ކާނާ

މިއޮތީ ގުލާބްޖާމްގެ ރެސިޕީއެއް

ދިވެހިންގެތެރޭ މަގުބޫލުކަން ހޯދާފައިވާ ގުލާބްޖާމަކީ މީ ވަރަށް މީރު އަނގަޔަށް ލުމުން އިތުރަށް ކާ ހިއްވާ ކަހަލަ ގޮތަކަށް ތައްޔާރު ކޮށްފައި ހުންނަ ފޮނި ކާއެއްޗެކެވެ. އެކަމަކު ހަކުރު ހުންނަ މީހުން ގުލާބުޖާމް ކެއުން ބުއްދިވެރިއެއް ނޫނެވެ. ސަބަބަކީ ޖުލާބުޖާމް ތައްޔާރު ކުރަން ވަރަށް ގިނަ ހަކުރު ބޭނުން ކުރާތީ އެވެ.

ތައްޔާރު ކުރަން ބޭނުންވާނެ ބާވަތްތައް

  • 1 ޖޯޑު ހިކި ކިރު
  • ކުޑަ މޭޒުމަތީ ސަމްސަލެއްގެ މާޖަރިން
  • ކުޑަ މޭޒުމަތީ ސަމްސަލެއްގެ ބޭކިން ޕައުޑަރު
  • 1 ބިސް
  • 3 ޖޯޑު ފެން
  • 1/2 ޖޯޑު ހަކުރު
  • 3 އިންޗި ހުންނަހާ ރާނބާފަތްކޮޅެއް
  • 5 ކަރަންފޫ
  • 5 ކާފޫރުތޮޅި
  • 2 އިންޗި ހުންނަހާ ފޮނިތޮށިކޮޅެއް
  • 3 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ތިން ޖޯޑު ފެން ތެއްޔެއްގެ ތެރެއަށް އެޅުމަށް ފަހު، ހަކުރާއި ފޮނިތޮށި ކަރަންފޫކޮޅު އަދި ކާފޫރުތޮޅި އަޅާލާށެވެ. ދެން ރާނބާފަތް ލުމަށްފަހު މަޑު ގިނީގައި ކައްކަން ބަހައްޓާށެވެ. މަޑު ގިނީގައި ކެއްކުމުން ހުރިހާ އެއްޗެއްގެ ރަހަ އެއްވަރެއްގައި ހުންނާނެ އެވެ. ކައްކާނީ ހަކުރުކޮޅު ވިރިގެން ފެންގަނޑުން ބޮކި އަރަން ދެނެވެ. ކެއްކުމުގެ ތެރޭގައި ހުދު ފޮނުގަޑެއް އަރާ ނަމަ ސަމްސަލަކުން ނަގާ އުކާލާށެވެ. ނުނެގުމަކުން ވެސް މައްސަލައެއް ނޫނެވެ. އަދި ރަހަޔަކަށް ބަދަލެއް ނާންނާނެ އެވެ. ކައްކަގަޑީގައި ހަކުރު ގިނައިން އެޅުމުން ގިނަ ދުވަހު ނުބައި ނުވެ ފްރިޖްގައި ގެންގުޅެވޭނެ އެވެ. ނަމަވެސް މާބޮޑަށް ދިޔާ ނުވާވަރު ބަލައިން ފެން އަޅަން ވާނެ އެވެ.

ހިކި ކިރާއި ބޭކިން ޕައުޑަރު އެެއް ކުރުމަށް ފަހު ބިހާއި މަޖިރިން އަޅައިން މޮޑެލާށެވެ. ފުށްގަނޑުގައި ހަރު ކަމެއް ހުންނަނަމަ ކުޑަ ފެންފޮދެއް މަތިން ބުރުވާލާއިގެން މޮޑެލާށެވެ. ފުށްގަނޑު މޮޑޭނީ މަޑުމަޑުންނެވެ. ރޮށިދަމަން ފުށްގަނޑު މޮޑޭގޮތަށް ފުށްގަޑު މޮޑޭކަށް ނުޖެހޭނެ އެވެ.

ދެން ކުދިކުދި ފުށް ކޮޅުކޮޅު ނަގައިގެން ބޯޅައެއްހެން ވަށްކޮށް ގުޅަވަށައިލާށެވެ. ބޭނުންވާ ކުޑަ ބޮޑު މިނެއްގައި ގުޅަ ޖެހިދާނެ އެވެ. އޭގެ ފަހުން ތެޔޮ އެތީ ތެރޭގައި މެދުމިނެއްގައި ބަހައްޓައިން ހަލުވަމުން ތެއްލާށެވެ. ތެޔޮގަނޑު މާބޮޑަށް ހޫނު ކުރުމުން ގުލާބު ތެއްލާގަޑީގައި އެކީ ހުރިހާ އެއްޗެއް އަނދާނީ އެވެ. އަދި ރީތިކޮށް ނުއެއް ފުފޭނެ އެވެ. ތެއްލާގަޑީ ގުލާބުޖާމުތައް ހަލުވާ ލުމުން އެއްވަރަކަށް ރީތިކޮށް ތެއްލެވިފައި ހުންނާނެ އެވެ. ތެއްލާ ނިމިމުން ކުރިން ކައްކާފަހުރި ހަކުރު ފަނިގަނޑުތެރެއަށް ގުލާބުތައް އަޅާލައިފައި މަތިޖަހާފައި ބަހައްޓާށެވެ. އެކީ ހިހޫވުމުން ފްރިޖް ތެރޭގައި ބަހައްޓާލާށެވެ. ބޭނުންވާނަމަ ފިިނިނުކޮށް ވެސް ކެވިދާނެ އެވެ.

ޖުލާބް ޖާމު ވަށްކޮށް އަދި ދިގުކޮށް ވެސް ވަށައިފައި ހުރެއެވެ.