ސިހުރު ހެދުން

ސިހުރު ހަދާ ކަމަށް ތުހުމަތުވެގެން ވިލުފުށިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ތ. ވިލުފުށީގައި ސިހުރު ހަދަމުންދާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފި އެވެ.

މިކަމާގުޅޭ ގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިހުރު ހަދާކަމުގެ ތުހުމަތުގައި ވިލުފުށިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބަންދު މުއްދަތު އިތުރު ކުރުމަށް، ތ. ވޭމަންޑޫ ކޯޓަށް ގެންދިއުމުން އެ ކޯޓުން ކަމަށެވެ.

އެ ތިން މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުން މިދިއަ ހޮނިހިރު ދުވަހުއެވެ. އެ މީހުން ހައްޔަރު ކުރީ ރަށުގެ އޮޑި ދޯނި ފަހަރަށާއި މީހުންގެ ގެދޮރަށް ގެއްލުންދޭ ކަމަށް ތުމަތުކޮށް ރަށުގެ ގިނަ ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ރައްތިތުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން އެމީހުން ހައްޔަރު ކުރީ. އެމީހުންނަށް ތުހުމަތު ކުރެވޭ ރަށުގެ އޮޑި ދޯނި ފަހަރަށާއި މީހުންގެ ގެދޮރަށް އަމާޒުކޮށް ސިހުރު ހަދައި ގެއްލުންތައް ދޭ ކަމަށް،" ފުލުހުންގެ އިފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވި އެވެ.

ސިހުރުހަދާ ކަމުގެ ތުހުމަތު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވަނީ 48 އަހަރުގެ މީހަކާއި 56 އަހަރުގެ މީހެއްގެ އިތުރުން 58 އަހަރުގެ މީހެކެވެ. އޭގެ ތެރޭގައި ރަށުގެ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާވެސް ހިމެނެ އެވެ.