ލައިފްސްޓައިލް

ހަމުގެ މައްސަލަތައް ކުރިމަތިވީ އޮފީސް ފާޚާނާ އިން

އެމެރިކާގެ ފިރިހެނަކު މޫނުގައި ރަތްކުލައިގެ ބިހިތަކެއް ނަގައި އެ ތަންތަން ކަހާވަރުން އުޅޭތާ 10 ވަރަކަށް އަހަރުވީއިރު ވެސް އޭނާއަށް މި މައްސަލަ ދިމާވަނީ ކީއްވެގެން ކަމެއް ނޭނގުނެވެ. މި ބިހިތައް ނަގާފައި ހުންނަނީ އޭނާގެ މުޅި މޫނާއި ކަރާއި ތުނބުޅި ފަޅާފައި ހުންނަ ހިސާބުގައި ކަމުން މި ބިހިތައް ފޮރުވަން އޭނާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނޯވެ އެވެ.

ވިލް ހޭވާޑް ނަމަކަށް ކިޔާ މި މީހާ އަކީ ވެލްޝް އެފެއާ އެޑިޓަރެވެ. ވިލް އަށް މި ބިހިތަކާ ހެދި ހަދާނެގޮތް ހުސްވެ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، އޮފީހުގައި މަސައްކަތްކުރަން ދަތިވެފައި ވަނިކޮށް މި ކަން ދިމާވާ ހަގީގީ ސަބަބު މިހާރު ވަނީ އެނގިފަ އެވެ. މި މީހާގެ މޫނުގެ ހަންގަނޑަށް މި މައްސަލަ ދިމާވަނީ އޮފީސް ފާޚާނާ އިންނެވެ.

ފާއިތުވީ 10 އަހަރު ތެރޭ ހަމުގެ ޚާއްސަ ޑޮކްޓަރުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ބިލް ވަނީ ދައްކައި ޑޮކްޓަރުން ލިޔެދިން އެކި ކަހަލަ ފަރުވާތައް ވެސް ބޭނުންކޮށްފަ އެވެ. ނަމަވެސް އެއްވެސް ބޭހަކުން އޭނާގެ ހަންގަނޑުގައި ނަގާފައިހުރި ބިހިތައް މަދުވާ ގޮތެއް ނުވި އެވެ. އެންމެ ފަހުން އޭނާ ބަނގުރަލާއި ކޮފީ ބުއިން ވެސް ހުއްޓާލި އެވެ. އަދި ޗީޒް ކަހަލަ ޑައިރީ ޕްރޮޑަކްޓްސް ބޭނުން ކުރުން ވެސް މުޅިން ހުއްޓާލި އެވެ. އެވަރުން ވެސް އޭނާގެ ބައްޔަށް ލުޔެއް ނުލިބުނެވެ.

އެކި ކަހަލަ ކްރީމްތަކާއި ސަން ބްލޮކްތައް ވެސް ވިލް ވަނީ އޭނާގެ ބިހިތަކުގައި ވަރަށް ގިނައިން ހާކާފަ އެވެ. މި ހުރިހާ ކަމެއް ކޮށްގެން ވެސް ބިހިތައް ނުދިއުމުން ވިލް ވަރަށް މާޔޫސްވި އެވެ.

ބިހިތައް ގިނަކަމުން ގަންނަ ލަދަކުން ލޯބިވެރިޔަކާ އެކު ބޭރަށް ދާކަށް ވިލް ބޭނުމެއް ނުވެ އެވެ. އަދި މީޓިންގްތަކުގައި ވެސް އިންނަނީ ވީޑިއޯ ކަނޑާލައިގެންނެވެ.

ކޮރޯނާވައިރަސް ޕެންޑެމިކް ލައިގަނެގެން ގޭގައި އިނދެގެން ގިނަ ދުވަސް ތަކެއް ވަންދެން ވިލް އަށް މަސައްކަތްކުރަން ޖެހުނެވެ. އެ ދުވަސްވަރު ތެރޭގައި އޭނާ އެއްވެސް ފަރުވާ އެއް ނުކޮށް ހުއްޓާ ހަންގަނޑުން ހުރިހާ ބިހިތައް ފިލައި މުޅިން ރީތިވި އެވެ.

މިކަން ދިމާވި ސަބަބެއް ވިލް އަކަށް ނޭނގުނެވެ. ނަމަވެސް ހަންގަނޑު ރީތިވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އޮފީހަށް އަލުން އަނބުރާ ނުކުތުމާއެކު އަނެއްކާވެސް ކުރިން ދިމާވި ހަމުގެ މައްސަލަތައް ވިލް އަށް ދިމާވި އެވެ.

ވިލް އަނެއްކާވެސް އެހެން ޑޮކްޓަރަކަށް ދެއްކި އެވެ. އޭނާގެ ހަންގަނޑު އެލާޖިކް ވަނީ ކޮން ކަހަލަ ކެމިކަލް އަކަށްތޯ ބަލަން ޓެސްޓުތަކެއް ހަދަން މި ޑޮކްޓަރު އިރުޝާދު ދިނެވެ. މި ޓެސްޓްތަކުގެ ނަތީޖާ ދެއްކި ގޮތުގައި ވިލް އެލާޖިކް ވެފައިވަނީ މެތަލައިސެތައިޒެލީނޯން އާއި 2-ބްރޮމް-2 ނައިޓްރޮޕްރޮޕޭން-1،3-ޑިއޯލް އަށެވެ.

މިއީ ސައިބޯންޏާއި ޝަވަޖެލް، ޝޭމްޕޫ ފަދަ ތަކެތީގައި ޕްރިޒަވޭޓިވް އެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ކެމިކަލް އެކެވެ. ނަމަވެސް މިހާރު މި ތަކެތި އުފައްދަން މި ކެމިކަލެއް ބޭނުމެއް ނުކުރެ އެވެ.

މިކަން އެނގުމުން ވިލް އޭނާ ގެންގުޅޭ ހުރިހާ އެއްޗެއް މިކެމިކަލް ނުހުންނަ އެއްޗެތިކަން ޔަގީން ކުރި އެވެ. ނަމަވެސް އޭނާގެ ހަމުގެ މައްސަލައަށް މި ވަރުން ވެސް ލުޔެއް ނުލިބުނެވެ. ފަހުން އޭނާ ވިސްނި ވިސްނުމުން އެނގުނީ މައްސަލަ އުޅެނީ އޭނާގެ އޮފީސް ފާޚާނާގައި ހަރުކޮށްފައި އިންނަ އޮޓޮމެޓިކުން ސްޕްރޭވާ އެއާފްރެޝްނާ އެއްގައި ކަމެވެ. މި ހުރިހާ ދުވަހު އޭނާގެ ހަންގަނޑަށް ދިމާވި މައްސަލައަކީ މި އެއާފްރެޝްނާގައި އެކުލެވޭ ކެމިކަލް އިން ވެގެން އުޅޭ ގޮތެއް ކަމެވެ.