ކްރިމިނަލް ކޯޓް

ހިޔާނާތުގެ ހުކުމް އިއްވާ މަޖިލިސް ސިއްރުކޮށްފި

Jun 23, 2016
1

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އުފުލައި ޝަރީއަތްކޮށްފައިވާ މައްސަލާގައި ހުކުމް އިއްވުމުގެ މަޖިލިސް ވެސް ސިއްރު ކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ވެސް ސިއްރުކޮށްފައި ވަނީ ގައުމީ ސަލަމާތަށެވެ. ކްރިމިނަލް ކޯޓްގައި އެ މަޖިލިސް ތާވަލްކޮށްފައި އޮތީ މިރޭ 10:00 ޖަހާ އިރަށެވެ.

ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމަށްފަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އަދީބާއި ޒިޔަތާއި އަދި ހާމިދުގެ މި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެ އަޑުއެހުން ސިއްރުކޮށްގެނެވެ.

ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރުމަށް އަދީބު އެންގެވި ކަމަށް އެ ކުންފުނީގެ ހިއްސާދާރު އަމްޖަދު އިސްމާއީލް ވަނީ ހެކިބަސް ދީފަ އެވެ.