ވާހަކަ

ހިތް ރުއްސާނުތޯ

( 19 އެޕްރިލް 2022 އާ ގުޅޭ )

"ތިދައްކަނީ މާކުރީގެ ވާހަކައެއް. ކިހިނެއްވީ، ކައިދިން ކަމެއްކުރީތަ." ޖޯޑުގައި ސަމްސާ މަޑުޖައްސާލުމާއެކު ހަންނާނު އަހާލިއެވެ.

"ޒެހެންގެ އަންހެނުންނާއި ކައިދިން ކުރީން ބައްދަލުވިކަން ދެނަހުރީންތަ. އަދި އެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއްނޫންކަން އެނގޭތަ." މުނައްވަރު ވެސް ކުރީ ސުވާލެކެވެ.

* * * * *

ލިބިފައިވާ ނުތަނަވަސްކަމުގެ އަސަރު އަނބިމީހާއަށް ޒެހެން ނުދައްކައެވެ. ކައިދިންއާ ގުޅިގެން މުނައްވަރުގެ ހިޔާލު ހުރިގޮތެއް އޮޅުންފިލުވާން ޒެހެން ބޭނުންވިއެވެ. އެހެންވެ މަންމައާ އޭނާ ބައްދަލުކުރީ ވެސް ގެއިން ބޭރުންނެވެ.

"މިރޭ މިކޮޓަރީގަތަ؟." ހޫރައިން ކައިރީ ނިދިފައި އޮތް ޔޫކް ފެނުމުން ޒެހެން އަހާލިއެވެ.

"ނިދިފަ ހޭލެވުނީ. ޔާން ނިންދަންވަން އިނީމަ ޔޫކް އަރާ އޮށޯތީ. މިއިންނަނީ ޒެން އަންނަންދެން." ހޫރައިން ވާހަކަދެއްކިއެވެ.

"ގެންދަންވީ ދޯ." ޒެހެން ބުންޏެވެ. ހޫރައިން ބޯޖަހާލިއެވެ.

އެނދާ ކައިރިވެލުމާއެކު ޔޫކް ނަގައި ކޮނޑުމައްޗަށް ލައިގެން ޒެހެން ކޮޓަރިން ނުކުތެވެ. އެ ދަރިފުޅުގެ ކޮޓަރިއަށް ގެންދިޔައެވެ. ތަންމަތީގަ ހަމަޖައްސާލުމަށްފަހު އެކުއްޖާގެ ނިތްކުރީގައި ޒެހެން ބޮސްދީފިއެވެ. ކޮޓަރީން ނުކުތުމުގެ ކުރީން އަލި ފަނޑުކޮށްލިއެވެ. ޒެހެން އެނބުރި ނިދާކޮޓަރިއަށް ވަންއިރު ހޫރައިން ވެސް އޮށޯންނަން ތައްޔާރުވަނީއެވެ. ނިދާ ހެދުމުގައި އޭނާ އައިސް އެނދުގެ ބިއްދޮށަށް އެރިއެވެ. ޒެހެންގެ ހެދުން ބަދަލުކޮށް ފާޚާނާއަށް ވަދެފައި ނުކުންނަންދެން އިންތިޒާރުގައި ހޫރައިން އޮތެވެ.

"އަހަންއަހަން ނޯވެ އަހާބަލަ." އެނދަށް އަރަމުން ޒެހެން ބުންޏެވެ. އެހިނދު ހޫރައިން ހީނލައިފިއެވެ. އޭނާގެ ގޮތް ފިރިމީހާ ދެނެގަތްލެއް ކުޅަދާނަވީމައެވެ.

"މިއަދު ހަމަ ހިތަށް އަރަނީ... ޔޫކް ބޮޑުވެ ސުވާލުކުރަން ފެށީމަ، ދެންވާނީ ކިހިނެއްހޭ. ޒެން ހުރީމަ ބައްޕައެއްނެތް ކަމުގެ އިހްސާސް އެއްވެސް ވަރަކަށް އޭނާއަށް ނުކުރެވޭ. އެކަމަކު ބޮޑުވީމަ... ތީ އަސްލު ބައްޕަނޫންކަން އެނގޭނެ." ހޫރައިންގެ ހިނިތުންވުން ފިލައިގެންދިޔައެވެ.

