މޯލްޑިވްސް ޕޮލިސް ސާވިސް

ޕީޕީއެމް އޮފީސް ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގައިފި

ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހުރަފާގޭގެ ވެެރިޔާ ހުސައިން ރަަޝީދަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ އެ ގޭގެ ބޭރުގައި އާންމުކޮށް ފެންނާނެ ހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށެވެ.

އަދި އޭގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހީންގެ މަސްލަހަތަަސްވެސް ގެއްލުން ވެދާނެ ކަމެއް ކަމަަށް ފުލުހުން ދެކޭ ކަމަަށެވެ.

ފުލުހުންގެ އެންގުމުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިންގާ ކަންކަމުގެ ސަބަބުން ރާއްޖެ އާއި ދިވެހީންގެ މަސްލަހަތަށް ގެއްލުންވާނެ ފިތުނަވެރި އަމަލުތަކެއް ކަމަަށެވެ. އަދި މިއީ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ ހުތުރު ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއް ކަމަށެވެ. އެހެން ކަމުން އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް ހ. ހުރަފާ ބޭރުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް" ބެނާ ނަގަން އަންގާ ކަމަށެވެ.

މި އެންގުމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުން ވަކި އެެއްޗެއް ނުބުންޏެވެ.

ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅު ހަމަޖިވަޑައި ނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި ކުއްލި މައްސަލައެއް އެޖެންޑާގައި ހިމެނުން ހުއްޓުވުމަށް ފަހު ނަޝީދު ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައި މާލޭގެ ބޮޑެތި އިމާރާތްތަކުގައި ދަމަމުންދާ ބެނާތައް ދެމުން ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި އެ ބެނާތައް ފުލުހުން ވަގުތުން ނަގަންޖެހޭނެ ކަމަށް ވެސް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދު ބަސް ބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް. އާންމު މަސްލަހަތާ ހިލާފު ކަމެއް. އެ ތަކެތި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުން ވަގުތުން ވަގުތަށް ނަގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދަކީ އިންޑިއާގެ މަސްލަހަތުތަކަށް އިސްކަން ދެއްވާ އަދި އިންޑިއާ އާއި ރާއްޖެއާ ގުޅޭ މައްސަލަތަކުގައި އިންޑިއާގެ ދިފާއުގައި އާންމުކޮށް ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން "އިންޑިއާ އައުޓް" ބެނާ އިދިކޮޅު ޕާޓީ، ޕީޕީއެމްގެ މައި އޮފީސް ހިންގާ ހ. ހުރަފާ އިމާރާތުގައި ވަނީ ދަމާފަ އެވެ. އަދި އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ހ. ދޫވެހީގައި ވެސް "އިންޑިއާ އައުޓް" ބެނާ އެލުވާފައި ވެއެވެ.

މި ހަރަކާތުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ވެރި ރަށުގައި ފެށި އެ ހަރަކާތް ވަރަށް ބޮޑަށް ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ގިނަ އިމާރާތްތަކެއްގައި ބެނާ ހަރު ކުުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މި އަހަރު ނިމުމުގެ ކުރީން ބޭލުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މީގެ ކުރިން ރޮއިޓާސް އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ އެ ތިބި ކަމަށާ އެއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ކަމުން އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.