ބޮލީވުޑް

"ލޮކް އަޕް"ގައި ހުރެ ދަރަނި އަދާ ވެއްޖެ: ކަރަންވީރް

ކަންގަނާ ރަނާވަތުގެ ރިއަލިޓީ ޝޯ "ލޮކް އަޕް" އިން ޓީވީ އެކްޓަރު ކަރަންވީރް ބޮހްރާ ވަނީ މިހާރު ބޭރު ކޮށްލާފަ އެވެ. މިއީ އޭނާ މި ޝޯއިން ބޭރުކޮށްލި ދެ ވަނަ ފަހަރެވެ. ޝޯއިން ބޭރު ކޮށްލުމުން ގެއަށް ގޮސް އިންސްޓަގްރާމް ލައިވް މެދުވެރިކޮށް ކަރަން ވަނީ އޭނާގެ ފޭނުންނާ ބައްދަލުކޮށްފަ އެވެ.

ކަރަން ބުނި ގޮތުގައި "ލޮކް އަޕް"ގައި އޭނާ ބައިވެރިވީ ދަރަނިވެރިވެގެން އެ ދަރަނިތައް އަދާ ކުރެވޭނެ ގޮތެއް ނެތިގެން ކަމަށާއި ޝޯއިން ލިބުނު ގިނަ އަދަދެއްގެ ފައިސާއިން ހުރިހާ ދަރަންޏެއް އަދާ ކުރެވޭނެ ގޮތް ވެއްޖެ ކަމަށެވެ.

މިހާރު ޝޯގައި ތިބި ބައިވެރިންގެ ތެރެއިން އޭނާގެ ފޭވަރިޓަކީ ޕާޔަލް ރޮހަޓްގީ ކަމަށް ވެސް ކަރަން ބުންޏެވެ.

މި ލައިވް ސެޝަންގައި ކަރަންވީރް، 39، ވަނީ އޭނާގެ ފޭނުން ކުރި ގިނަ ސުވާލުތަކަކަށް ޖަވާބު ދީފަ އެވެ. އެގޮތުން އެއް ފޭނަކު ކުރި ސުވާލެއްގެ ޖަވާބުގައި ކަރަން ބުނީ ޝޯއެއް ބޭރުވެއްޖެ ކަމާއި މިހާރު ހުރީ ގޭގައިކަން ގަބޫލު ކުރަން ވެސް އެއް ދުވަސް ނެގި ކަމަށެވެ.

އޭނާ ޝޯ އިން ވަކިވާން ފޭނުން ބޭނުން ނުވާކަން އެމީހުން ކަރަން އާ ކުރި ސުވާލުތަކުން ޔަގީން ކުރެވެ އެވެ. ނަމަވެސް ކަރަން ބުނީ ޝޯއިން ބޭރު ކޮށްލުމުން އޭނާ ދެރަވުމުގެ ބަދަލުގައި ވީ އުފަލެވެ. ސަބަބަކީ ޝޯގައި މިހާރު އޭނާއަށް އާދެވިފައި ހުރި ހިސާބުން އިތުރަށް އެތަނުގައި މަޑު ކުރުމަކީ އޭނާއަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ.

ޚާއްސަކޮށް މިހާރު ޝޯގެ ބައިވެރިންގެ ތެރޭގައި ހިމެނޭ އަންހެނުން އެކި ކަހަލަ އަނިޔާތައް ކުރަމުންދާތީ އެއީ އެއްގޮތަކަށް ވެސް އޭނާއަށް ކެތްކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށް ކަރަން ބުންޏެވެ. އަދި ޝޯގައި އެކަކު އަނެކަކަށް ވަރަށް ހުތުރު ބަހުން މުއާމަލާތް ކުރާތީ ވެސް ކަރަން ހުރީ ވަރަށް ކަންބޮޑުވެފައި ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އޭނާ އާއި އާއިލާ އަށް ނިސްބަތްކޮށް އެކި ބައިވެރިން ތަފާތު ބަހުގެ ހަމަލަތައް ފޮނުވަމުން ގެންދިއުމުގެ ސަބަބުން ކަރަން ހުރީ ޝޯއިން ނުކުންނަން ވަރަށް ބޭނުން ވެފައި ކަމަށް އޭނާ ބުންޏެވެ.

"ލޮކް އަޕް"ގައި ހުރެ ކަރަން ހާމަ ކޮށްފައިވާ ގޮތުގައި ޓީވީ އެކްޓަރެއްގެ ގޮތުގައި ފާއިތުވީ ހަތް އަހަރު އޭނާއަށް އެކަށީގެންވާ އާމްދަނީއެއް ނުލިބެ އެވެ. އެހެންވެ ފައިސާއަށް ދަތިވެ ބައެއް މީހުން އަތުން ދަރަންޏަށް ފައިސާ ނަގައި އެ ފައިސާ ނުދެއްކިގެން އޭނާ ގޮވައިގެން ބައެއް މީހުން ކޯޓަށް ވެސް ގޮސްފައި ވެއެވެ. އަދި ޝޯއިން ލިބުނު ފައިސާއިން އެންމެންގެ ދަރަނި ޚަލާސްކޮށް އޭނާއަށް ހަމަޖެހިލެވިއްޖެކަމަށް ކަރަން ބުންޏެވެ.

"ލޮކް އަޕް" އަކީ އޯޓީޓީ ޕްލެޓްފޯމްގައި ދައްކާ "ބިގް ބޮސް" ސްޓައިލްގެ ޝޯ އެކެވެ. "ބިގް ބޮސް"ގެ ގޭގައި ބައިވެރިން ބަންދު ކޮށްގެން ގެންގުޅޭ ގޮތަށް ކަންގަނާގެ ޝޯގައި ބައިވެރިން ހައްޔަރުކޮށްފައި ތިބެނީ ޖަލެއްގަ އެވެ.