ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ދައުވާއަށް ހާމިދު އިންކާރު، ވަކީލުން ހަމަޖައްސަން އަދީބަށާއި ޒިޔަތަށް 15 ދުވަސް

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ ބޮޑުބޭބެ ހާމިދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާއަށް ހާމިދު އިންކާރު ކުރައްވައިފި އެވެ.

ޅ.މާބިންހުރާ ފަސް މިލިޔަން ޑޮލަރަށް ކެޕިޓަލް ހޯލިން ދިނުމަށްފަހު އެ ފައިސާގެ ޗެކާ ހަވާލުވެ އެ ފައިސާތަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ދައުވާކޮށްފައިވަނީ ހާމިދުގެ އިތުރުން އަދީބަށާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއުހުމުގައި އަދީބާއި ޒިޔަތު ވަނީ ވަކީލުން ހަމަޖެއްސުމަށް 30 ދުވަހުގެ މުއްދަތަކަށް އެދިފަ އެވެ. ނަމަވެސް ގާޒީ ދެއްވީ 15 ދުވަހުގެ މުއްދަތެކެވެ.

މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ހާމިދުގެ ފަރާތުން ވަކީލުން ވަނީ ހާޒިރުވެފަ އެވެ. ވަކީލުންނަކީ ހަނީފާ ހާލިދާއި ހުސްނުއް ސުއޫދެވެ. ދައުލަތުގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވަނީ ދައުލަތުން އުފުލާފައިވާ ދައުވާ ޝަރީއަތަށް އިއްވާފަ އެވެ. ދައުވާގަިއ ބުނާގޮތުން ހާމިދު މައްޗަށް ތުހުމަތުކޮށްފައިވަނީ، ޅ.މާބިންހުރާ ފަސް މިލިޔަން ޑޮލަރަށް ކެޕިޓަލް ހޯލިން ދިނުމަށްފަހު އަދީބައި ގުޅިގެން އެފައިސާތައް މިލޭނިއަމްގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާތަކުގެ ބޭނުން ކޮށްފައިވާތީ ދައުލަތުގެ 10000 ރުފިޔާއަށްވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ އެ ފައިސާގެ ޗެކާއި ހަވާލުވުމަށްފަހު އެ ފައިސާތަކަށް ހިޔާނާތްތެރިވެފައިވާތީ ދައުލަތުގެ 10،000 ރުފިޔާއަށްވުރެ މަތީ އަދަދަކަށް ފައިސާއަށް ހިޔާނާތްތެރިވީ ކަމުގެ ދައުވާއެވެ. އަދި އަދީބުގެ މައްޗަށް އުފުލާފައިވަނީ އެ ފައިސާތައް ހާމިދާ ގުޅިގެން ހާމިދުގެ މިލޭނިއަމް ކެޕިޓަލް މެނޭޖުމެންޓުގެ އެކައުންޓަށް ޖަމާކޮށް އެފައިސާއަށް ހިޔާނާތްތެރިވެފައިވާތީ ދައުލަތުގެ 10000 ރުފިޔާއަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ހާމިދުގެ މައްޗަށް އުފުލި ދައުވާއަށް އިންކާރުކޮށް، ދައުވާއަށް ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގައި ސުއޫދު ވިދާޅުވީ، މައްސަލާގައި ލިބިފައިވަނީ ތިން ބަޔާނެއް ކަމަށާއި އިތުރު ލިޔުމެއް ލިބިފައިނުވާތީ ޖަވާބުދާރީވުމަށް އުނދަގޫވާ ކަމަށެވެ. އަދި މާފުށީ ޖަލަށް ހާމިދު ބަދަލުކުރުމުން ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް އަދީބާއި ޒިޔަތު އަދި ހާމިދު ވެސް ހާޒިރުކުރީ ބިޑި އަޅުވައިގެންނެވެ. ހާމިދުގެ ވަކީލް ހަނީފާ އެކަން ގާޒީގެ ސަމާލުކަމަށް ގެނައުމުން، ގާޒީ ވަނީ ތިން ބޭފުޅުންގެ ބިޑި ނެއްޓުމަށް ވެސް އަމުރުކުރައްވާފަ އެވެ.

މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.