ސްރީލަންކާ

ލަންކާގައި ތިބި ދިވެހީން ސަމާލުވާން އެދިއްޖެ

ސްރީލަންކާ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މިހާރު ފެށިފައިވާ މުޒާހަރާތަކާއި އެއްވުންތަކުގައި ބައެއް ފަހަރު ހަމަނުޖެހުން ހިނގަމުންދާތީ މުޒާހަރާތައް ހިނގާ ސަރަހައްދުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސް ކޮށްފި އެވެ.

ދިވެހީންގެ 20،000 ގާތްކުރާ އާބާދީއެއް އޮތް ލަންކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ގައުމުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ފަށާފަ އެވެ. ރޭ އޮތް މުޒާހަރާ ހޫނުވެ ސަލާމަތީ ބާރުތަކުން ވަނީ ބައިވެރިން ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ކޮށްފައެވެ. ބަޑިވެސް ޖަހާފައި ވެއެވެ. ބަޑީގެ ހަމަލާއެއް އަމާޒުވެ އެކަކު މަރުވެ ގިނަ ބަަޔަކު ވަނީ ޒަހަމުވެފައެވެ.

ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ލަންކާގެ އުސޫލުތަކާއި އެއްގޮތަށް އުޅުމަށާއި ބޭރަށް ނިކުންނަ ނަމަ ޕާސްޕޯޓް ގެންގުޅުމަށެވެ. އަދި މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގާތީ އެފަދަ ކަންކަމުން ރައްކާތެރިވެވޭނެ ގޮތަށް ސަމާލުވެ ތިބުމަށެވެ.

ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަށް ނުރުހުން ފާޅު ކުރަން މަގުތަކަށް ނުކުތް މީހުންގެ ރާގު ބަދަލުކޮށް ސަރުކާރު ވައްޓާލަން އޮތީ ޑިމާންޑް ކޮށްފަ އެވެ. މުޒާހަރާކުރާ މީހުން މުޅި ގޯލްފޭސް ހިފައި އެއްއަޑަކުން ސަރުކާރު އިސްތިއުފާ ދޭން ގޮވާލާ ގޮވުން މުޅި ލަންކާއަށް ފެތުރި މިހާރު އެންމެ ބޮޑު ނުތަވަސްކަމެއް އޮތީ ރަމްބުއްކަނާގަ އެވެ.

ރަމްބުއްކަނާގައި ފުލުހުންނާއި މުޒާހަރާ ކުރާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އެއްވުންތައް ރޫޅަން އެކަށީގެން ނުވާ ވަރަށް ފުލުހުން ބާރުގެ ބޭނުންކުރި ކަމުގެ ހެކިތައް މިހާރު ދަނީ ފެންނަމުންނެވެ.

ރަމްބުއްކަނާގެ ޕޮލިސް ސްޓޭޝަން ދޮށަށް އާންމުން އެއްވެ ގާ އުކައި ވަނީ އިމާރާތަށް ގެއްލުންދީފަ އެވެ. އަދި ރޭލު ދަގަނޑުތައް ބަންދުކޮށް އާންމު ދަތުރުފަތުރަށް ވެސް ވަނީ ހުރަސްއަޅާފަ އެވެ. ހާލަތަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވިފައި ނުވާތީ ރަމްބުއްކަނާގައި ވަކި މުއްދަތެއް ނެތި މިހާރު އޮތީ ކާފިއު އިއުލާނު ކޮށްފަ އެވެ.

ފުލުހުން އާންމުންގެ ތެރެއަށް ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެ 24 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.