ސިހުރު ހެދުން

ވިލުފުށީގައި ސިހުރު ހަދާކަމަށް ތުހުމަތުވި މީހުންގެ ބަންދު އިތުރުކޮށްފި

ސިހުރު ހަދާކަމުގެ ތުހުމަތުގައި ތ. ވިލުފުށިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އާންމުންގެ ފަރާތުން ފުލުހަށް ހުށަހެޅީ ޝަކުވާއަކާ ގުޅިގެން އިއްޔެ ވިލުފުށިން ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި އެރަށު ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް އިއްޔެ ހަވީރު އިތުރު ދެ ދުވަސް އެއަތޮޅު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށެވެ. އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 48 އަހަރުގެ މީހަކާއި 56 އަހަރުގެ މީހަކާއި 58 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން މިދިއަ ހޮނިހިރު ދުވަހު ކަމަށާއި އެ މީހުން ހައްޔަރު ކުރީ ރަށުގެ އޮޑި ދޯނި ފަހަރަށާއި މީހުންގެ ގެދޮރަށް ގެއްލުންދޭ ކަމަށް ތުމަތުކޮށް ރަށުގެ ގިނަ ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.

"ރައްޔިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން އެމީހުން ހައްޔަރު ކުރީ. އެމީހުންނަށް ތުހުމަތު ކުރެވޭ ރަށުގެ އޮޑި ދޯނި ފަހަރަށާއި މީހުންގެ ގެދޮރަށް އަމާޒުކޮށް ސިހުރު ހަދައި ގެއްލުންތައް ދޭ ކަމަށް،" ފުލުހުންގެ އިފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވި އެވެ.