ބޮލީވުޑް

ޝާހްރުކް ބަތަލުގެ ބައިކުޅޭ ހިރާނީ ފިލްމަކީ "ޑުންކީ"

ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީ އާއި ޝާހް ރުކް ޚާން އެކުގައި ފިލްމެއްގައި މަސައްކަތް ކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އަދި މި ދެ ފަންނާންގެ ފޭނުން ކެތްތެރިކަމެއް ނެތި މި ފިލްމަށް އިންތިޒާރު ކުރަމުން ވެސް އެބަ ދެއެވެ.

ހިރާނީގެ ފިލްމުތަކަކީ ކޮމެޑީގެ ބައި ބޮޑު ޑައިލޯގް މޮޅު އަދި އެހެން ހިންދީ ފިލްމުތަކާ ތަފާތު ޔުނީކް ގޮތެއް ހުންނަ ފިލްމު ތަކެކެވެ. އެހެންކަމުން އޭނާގެ ފިލްމުތަކަށް ވަރަށް ގިނަ ބަޔަކު އަބަދުވެސް އިންތިޒާރު ކުރެ އެވެ.

ޝާހް ރުކް އިއްޔެ ވަނީ ހިރާނީ އާއި އޭނާ އެކުވެގެން އުފައްދާ ފިލްމު އިއުލާން ކޮށްފަ އެވެ. ޓުވިޓާގައި އިއްޔެ ޝާހް ރުކް ޝެއާ ކުރި ވީޑިއޯއަކުން ހާމަވާ ގޮތުގައި "ޕަތާން" އަށް ފަހު ޝާހް ރުކް ކުޅޭނީ މި ފިލްމެވެ. މި ވީޑިއޯގައި ޝާހް ރުކް އާއެކު ހިރާނީ ވެސް ފެނެ އެވެ. އަދި އެމީހުންގެ ފިލްމުގެ ނަމަކީ "ޑުންކީ" ކަމަށް ވެސް މި ވީޑީއޯގައި ވަނީ އިއުލާން ކޮށްފަ އެވެ.

މި ފިލްމާ ގުޅޭ ގޮތުން ޝާހް ރުކް އާއި ހިރާނީ އެކަކު އަނެކަކާ ވާހަކަ ދައްކާތަން މި ވީޑީއޯގައި ފެނެ އެވެ. މި ފިލްމުގައި ކޮމެޑީ އާއި ރޮމޭންސް އެކުލެވޭ ކަމަށް އެމީހުން ބުނެފައި ވެއެވެ.

"ޑުންކީ"އަކީ ހިރާނީ އުފައްދާ ހަ ވަނަ ފިލްމެވެ. މީގެ ކުރިން އޭނާ އުފެއްދި ފިލްމުތަކުގެ ތެރޭގައި "3 އިޑިއަޓްސް"، "މުންނާބާއީ" ފްރެންޗައިސްގެ ތިން ފިލްމު، "ޕީކޭ" އަދި "ސަންޖޫ" ހިމެނެ އެވެ. މިއިން ކޮންމެ ފިލްމަކީ ވެސް ވަރަށް ރީތި އެހާމެ މޮޅު ޑައިލޯގްތަކާއި ކޮމެޑީ އެކުލެވޭ ފިލްމުތަކެކެވެ.

"ޑުންކީ"ގެ ވާހަކަ ލިޔެފައި ވަނީ ހިރާނީގެ ގިނަ ފިލްމުތަކުގެ ވާހަކަ ލިޔުނު ލިޔުންތެރިން ކަމަށްވާ އަބިޖާތު ޖޯޝީ އާއި ކަނިކާ ދިލަން އެވެ. ބަތަލާ އަކީ ތާޕްސީ ޕަންނޫ އެވެ.

މި ފިލްމުގައި ޝާހް ރުކް ކުޅެނީ ޕަންޖާބު މީހެއްގެ ރޯލު ކަމަށްވާތީ ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރަން ހަމަޖެހިފައި ވަނީ ވެސް ޕަންޖާބުގަ އެވެ.

މި ފިލްމު އިއުލާން ކުރުމަށްފަހު މީޑިއާ އާ ވާހަކަ ދައްކަމުން ހިރާނީ ބުނީ އޭނާގެ ފިލްމުތަކުގައި ބައިވެރިކުރަން އެންމެ ބޭނުންވާ އެކްޓަރުންގެ ލިސްޓުގެ ކުރީގައި އަބަދުވެސް ޝާހް ރުކް ޚާންގެ ނަން އޮވެ އެވެ. ކުރިން ވެސް ބައެއް ފިލްމުތަކުގައި ޝާހް ރުކް ބައިވެރި ކުރެވޭތޯ މަސައްކަތްކޮށް ކާމިޔާބު ނުވެފައި އޮތީ ކަމަށާއި ނަމަވެސް މިހާރު "ޑުންކީ"ގައި ޝާހް ރުކް އާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށް ހިރާނީ ބުންޏެވެ.

ޝާހް ރުކް ބުނި ގޮތުގައި ހިރާނީ އަކީ މިހާރު ބޮލީވުޑްގައި ފިލްމު އުފެއްދުމުގެ މަސައްކަތްކުރާ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"މަގޭ އެކުވެރި ރާޖޫ. ކަލެއަށް ޓަކައި ވިއްޔާ އަހަރެން ޑޮންކީ، މަންކީ... ފަދަ ކޮންމެ އެއްޗަކަށް ވެސް ވާން ތައްޔާރު،" ޝާހްރުކް ބުނެފައި ވެއެވެ.

"ޑުންކީ" ރިލީޒްކުރާ ތާޜީޚެއް ކަމަށް އިއުލާން ކޮށްފައި ވަނީ 2023 ގެ ޑިސެމްބަރު 22 ވަނަ ދުވަހެވެ.