އީދު ނަމާދު

ހިޔާ އަވަށުގައި އީދު ނަމާދުގެ ބޮޑު ޖަމާއަތް ހަދަން އެދެފި

Apr 19, 2022
3

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުނަށް އެ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިއްޖެ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ހިޔާ ފްލެޓްތަކުގައި މިހާރު ވެސް 15،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށެވެ. އެ އެންމެން ނަމާދު ކުރަން އެ ސަރަހައްދުގައި މިވަގުތު ހުރި ތިން މިސްކިތަކީ ބޮޑު ޖަމާއަތެއްގައި ނަމާދު ކުރުމަށް ޖާގައިގެ ދަތިތައް ހުރި މިސްކިތްތަކެއް ކަމަށެވެ.

ހިޔާ ފްލެޓް ތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން ބައްދަލުކުރާ ފުރަތަމަ ފިތުރު އީދަކީ ކުރިއަށް އޮތް އީދެވެ.

ހިޔާ ޔޫނިއަންގެ ސިޓީގައި އެކަން ފާހަގަކޮށް ބުނެފައިވަނީ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދިން ވެސް ބައިވެރި ކޮށްގެން ފިތުރު ނަމާދު ކުރަން ބޭނުންވާތީ ހިޔާ ފްލެޓްތަކާ ކައިރީގައި ހާމަ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދަ ހަމަަޖައްސައި ދިނުން އެދޭ ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވިދާނެ ސަރަހައްދެއް ފާހަގަކޮށްފައިވާ ކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ.

ކޮވިޑްގެ ދުވަސްތަކަށްފަހު މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއާއި ކައުންސިލްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ބޮޑު ޖަމައާތުގައި ނަމާދުކުރާނެ ސަރަހައްދުތައް ކަނޑައަޅައި އިސްލާމިކް މިނިސްޓްރީން އަދި އިއުލާންކޮށްފައެއް ނުވެ އެވެ.