"ޔޫކް ބޮޑުވަންދެން މަޑުކުރޭ." ޒެހެން ބުނެލިއެވެ. ހޫރައިންގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އެ އަސަރުތައް ޒެހެން ނަގައިގަތެވެ. މަޑުމަޑުން ހޫރައިންގެ ކޯތާފަތުގައި ފިރުމާލިއެވެ.

"އަދި ތިކަމާ ވިސްނަން އަވަސް. ކުރިޔަށްވާން ހުންނަ ކަންކަން އަހަރެމެންނަށް ނޭނގޭއިރު އެކަމާ ވިސްނާ ފިކުރުބޮޑުނުވާށޭ އަހަރެން ބުނަމެންނު. އެ ދަރިފުޅު ސުވާލެއް ކުރުމެއްނެތި ހޫރުގެ ހުރިހާކަމެއް ބަލައިގަތުމަކީ ވެސް ވެދާނޭ ގޮތެއް. އެހެންވީމަ އެކަމާ ތިވަރަށް ސިކުނޑި ހާސްނުކުރޭ." ޒެހެން ބުންޏެވެ.

"ނުވިސްނަން ހުއްޓަސް ވިސްނެނީ. ޔޫކުގެ ބައްޕައެއް ނެތީ ކީއްވެކަން ބުނެދޭން ޖެހޭ ދުވަހެއް އަންނާނޭ. އެކުއްޖާ ސުވާލު ކުރާނޭ. ޒެންގެ ގާތުގައި އެވާހަކަތައް ދެއްކުނީ ފިރިމީހާއަށްވީމަ، އަހަންނަށް އެހީވެ، ހަޔާތުގެ ކަންކަން ހިއްސާކުރާން ހުރި މީހަކީތީވީމަ. އެކަމަކު... ދަރިފުޅުގެ ކައިރީ އެފަދަ ވާހަކައެއް ދައްކާކަށް ނުކެރޭނެ. މިހާރު ތި އާއިލާ އެންމެންނަށް ވެސް އެނގިއްޖެ. ބައެއްފަހަރު ވަރަށް ހިތްނުތަނަވަސްވޭ މީހުން ޔޫކްއާ މެދު ތަފާތުކޮށްފާނެތީ."

"އިންޝާﷲ ނުވާނެ އެހެނެއް. އަހަރެން ދުނިޔޭގަ ހުއްޓާ އެފަދަ މަންޒަރެއް ހޫރަށް ނުފެންނާނެ. ޔޫކްއެކޭ ޔާންއެކޭ އަހަންނަށް އެއްވަރު. އެފަދަ ބޭއިންސާފުވެރި ޢަމަލެއް އަހަރެންގެ ދަރީންނާމެދު މީހަކަށް ވެސް ހިންގާކަށް ނުކެރޭނެ. ހޫރު! ތިކުރާ ހިތްވަރު ދޫކޮށްނުލައްޗޭ. މިހެން މިބުނީ ކައިދިންގެ ކުރިމައްޗަށް ހޫރު ދާންޖެހިދާނެތީ. މިކަން ނިމުމަކަށް ގެނެވެން އޮތީ އެފަދަ ގޮތަކަށް." ޒެހެން ބުންޏެވެ.

"ހުރިހާކަމަކުން އަރައިގަތުމަށް ޓަކައި އަހަރެންނަށް ހިތްވަރު ދޫކޮށްލެވޭކަށް ނޯންނާނެ. އައި ވިލް ބީ ސްޓްރޯންގް... އޭނާއާ ކުރިމަތިލާން ކެރޭނެ. އަހަރެން އެކަންޏެއްނުވާނެކަން އެނގޭ. ހަސިންތަގެ ހަމްދޫނަކީ ވެސް އަހަރެންގެ އާއިލާ. ޒެންއަށް ގޯސް ހިޔާލެއް އޭނާ ނުދޭނެ. އަހަރެން އިތުބާރުކުރާ މަދު މީހުންގެ ތެރެއިން އެކަކު އެއީ." ހޫރައިން ޔަގީންކަން ދިނެވެ. އޭނާއާއެކު ޒެހެންއާއި ހަމްދޫނު ހުރީވިއްޔާ ކައިދިންގެ ކުރިމަތީގަ ހުންނާނޭ ހިތްވަރު ހޫރައިންއަށް ލިބޭނެއެވެ.

