އިލެކްޝަންސް ކޮމިޝަން

އިންތިހާބުތަކަށް އެހީތެރިކަން ހޯދުމަށް ޝާހިދާ ބައްދަލުކޮށްފި

Apr 21, 2022
1

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބާއި ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ އިތުރުން ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް ހަސަން ޒަކަރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. ފޮރިން މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ އަހްމަދު ހަލީލާއި އަބްދުލް ޣަފޫރު މުހައްމަދުގެ އި އެމިނިސްޓްރީގެ އެހެން ބައެއް އިސްވެރިން ވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އިންތިހާބުތަކުގައި ބޭރުގެ އެހީތެރިކަން ހޯދަންޖެހޭ ކަންކަމުގައި އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނާއި ކޮމިޝަންގެ މުވައްޒަފުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުގައި ލުއި ގޮތްތަކެއް ހޯދުމާއި އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވޯޓުލެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ކޮމިޝަނުން ބުނެ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ކޮމިޝަނުން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށެވެ.