ހުޅުމާލެ

ފްލެޓަށް ފޯމްލި މީހުންގެ ގޭގެއަށް އަންނަ މަހު ދާން ފަށާނެ

ހުޅުމާލެއިން ފްލެޓަށް އެދި ފޯމު ހުށަހަޅާފައި ހުރި ފަރާތްތަކުގެ ދިރި އުޅުމުގެ ހާލަތު ބެލުމަށްޓަކައި އަންނަ މަހު ކުރީ ކޮޅު ގެތަކަށް ދާންފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުތަކާއި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ހާލަތު ބެލުމަށް ގޭގެޔަށް ދިއުމުގެ މަސައްކަތް މިހާތަނަށް ލަސް ކޮށްފައިވާނީ ފޯމުތަކާއި ލިބިފައި ހުރި މައުލުމާތުތަކާއި އަޅައި ކިޔާ ރަނގަޅަށް އެ މަސައްކަތް ކުރަން ކަމަށެވެ.

އަދި މިނިސްޓްރީ އިން ބޭނުން ވަނީ އެހެން ފަހަރުފަހަރަށް ވުރެ ބޮޑަށް އެއްވެސް އޮޅުމަކާ ނުލައި ވަރަށް ފުރިހަމައަށް މަސައްކަތް ކުރިޔަށް ގެންދަން ކަމަށާއި މިހާރު ހުރިހާ ފޯމެއް ދެފަހަރަށް ޗެކްކޮށް ނިންމާފައިވާ ކަމަށެވެ

"މަސައްކަތް މިހާރު ނިމިފަ އޮތީމަ އަޅުގަނޑުމެން މިހާރު އެމަސައްކަތް ފަށަން ބެލި އިރުގައި ސްކޫލު ބަންދު ދުވަސް ކޮޅެއްވީމާ އަޅުގަނޑުމެނަށް ގަބޫލު ކުރެވޭނީ ގިނަ ފަރާތަކުން އާމުކޮށް ދިރި އުޅޭ ތަނުގެ ބަދަލުގައި މާލެއިން ބޭރުގައި ނުވަތަ ރާއްޖެއިން ބޭރުގައި އުޅޭނެ ކަމަށް. އެހެންވީމައި ނިންމާފައިވާނީ ސްކޫލުތައް ހުޅުވުމާއި އެކީ އަޅުގަނޑުމެން މިމަސައްކަތް އެގެތަކަސް ދިއުމުގެ މަސައްކަތް ވެސް ފަށަން، މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގޮތުގައި ގޭގެއަށް ޒިޔާރަތް ކުރުމަށްޓަކައި ކުރަން ޖެހޭ އިދާރީ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި އަދި މިހާރު އަންނަނީ އެކަމަށް ބޭނުންވާ ވޮލެންޓިއާ ޓީމުތަކެއް ނެގުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މަސައްކަތް ފެށުމަށް ފަހު ރޯދަމަސް އައުމުގެ ކުރިން ހުރިހާ ގެއެއަކަށް ދިއުމުގެ މަސައްކަތް ކޮށް ނިންމާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފްލެޓުތަކަށް ފޯމުލުމަށް ފުރުސަތު ހުޅުވާލުމުން، މާލޭގައި ރަޖިސްޓްރީކޮށްފައި ތިބި މީހުންގެ ތެރެއިން 5،801 މީހުނާއި، މާލޭގައި ގިނަ ދުވަހު ދިރިއުޅެމުން އަންނަ ރައްރަށުގެ މީހުންގެ ތެރެއިން 5،997 މީހުން ވަނީ ފޯމު ހުށަހަޅާފަ އެވެ. މީގެ އިތުރުން މާލޭގައި އަމިއްލަ ބިމެއް އޮތް ނަމަވެސް ބިމުގެ ދަތިކަމުގެ ސަބަބުން އެ ބިންކޮޅު ދައުލަތަށް ދޭން އެއްބަސްވާ ފަރާތްތަކުގެ ތެރެއިން ދެ އާއިލާ އެއް ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.