ހަންނާނުގެ ދެބުމަ ކައިރިވެލިއެވެ. މުނައްވަރު ކުރި ސުވާލުގެ ސަބަބުންނެވެ. އެހެންނަމަވެސް ނިކަން އަވަހަށް ހަންނާނަށް ވެރިވި ނުތަނަވަސްކަމުގެ އަސަރު ފިލުވާލައިފިއެވެ.

"ގުޅުމެއް އޮތަސް އެވާނީ މާކުރީގެ ކަމަކަށް. މިހާރު އޭނާ އެހެރީ ޒެހެންއާ އިނދެގެން. އެމީހުންނަށް ދަރިއަކުވެސް ލިބިއްޖެ. އަހަންނަށް ފެންނަ ގޮތުން އެ ދެމީހުން ވެސް ނިކަން ގުޅޭ. ދިރިއުޅުންވަނީ ހަމަޖެހިފަ." ހަންނާނު ބުންޏެވެ.

"ކައިދިން ކުރިކަމެއް ނުބުނީ، އަހަންނަށް ބަލައިގަންނަން އުނދަގޫވެދާނެތީތަ؟." މުނައްވަރު ބުންޏެވެ.

"މުނައްވަރު، ދުރުދުރުން ނޫޅެ ކައިދިންގެ ފަރާތުން ކަމެއް ހިނގާފަވާނަމަ އަހަންނަށް ކިޔާދީ. މިހާރު އަހަންނަށް ޔަގީންވެއްޖެ ކޮންމެވެސް ކަމެއް ވެއްޖެކަން. އަހަރެން ކިތަންމެ ބޭނުންވިޔަސް ސައުވީސްގަޑިއިރު ކައިދިންގެ ކައިރިއަކު ނުހުރެވޭ. އޭނާ ކުރާހާ ހުރިހާކަމެއް ނުބެލޭނެ." ކަމެއް ހިނގައިފިކަން ހަންނާނަށް ޔަގީންވެއްޖެއެވެ.

"ހަންނާނު ފުރަތަމަ ފަށާ. މީގެ 6 އަހަރު ކުރީން ކައިދިން ފުރުވާލީ ކީއްވެ. އޭގެ ފަހުން އަހަރެން ކިޔާދޭނަން." މުނައްވަރު ބުންޏެވެ. އަމިއްލަ ދަރިފުޅުގެ ސިއްރުތައް އެންމެ ގާތް އެކުވެރިޔާއަށް ވެސް ހަންނާނު ސިއްރުކުރަނީއޭ މުނައްވަރަށް ހީވާންފެށީއެވެ. ހަންނާނު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާ ތައްޔާރުކުރި ކޮފީތަށިން ކޯވަރެއް ބޯލާފައި ވަތުތަށީގައި ޖޯޑު ބެހެއްޓިއެވެ. ދެން އޭނާގެ ނަޒަރު އަނެއްކާވެސް މުނައްވަރާ އަމާޒުކޮށްލައިފިއެވެ.

