ހައިޑްރޮގްރަފީއާއި ނެވިކަމުގެ ޗާޓްތައް ތައްޔާރުކުރުމަށް ކުރާ ނެޝަނަލް އިންވެސްޓްމެންޓަށްދާ ހަރަދާއި ފައިދާއާއި އަޅާކިޔާލާއިރު ހައިޑްރޮގްރެފިކް ހިދުމަތުގެ ތަރައްގީއަށް އިންވެސްޓްކުރާ ކޮންމެ ޑޮލަރަކަށް އަނބުރާ 10 ޑޮލަރު ލިބޭނެ ކަމަށް މާލީ ދިރާސާއިން ދައްކާ ކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފި އެވެ.
ހައިޑްރޮގްރަފީއަކީ ފެނުގެ ސަތަހަތައް ކަމުގައިވާ ކަނޑުތަކާއި ފަޅުތަކުގެ ފުންމިނާއި ތިލަމިން ދެނެގަނެ އެތަންތަނާ ގުޅޭ މައުލޫމާތު އެއްކޮށް އެމައުލޫމާތުގެ މައްޗަށް ނެވި ކަމަށާއި އިތުރުން އޮފްޝޯ މަސައްކަތްތަކާއި، ދިރާސާ، ތިމާވެށި ހިމާޔަތް ކުރުމާއި ކަންކަން ދުރާލާ ލަފާކޮށް އެހެނިހެން ބޭނުންތަކަށް މައުލޫމާތު އެކުލަވައިލުމެވެ.
ހައިޑްރޯގްރެފިކް ސާވޭއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިގްތިސޯދީ ގޮތުން ފައިދާވާނެ ސަރަހައްދުތައް ޗާޓްކުރެވޭނެ އެވެ. އަދި ނޫ އިގްތިސޯދު ހާސިލްކުރުމަށް ފެސިލިޓޭޓްކޮށްދޭނެ އެވެ.
ހައިޑްރޯގްރަފީ މެދުވެރިކޮށް ރާއްޖޭގައި 11 ކަމެއް ކުރިއަށް ދާނެ ކަމަށެވެ.
ހައިޑްރޯގްރަފީ މެދުވެރިކޮށް ކުރިއަށްދާނެ ކަންކަން
- މެރިޓައިމް ޓްރެފިކް ބެލެހެއްޓުމުގައި ރައްކާތެރިކަމާއި ޔަގީންކަން ކަށަވަރުވުން
- ކޯސްޓަލް ޒޯން މެނޭޖްމެންޓް
- ކަނޑުގެ ވަސީލަތްތައް ހޯދައި ދަސްކޮށް އޭގެ ފައިދާ ލިބިގަތުން
- ތިމާވެށީގެ ރައްކާތެރިކަން
- ކަނޑުމަތީ ސަލާމަތްތެރިކަން
- ބަނދަރުތަކުގެ ތަރައްގީ
- ގޮނޑުދޮށް ގިރުމާއި ބިން ހިއްކުމުގެ ކަންކަން ބެލެހެއްޓުމާއި ކޮންޓްރޯލް ކުރުން
- ސިނާއީ ރަށްރަށުން އުފައްދާ ކުނި އުކާލުމަށް ސަރަޙައްދު ކަނޑައެޅުން
- އެކުއަ ކަލްޗާ ހަރަކާތްތަކުގެ ކުރިއެރުން
- ފަތުރުވެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއްދީގެން މުރަކައިގެ މިންވަރު ދެނެގަތުން
- ސާފެސް އުޅަނދުފަހަރުތަކަށް ރައްކާތެރި ނެވިކަން ދެނެގަނެ ކަނޑުގައި ޖައްސާ މަތިންދާބޯޓު އޮޕަރޭޓްކުރުން ރައްކާތެރި ސަރަޙައްދުތައް ދެނެގަތުން
އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި މާދަމާ އިން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސް ގައި ބޭނުން ކުރާ އިލެކްޓްރޯނިކް ޗާޓްތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖް އަދި އެފްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެކެވެ.
ހައިޑްރޮގްރަފީއަކީ އެގައުމެއްގެ އިގްތިސާދަށް ސީދާ ފައިދާކުރާނެ އަދި ރައްކާތެރި މަސައްކަތެކެވެ. ހައިޑްރޮގްރަފިކް އިންފްރާސްޓްރަކްޗާ އަދި ސާވޭތައް ހިންގުމަށް ފަސް އަހަރުގެ މަގުޗާޓެއް ވެސް ވަނީ ރާއްޖެ އާއި އިންޑިއާ އާއި ގުޅިގެން ތައްޔާރުކޮށްފަ އެވެ.
ހައިޑްރޮގްރެފިކް ސަވޭ ކުރުމަށް އިންޑިއަން ނޭވީ ޝިޕް "ސަތުލެޖް" މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.