ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ނަގާ ފައިސާ ކުޑަ ކުރަން ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ބޮޑު ވައްކަމެއް ކުރަން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުވެގެން އެއްވެސް ރިސޯޓެއްގެ ވެރިޔަކު ނޫޅުއްވާ ކަމަށެވެ.
"ރިސޯޓު އޯނަރުންނާއި، ރިސޯޓުތައް ތަމްސީލުކުރާ ވަކީލުންނާ މި އިސްލާހާ ގުޅޭ ގޮތުން އަޅުގަނޑު މަޝްވަރާ ކުރިން. އެމީހުން ނޫޅޭ ބިމު ކުލި ބޮޑުވެގެނެއް. ނޫޅޭ ދައުލަތަށް ދައްކަންޖެހޭ ފައިސާ ބޮޑުވެގެނެއް.،" ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރިސޯޓްތަކުގެ ބިމު ކުލީގެ ގޮތުގައި އަކަފޫޓަކަށް ނަގަމުން އަންނަ އަށް ޑޮލަރުގެ މިންވަރު ހަ ޑޮލަރަށް ކުޑަކުރަން ރިސޯޓްތަކުގެ ވެރިންނަށް ހުށަހެޅީ ސަރުކާރުން ކަމަށެވެ. އޭގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވެ ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ޝަކުވާތައް މަޖިލީހަށް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުނުހާ އަވަހަށް މި އިސްލާހާ ގުޅޭ ޝަކުވާތައް ލިބޭ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވީ ރާއްޖެ އޮތީ 2.4 ބިލިއަން ރުފިޔާގެ ދަރަނި ވަރަށް އަވަހަށް ހަލާސް ކުރަންޖެހޭ ހިސާބެއްގައި ކަމަށެވެ. ނަމަވެސް އެ ދަރަނިތައް ހަލާސް ނުކުރެވި ދަރަނި ދަންތުރައެއްގައި ވަރަށް އަވަހަށް ސަރުކާރު ޖެހޭނެ ކަމަށެވެ. ދިވެހި ސަރުކާރު ދަރަނި ދަންތުރައެއްގައި ޖެހުނީ ރާއްޖޭގެ ވެރިކަމުގައި ނާގާބިލް ބޭފުޅަކު ބަހައްޓައިގެން އިންޑިއާ އިން ކުރާ ކަންތައްތަކެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ދަރަނި ދަންތުރައިގައި ރާއްޖެ ޖައްސަނީ ކްރެޑިޓް ލައިނެއްގެ ތެެރެއިން ބޮޑެތި ލޯންތަކެއް ދޫކޮށްގެން ކަމަށްވެސް ސައީދު ވިދާޅުވި އެވެ. މި ސަރުކާރުގައި މަސައްކަތް ކުރާ އިސް ބޭފުޅުން ކޮންމެ ކަމެއް ކުރަނީ އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށާއި ނަމަވެސް އެއީ ދަރަނި ދަންތުރައެއް ކަމުގައި ވިދާޅުވި އެވެ.
"އިންޑިއާގެ ކްރެޑިޓުލައިނަކީ ރަނގަޅު ބިރިޔާނީ މަލާފަތެއް،" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅުގައި އޮންނައިރު އަބަދުވެސް މަހުޖަނުންނަށް ވަރަށް ބޮޑަށް ފާޑު ކިޔާ ޕާޓީއެއް ކަމަށާއި އެކަމަކު އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ މަހުޖަނުންގެ ކޮނޑަށް އެ ޕާޓީގެ އިސްވެރިން ސަވާރުވެގެން ތިބޭ ކަމަށެވެ.