"މާލެތެރޭ ކަމެއް ހިނގައިފިނަމަ އަހަރެން ފުރަތަމަ ވެސް ކައިދިން ކޮބާތޯ ބަލަން. ޒުވާން ފިރިހެންދަރި ބޭކާރުވެގެން އަބަދު ބޭރުގައި އުޅޭއިރު ކޮންމެ ބަފައެއް ވެސް ކަންބޮޑުވާނެ. ބޮޑުވެފައި ހުރި ދަރިއަކު ހިލިހިލާ ޖަހާފައި ގޭގައި ހައްޔަރެއް ނުކުރެވޭނެ ދޯ. އޭނާއަށް އަދަބުދޭނޭ ގޮތެއް މަށަކަށް ނުވިސްނޭ. އަނެއްކާ އެއީ އަހަރެންގެ ގޮތެއް ވެސް ނޫން. އަހަންނަކަށް ނޭނގޭ ކައިދިން އެހާ ތަފާތުވާންޖެހުނު ގޮތެއް. ދޮށްޓަށް ތިބި ދެބެންނާ އޭނާއާ ތަފާތެއް ނުކުރާން. އެކުދީންނަށްވުރެ ވެސް ބޮޑަށް އަހަންނަށް ކައިދިންއަށް ލޯބިދެވުނު. އޭރު އަހަރެން އޭނާ ފުރުވާލީ ގަތް ބިރެއްގެ ސަބަބުން. އެރޭ އަހަރެން ހޭލާ އުޅޭނެކަމަށް ކައިދިން ހިޔެއްނުކުރޭ. އެކަން އެނގުނީ އެރޭ އޭނާއަށް އަހަރެން ފެނުމުން ނިކަން ބޮޑަށް ސިހުނީ. ވެދާނެ އަހަންނަށް ވެސް ކޮޓަރިއަށް ނުވަދެ އިނދެވުނީ ކައިދިން ފެންނަންވެގެން ކަމަށް. އެހެންނޫނީ މަށަކީ ވެސް ހޭލާއުޅޭ މީހެއްނޫން. އެނގޭ ކިތަންމެ ވަރަކަށް ގުޅިޔަސް ކައިދިން އަވަހަކަށް ގެއަށް ނާންނޭކަން... މުނައްވަރު، އެރޭ ފެނުނު އެއްވެސް ކަމެއް އަހަރެން މިނޫނީ މީހަކަށް ކިޔައެއްނުދެން. ކައިދިން އެރޭ ގެއަށް އައީ މެންދަމުން އަލިވެ ތިނެއް ޖަހާ ދިޔަފަހުން. ހުރީ ވަރަށް އަވަސްއަރުވާލަފައި. ލައިގެން ހުރި ޓީޝާޓު އޮތީ އަތުގަ. އޭނާއަށް ހުރީ އަނިޔާވެފަ. ހީވަނީ މީހަކާ ހިފާފަ އައިހެން. ޓީޝާޓުގައި އޮތީ ލޭ. އަހަންނަށް ފެނުނީ އެވަރު. އަހަންނަށްވުރެ ކުރީން އޭނާ ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ދޮރު ނުހުޅުވައިގެން އަހަރެން ތަޅުހުޅުވައިގެން ވަނީ. އޭރު އޭނާ ފާޚާނާއަށް ވަދެއްޖެ. ބޮޑުވެފައި ހުރި ދަރި ފަހަތުންގޮސް ފާޚާނާއަކަށް ނުވަދެވޭނެ ދޯ. ފާޚާނާއިން ނުކުތީމަ އަހަރެން އެހިން ތަޅައިގަތީތޯ. ބަޔަކު ދިމާކުރީތޯ. ކިހިނެއްތޯވީ. އޭނާ ވާހަކައެއް ނުދެއްކި. އަނެއް ދުވަހު މާލެތެރޭ އަޑުފަށްގަނޑު ގަދަވެގެން އުޅުނީ އަންހެންކުއްޖަކު ގެއްލިގެން. ހިތަށް ވީގޮތެއް ވެސް ބުނަން ނޭނގޭ. އެކަމާ ކައިދިންއާ ގުޅުމެއްވެދާނެތޯ އަހަރެންގެ ޟަމީރު ސުވާލު އުފެއްދި. އެކަމަކު އަހަރެންގެ ހިތް އެކަމާ އެއްބަހެއްނުވި. މަގުމަތީ ގިނަވެގެން އުޅުނަސް މިވީހާތަނަށް ނުބައިމަގެއް ހިޔާރުކޮށްފައެއް ނެތް. ގޭންގުތައް ގިނަވެގެން ހައްދުފަހަނައަޅައިގެން ދާއިރު އެކަހަލަ ބަޔާ ގުޅުމެއް ނޯވޭ. މަސްތުވާތަކެއްޗެއް ބޭނުމެއްނުކުރޭ. މުނައްވަރު... އަހަރެންގެ ކައިދިންއަކީ އަލިފެއްނޫން. އެކަމަކު އޭނާއަކަށް ނުކެރޭނެ ބޮޑު ކުށެއް ކުރާކަށް. އެރޭ އޭނާ ހުރި ގޮތް އަހަންނަށް ހަނދާންނައްތާލެވޭނީ ކިހިނެއް، ހާސްވެގެން އުޅުނީ އެހެންވެ. ފުރުވާލަން އަހަރެން ނިންމީމަ ކައިދިން ދެކޮޅެއް ވެސް ނުހެދި. އޭނާ އަހަރެން ނިންމާ ގޮތަކާ އެއްބަސްވާނީ މަދުފަހަރަކު. އެހެންވެ އެއްބަސްވީ ފަހަރު އަހަރެން ބެލީ އަވަހަށް އޭނާ ފޮނުވާލެވޭތޯ. އަވަސްއަރުވާލީ އެހެންވެ." ހަންނާނު ސިއްރުކުރި ކަންތައް ތެދަށް އެކުވެރިޔާއަށް ކިޔާދިނެވެ.

