކުރި. ދެ މީހުން މަޑުމަޑުން ބައްދަލުވަމުން ގޮސް މާ ގިނަ ދުވަހެއް ނުވެ އަހަންނަށް އޭނަ ދެކެ ލޯބި ވެވުނީ،" ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ވިވިއަން ބުންޏެވެ.

ވިވިއަން ބުނި ގޮތުގައި އޭނާއަކީ ވަރަށް ޕްރައިވެޓް މީހަކަށް ވާތީ ކައިވެނި ކުރުމަށްފަހު ވެސް ކައިވެނި އިއުލާން ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޕާޓީތަކާއި އިވެންޓްތަކަށް ދާއިރު ނޫރަން ނުގެންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސަބަބަކީ އެފަދަ ތަންތަނަށް އޭނާ ނުގެންދަން މާ ކުރިއްސުރެ ނޫރަން އެދިފައިވާތީ ކަމަށް ވިވިއަން ބުންޏެވެ.

ވިވިއަން ޓިވީ ފިލްމު ކުޅެން ފެށީ މަޝްހޫރު ސިލްސިލާ "ޕިޔާރް ކީ ޔޭ އޭކް ކަހާނީ" އިންނެވެ. މި ސިލްސިލާގައި ވިވިއަންގެ ކުރީގެ އަނބިމީހާ ޑޮރަބިޒް ވެސް މުހިއްމު ރޯލެއް ކުޅެފައި ވެއެވެ. ދެ މީހުންގެ މެދުގައި ލޯބި އުފެދި ކައިވެނިކުރީ މި ސިލްސިލާ އުފެއްދުމުގެ މަސައްކަތް ކުރި ދުވަސްވަރު އެވެ.

ކައިވެންޏަށް ނިމުން ގެންނަކަން އިއުލާން ކުރަމުން ޑޮރަބިޒް ބުނެފައި ވަނީ ވިވިއަން އާއެކު ނޫޅެވުނީ އަނިޔާ ކުރާތީ ކަމަށެވެ.