ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި އަދީބުގެ ބޭބެ ހާމިދު އިސްމާއިލު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
މި ތިން ބޭފުޅުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރީ، ތިން ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލައެއްގައި ދައުވާ ކޮށްފައިވާތީ އެކަން އެންގުމަށެވެ. އެކަން އެންގުމަށްފަހު، މައްސަލާގެ ޝަރީއަތް ފެށުމަށް ތިން ބޭފުޅުންނަށް ވެސް ވަކީލުންގެ ހަމަޖައްސަން އަންގާފަ އެވެ.
އަދީބާއި ޒިޔަތު އަދި ހާމިދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީއިން ގަވާއިދާ ހިލާފަށް ރަށެއް ދޫކުރި މައްސަލާގަ އެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެމްއެމްޕީއާރްސީއިން ގަވާއިދާ ހިލާފަށް ގިނަ ރަށްތަކެއް ދޫކޮށްގެން ތިން ބޭފުޅުންގެ މައްޗަށް ވެސް ދައުވާކުރަން އުފުލާފައިވެ އެވެ.
އެމްއެމްޕީއާރްސީ މައްސަލާގައި މިހާރު ވެސް އަދީބުގެ މައްސަލައެއް ކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލާގެ ދެ އަޑުއެހުން ބާއްވާފައިވާއިރު އެއީ މާލެ އަތޮޅު ފަޅެއް ގަވާއިދާ ހިލާފަށް ދޫކުރި މައްސަލައެކެވެ. އެ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ދައުވާ އެވެ.
ޒިޔަތުގެ މައްޗަށް ވެސް އެމްއެމްޕީއާރްސީގެ މައްސަލައެއްގައި ޝަރީއަތް ވަނީ ފަށާފަ އެވެ. އެއީ މާލޭ އަތޮޅެއް ފަޅެއް ގަވާއިދާ ހިލާފަށް ދޫކޮށް، ލިބުނު އެއް މިލިއަން ޑޮލަރުގެ ޗެކާ ހިޔާނާތްތެރިވި މައްސަލައެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓަށް އަދީބާއި ޒިޔަތު ހާޒިރުކޮށް، ޝަރީއަތް ފަށާނެކަން މިއަދު އަންގާފައިވާ މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ދެވަނަ މައްސަލަ އެވެ. ހިޔާނާތުގެ މައްސަލާގެ ޝަރީއަތުގެ އިތުރުން އަދީބު މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ގެ ޝަރީއަތް ވެސް ވަނީ ފަށާފަ އެވެ.
ހާމިދު ސޭޓްގެ މަނީ ލޯންޑަރިން މައްސަލާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފަ އެވެ. ހާމިދު ވަނީ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފަ އެވެ.