"ދައްކަވަން ހުރި ކަމެއް ދައްކަވާފައޭ ގެންދަވާނީ ބުނާ ބުނުން ތެދުކަން މިފެންނަނީ." މުނައްވަރަށް ބުނެލެވުނީ މަޑުންނެވެ.

"ކީއްވެ ތިހެން ތިބުނީ." ހަންނާނު ހިތް އަވަސްވާގޮތް ވެއްޖެއެވެ.

"ހަންނާނަށް ވެސް ތިބުނެވުނީތާ... އެރޭ ކައިދިން އައިއިރު ނުނިދާ ހުރެވުނީ އޭނާގެ ކަންތައް ފެންނަން ހުރީމަ ކަމަށް ވެދާނޭ. ހަންނާނު، ކައިދިން ކުށެއްކޮށްފި. ބޮޑު ފާފައަކަށް އަރައިގެންފި. އޭނާ އެރޭ އައީ އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާފައި. ރޭޕްކުރީ... އޭނާއާއެކު އޭނާގެ އެކުވެރީން ވެސް ބައިވެރިވި. އޭރު ހޫނުވެގެން އުޅުނު ރޭޕް ކޭސްގެ ތަފްސީލު އަހަރެމެން ވެސް ދުށީން. ފުލުހުންނާއި ޑަކްޓަރުން ތައްޔާރުކޮށްފައި އޮތް ރިޕޯޓުތައް އަހަރެމެން ވެސް ކީން. ލިބިފައި ހުރި ޒަޚަމްތައް ވެސް އެ ރިޕޯޓުތަކުގައި ހުރި. އެކުއްޖާގެ ބަޔާން ވެސް އޮތް. އޭނާއަށް ކޮށްފައި އޮތްވަރު އެ ރިޕޯޓުތަކުގައި ސާފުކޮށް އެނގެން އޮތް. އަހަރެމެން ކިހާ ހަމްދަރުދީއެއް ފާޅުކުރީން. އެ މައްސަލަ ނިންމޭތޯ ކިހާ މަސައްކަތެއްކުރީން. އޭގެ ފަހުން 6 އަހަރު ފާއިތުވަނީ... ހަންނާނު ހިތަށް އަރާފާނެ އަހަރުތަކެއް ފަހުން މިހާރު އެވާހަކަ ދައްކަންވީ ކީއްވެތޯ. އަހަރެން ވެސް ހިތަށް އެރީ ހަމައެހެން. އެކަމަކު ކަމެއް އެނގެންވުމުން ލަހެއްފަހެއް އޮވޭތަ."

