ހަބަރު

މަނީ ލޯންޑިރިން މައްސަލާގައި ހާމިދު ސޭޓަށް ދައުވާ ކުރަން ފޮނުވައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވިއްކި ރައްތަކާއި ގުޅުން ހުރި މަނީ ލޯންޑިރިން މައްސަލާގައި މ. ޝޫރާ މަންޒިލް ހާމިދު އިސްމާއިލް (ހާމިދު ސޭޓް) މައްޗައް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު އާރިފް "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްއެމްޕީއާރްސީގެ އިން ވިއްކި ރައްތަކާއި ގުޅުން ހުރި މަނީ ލޯންޑިރިން މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ހާމިދު ސޭޓު މައްޗައް ދައުވާ ކުރަން ފުލުހުން ފޮނުވާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ.

ހާމިދު މައްޗައް ބުރާށްފަތި ދުވަހު ދައުވާ ކުރަން ފޮނުވާފައިވާ އިރު ހަމަ އެދުވަހު ވަނީ އަދީބާއި ޒިޔަތު މައްޗައް 17 ރަށެއްގެ މައްސަލާގައިވެސް ދައުވާ ކުރަން ފޮނުވާފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު މެލޭޝިއާގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ، ރައީސް އަބްދުﷲ ޔާމީންނަށް އިންޒާރުދިން މައްސަލައެއްގައެވެ. ހާމިދު މާލެ ގެނެސް އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ފުލުހުން ހާމިދު ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް ދޫކޮށްލުމަށް ފަހު ހަމަ އެދުވަހު ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީކުރަން ވިއްކި ބައެއް ރަށްރަށުން ލިބުނު ފައިސާ އަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އެ މައްސަލައާ ގުޅުން ހުރި މަނީ ލޯންޑްރިންގެ މައްސަލައެއްގެ ތުހުމަތުގައި އަނެއްކައި ވެސް ހައްޔަރުކޮށްފަ އެވެ.