އަޒީމާ އާދަމް

ހާމިދު ސޭޓްގެ ދިފާއީ ހެކިންނަށް އެމްއެމްއޭގެ ގަވަރުނަރާއި ބީއެމްއެލްގެ ސީއީއޯ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ދައުލަތުން ދައުވާ ކުރަމުން އަންނަ އަދީބުގެ ބޮޑު ބޭބެ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް، (ހާމިދު ސޭޓް)ގެ ދިފާއީ ހެއްކެއްގެ ގޮތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ އާއި އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމްގެ ނަން އޭނާ ޝަރީއަތުގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އޭނާ ހިއްސާވާ ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ. އަދި އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އެމްޑީއަކަށް އޭރު ހުންނެވި، އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް އަންނަނީ ދައުވާ ކުރަމުންނެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތަށާއި ދައުވާ ރައްދުވާ ފަރާތްތަކަށް ހެކި ހުށަހެޅުމަށް ވަނީ ފުރުސަތުދީފަ އެވެ. ހެކި ހުށަހަޅަން ދިން ފުރުސަތުގައި ދައުލަތުން ވަނީ ޖުމްލަ 24 ހެއްކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސިއްރު ދެ ހެއްކާއި އެމްއެމްޕީއާރްސީ އާއި މިލޭނިއަމް ކެޕިޓަލް އަދި ޓޫރިޒަމް މިނިސްޓްރީގެ ބައެއް ލިޔެކިޔުންތަކާއި ބައެއް ޗެކްތަކާއި ސްލިޕްތައް އަދި އެމްއެމްޕީއާރްސީ އާއި ހާމިދުގެ ބޭންކް ސްޓޭޓްމެންޓް ހިމެނެ އެވެ. އޭގެއިތުރުން އެމްއެމްޕީއާރްސީގެ ހިންގާ ގައިވައިދާއި މިލޭނިއަމް ކުންފުނީގެ މުވައްޒަފުން ކަމަށްވާ އަމްޖަދު އިސްމާއިލާއި އަހުމަދު ނިޒާމާއި ޝާހިދު ހުސެއިން އަދި ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާން ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ.

އަދީބުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ އާއި މިލޭނިއަމް ކެޕިޓަލާއި މޮންޓިލިއަން އިންޓަނޭޝަނަލްގެ ހިންގާ ގަވައިދާއި އަސާސީ ގަވާއިދު އަދި ހިއްސާދާރުންގެ މައުލޫމާތު ހިމެނެ އެވެ.

އެމްއެމްއޭގެ ގަވަރުނަރާއި ބީއެމްއެލްގެ ސީއީއޯގެ ނަން ހެއްކެއްގެ ގޮތުގައި ހާމިދު ހުށަހެޅީ ދައުވާގައި ހިޔާނަތްތެރިވި ކަމަށް ބުނާ ފައިސާ، މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަށް ޖަމާވެފައިވަނީ ބޭންކުގެ އިހުމާލުކަން ސާބިތުކޮށްދިނުމަށެވެ. އެކަން ހިނގާފައިވަނީ ބީއެމްއެލްއިން ބަލަންވާވަރަށް ނުބެލުމުގެ ސަބަބުންކަން ސާބިތުކޮށްދިނުމަށެވެ. ބީއެމްއެލްއިން އެކަމުގައި އިހުމާލުނުވިނަމަ އެ ފައިސާއަށް ހިޔާނަތްތެރި ނުވެވުނީސް ކަމަށް ހާމިދުގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވި އެވެ.

މި ދެ ބޭފުޅުންގެ އިތުރަށް ހާމިދުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ މިލޭނިއަމް ކެޕިޓަލްގެ މުވައްޒަފުން ކަމަށްވާ އަހުމަދު ނިޒާމް، އަމްޖަދު އިސްމާއިލް، ރިއްފަތު، ހުސެއިން ޝަރީފް އަދި އަހުމަދު ޝިނާނެވެ. މީގެއިތުރުން މިލޭނިއަމްގެ ބައެއް ލިޔެކިޔުންތަކާއި ބޭންކް ސްޓޭޓްމެންޓް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

މި މައްސަލައިން ދިފާއުވުމަށް ޒިޔަތުގެ ފަރާތުން ހުށަހެޅި ހެކީގެ ތެރޭގައި، އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓާއި އެމްއެމްޕީއާރްސީގެ ބޭންކް ސްޓޭޓްމެންޓާއި އެމްއެމްޕީއާރްސީ އާއި ބީއެމްއެލްއާ ދެމެދުވި ބައެއް މުއާމަލާތްތަކުގެ ލިޔެކިޔުންތަކާއި އެމްއެމްޕީއާރްސީ އާއި ކުރެއްދޫ ހޯލްޑިންއާއެކުވި އެއްބަސްވުމާއި ބައެއް ޗެކްތައް ހިމެނެ އެވެ.

މިއަދުގެ އަޑުއެހުމުގައި ޒިޔަތުގެ ވަކީލް ވަނީ ޒިޔަތު ތަހުގީގަށް ދީފައިވާ ބަޔާނަށް އިންކާރުކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ ބަޔާން ދީފައިވަނީ ފުލުހުންގެ ނުފޫޒާއެކު ކަމަށް ޒިޔަތުގެ ވަކީލް ވިދާޅުވި އެވެ. އެގޮތުން ބަޔާން ދިނުމުން ގެއަށް ބަދަލުކޮށްދޭނެ ކަމަށް ފުލުހުން ޒިޔަތު ކައިރީގައި ބުނި ކަމަށް ވަކީލް ވިދާޅުވި އެވެ.

މި މައްސަލާގައި ދެން އޮންނާނީ ހެކިންގެ ހެކި ބަސް ނެގުމެވެ. މިކަން ކުރިން ތާވަލުކުރީ، މި މަހުގެ 28 ވަނަ ދުވަހަށެވެ. ނަމަވެސް ދައުވާ ރައްދުވާ ފަރާތުން ވެސް އެއީ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވުމުން ޝަރީއަތުން ވަނީ ފަހުގެ ތާރީހެއްގައި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.