"ތިބުނަނީ އަހަރެންގެ ކައިދިން ކުރިކަމެކޭތަ. މުނައްވަރަށް ކިހިނެއް އެނގެނީ. ކާކު ދައްކައިގެން އުޅޭ ވާހަކައެއްތީ." ހަންނާނު އަޑުއަހާކަށް ބޭނުމެއްނުވިއެވެ. ކަމުގެ ބޮޑުކަން އޭނާއަށް އެނގޭތީއެވެ.

"ހަންނާނު އެންމެ އަޖައިބުވާނީ އަނިޔާ ލިބުނު އަންހެންކުއްޖަކީ ކާކުކަން އެނގުނީމަ." މުނައްވަރަށް މިހެން ބުނެވެންވީއިރަށް ހަންނާނު އެއީ ކާކުތޯ އަހައިފިއެވެ. މުނައްވަރު ޖީބުން ފޯނު ނެގިއެވެ. ފޯނު ހާވަމުން އޭނާ ހަންނާނުއާ ވާހަކަދައްކަން ފެށިއެވެ.

"ހޫރައިން. އަހަރެމެންގެ ޒެހެންގެ އަނބިމީހާ. އޭނާއާ ޒެހެން ކައިވެނި ކުރިއިރު ލިބިފައި ހުރި ދަރިއަކީ ރޭޕްގެ ސަބަބުން ލިބިފައި ހުރި ކުއްޖެއް. މިހާރު ނިކަން މިކުއްޖާއަށް ބަލާބަލަ. ކާކާ މީނަ ވައްތަރީ." މުނައްވަރުގެ ފޯނުން ޔޫކްގެ ފޮޓޯއެއް ދެއްކިއެވެ. އެ ފޯނުގައި ހަންނާނު ހިފިއެވެ. އޭގައި ފެންނަން ހުރި ފޮޓޯއަށް އިރުކޮޅަކު ބަލަން ހަންނާނު އިނެވެ. ދެން މަޑުމަޑުން މާޒުމަތީ ފޯނު ބާއްވާލިއެވެ.

"ޒެންއަށް އެނގޭ. މިއުނާއަށް ވެސް... އަހަރުތަކަކަށްފަހު ކައިދިންއަށް ހޫރައިން ފެނުނީ އަހަރެމެންގެ އޮފީހަށް އެކުއްޖާ އައި ދުވަހު. އެ ދުވަހު ކައިދިންނަށް އަހަރެމެން ބޭއްވި ބައްދަލުވުމަށްވުރެ މުހިންމުވީ ހޫރައިންގެ ފަހަތުން ދިއުން. އޭނާ ހޫރައިންއާ ދިމާކުރީ. މި ތުއްތު ކުއްޖާ އެކަމަށް ހެކިދީފި. އެގެއަށް ވެސް ކައިދިން ހިނގައްޖެ. ޒެހެން ނޫޅޭ ވަގުތެއްގަ." މުނައްވަރު އިތުރަށް ކިޔާދިނެވެ. ހަންނާނު އިނީ ހިމޭންވެފައެވެ. ކަންބޮޑުވުމާއި ހާސްކަމާ އެއްވަރަށް އެ ދެ ލޮލުން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ. ދެކޮޅަށް އަޑުއުފުލާނީ ހިތްވަރެއް އޭނާގެ ނެތެވެ.

ދުރުގައި ހުރި މޭޒުގެ ދޮށުގައި ހަމްދޫނު އިނެވެ. އޭނާ ސިއްރުން ބަލަން އިނީ ކައިދިންއާއި އޭނާގެ އެކުވެރީން ޖަމާވެ ތިބި މޭޒަށެވެ. ފޯނާ ކުޅޭހެން ފޯނު ހިއްލާލައިގެން އިނދެ އޭނާ އެމީހުންގެ ފޮޓޯ ނެގިއެވެ. ކައިދިންނާ އެކީގައި އުޅޭ މީހުން ހަމްދޫނު ބަލަނީ ހޫރައިންގެ ކޭސްއާ ގުޅިގެންނެވެ. އެ ނުބައި ޢަމަލު ހިންގިއިރު ކައިދިންއާ ބައިވެރިވީ މީހުން އެ މަޖިލީހުގައި އިނދެދާނޭކަމަށް ބަލާފައެވެ. އެމީހުން ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ރޯކުރާތަން ފެނެއެވެ. އަނގަ ހުތުރެވެ. ފޯނުން އެއްބަޔަކު އަނެއްބަޔަކަށް ދައްކަދައްކާފައި އުޅޭއިރު އެއިން ވެސް އެ ބަލަނީ ރަނގަޅު އެއްޗެއްނޫންކަން ހަމްދޫނަށް ޔަގީންވެއެވެ. އެމީހުންގެ ތެރެއިން އާންމު ޒުވާނުންނާ ތަފާތުކޮށް ފެންނަނީ އެންމެ މީހެކެވެ. އޭނާ ތަފާތުވީ ކަންފަތާއި ބުމަ ތޮރުފައި ބޮޅު ލައްވާފައި ހުރީމައެވެ. އެންމެން ވެސް ތިބީ ރީތިކޮށް ހެދުން އަޅާފައެވެ. ފެންނަފެނުމުގައި އާންމު ޒުވާން ގުރޫޕެކޭ އެމީހުން ތަފާތެއްނުވެއެވެ. އެމީހުންގެ މެދުގައި ސަކަރާތް ބޮޑެވެ. ވިސްނަން އިނދެފައި ހަމްދޫނު ފޯނުކޯލެއް ކުރިއެވެ. މީހަކަށް އިރުޝާދުތަކެއް ދީފައި ފޯނުކޯލު ކަނޑާލިއެވެ. އޭގެ މަދު ވަގުތުކޮޅެއް ތެރޭ ކައިދިންއަށް ފޯނުކޯލެއް އައިސްގެން ކަންފަތުގައި ފޯނު ޖައްސާލިތަން ހަމްދޫނު ދުށްޓެވެ. ފަރުވާތެރިކަމާއެކު ކައިދިންގެ ހަރަކާތްތަކަށް ބަލަން ހަމްދޫނު އިނެވެ. އެ ކޯލު ނިންމާލަފައި އެކުވެރީންއާ ކައިދިން ވާހަކަދެއްކިއެވެ. އެވަގުތު ހަމްދޫނު މޭޒުދޮށުން ތެދުވިއެވެ. ފައިސާދައްކާ ކައުންޓަރު ދޮށަށް އޭނާ ޖެހިލީ އަވަސްކުރާށެވެ. ނެގި ކޮފީއަށް ފައިސާ ދައްކާފައި ހަމްދޫނު ކެފޭގެ ސިޑިން ތިރިއަށް ފޭބިއެވެ. އެތަނުން ނުކުތް ގޮތަށް އޭނާ މަޑުކޮށްލީ ޕާކުކޮށްފައި ހުރި ސައިކަލު ކައިރީއެވެ. ގިނައިރެއްނުވެ ކެފޭ ދޮރުން ކައިދިން ނުކުތްތަން ހަމްދޫނަށް ފެނުނެވެ. އޭނާ އަވަހަށް ކައިދިންއަށް ފުރަގަސްދިނެވެ. އޭނާގެ ކައިރިންލާފައި ކައިދިން ގޮސް އެރީ ގަތްތާ ހަފްތާއެއްނުވާ އޭނާގެ ސައިކަލަށެވެ. ފޮނިގޮތަކަށް ސައިކަލަށް ބަލާލާފައި ލޯގަނޑު ފުހެލިއެވެ. އަމިއްލަ ސިފަ ލޯގަނޑުކޮޅުން ބަލާލިއެވެ. ލޮލަށް އަވިއައިނު ހެޔޮވަރުކޮށްލިއެވެ. ސައިކަލު އިސްޓާޓު ކުރީ ދެނެވެ. އޭނާ ސައިކަލު ދުއްވާލަން އުޅުމުން ހަމްދޫނު ވެސް ސައިކަލަށް އެރިއެވެ. އަދި ކައިދިން ނައްޓާލުމުން އޭނާގެ ފަހަތުން ހަމްދޫނު ދުއްވާލިއެވެ. (ނުނިމޭ)