ދުނިޔެ

2015: ދުނިޔެ ހަމަލާއާއި ހާދިސާތަކުގެ ތެރޭގައި

މިއަހަރަކީ ރާއްޖެއަށް ބޮޑު އަހަރެކެވެ. ބޮޑެތި ހާދިސާތަކެއް ހިނގި އަހަރުތަކެވެ. ނަމަވެސް ބޭރު ދުނިޔޭގެ ހާލަތަށް ބަލާއިރު މިއީ ވަކި ހާއްސަ ބޮޑު އަހަރެއް ނޫނެވެ. ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން އިސްލާމީ ގައުމުތަކަށް ހަމަލާދީ އެތަންތަނުގައި ބާރުގަދަ ކުރަން މަސައްކަތް ކުރި އެވެ. ޓެރަރިސްޓް ހަމަލާތައް ދިނެވެ. ކުށެއް ނެތް އެތައް ބަޔަކު މަރާ ބިމަށް ހިފަމުން ދިޔައީ މިނޫން ދުވަހެއް އޮތްކަން ހަނދާން ނެތިއެވެ.

ބޭރު ދުނިޔޭގައި ހިނގި އެންމެ ފާހަގަކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި ގުދުރަތީ ކާރިސާތައްވެސް ހިމެނެއެވެ. އެގޮތުންވެސް ބިން ހެލުމުގެ ހާދިސާތައް ގިނަ ކަން ފާހަގަކުރެވެ އެވެ. ޕެރިސް އަށް ދިން ޓެރަރިޒަމްގެ ހަމަލާ އަދި މައްކާގެ ހަރަމްފުޅު ތެރެއަށް ކެރޭނު ވެއްޓުނު ހާދިސާ އަކީ އަދިވެސް ގިނަ ބައެއްގެ ހިތުން ފޮހެވިގެން ނުދާ ހާދިސާތަކެކެވެ.

މައްކާ ހަރަމްފުޅަށް ކެރޭނު ވެއްޓުނު ހާދިސާ

މިއީ މައްކާގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ހާދިސާ އެވެ. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ މައްކާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކެރޭނެއް ފުރޮޅާލައި ހަރަމްފުޅު ވެއްޓުނު މި ހާދިސާގައި 114 މީހުން ނިޔާވެފައިވާއިރު 394 މީހުންނަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފަ އެވެ.

މިހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 25 މީހުންނާއި، އިރާނުގެ 25 މީހުންނާއި، މިސްރުގެ 23 މީހަކާއި، ޕާކިސްތާނުގެ 15 މީހުންނާއި، އިންޑިޔާގެ 10 މީހުންނާއި، ތުރުކީގެ އަށް މީހަކާއި މެލޭޝިޔާގެ ފަސް މީހަކާއި، އިނގިރޭޭސި ވިލާތުގެ ދެ މީހެއްގެ އިތުރުން އަލްޖީރިޔާ އަދި އަފްގާނިސްތާނުގެ މީހަކު ހިމެނެއެވެ. މިހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެ އެވެ.

މިހާދިސާގައި ދާއިމީ ނުކުޅެދުންތެރިކަން ލިބުނު މީހުންނަށް އަދި ނިޔާވި މީހުންގެ އާއިލާތަކަށް ދެލައްކަ އެމެރިކާ ޑޮލަރުގެ މާލީ އިނާޔަތެއް ދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި މި ހާދިސާގައި ޒަޚަމްވި މީހުން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ އިރު، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ ހޮސްޕިޓަލުތަކަށް ޒިޔާރަތް ކުރައްވައި، އެންމެންގެ ހާލު ބައްލަވާފައެވެ.

މިހާދިސާ ތަހުގީގް ކުރަމުންދިޔަ ސައުދީ އަރަބިއާގެ ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން (ބީއައިޕީ) އިން ނެރުނު ތަހުގީގް ރިޕޯޓް ބުނާ ގޮތުގައި މި ހާދިސާ ހިނގުމުގައި ޙަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޓެކްނިކަލް އިންޖިނިއަރުންގެ އިހުމާލު އޮތްކަން ވަނީ ހާމަ ވެފަ އެވެ. އެހެން ނަމަވެސް މަސައްކަތް ކުރަމުންދިޔަ ސައުދީ ބިންލާދިން ގްރޫޕުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް އެގްރޫޕުގެ މައްޗަށް ސައުދީ ސަރުކާރުން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން، އެކުންފުންޏަށް ސައުދީ އަރަބިއްޔާގެ އިތުރު ޕްރޮޖެކްޓެއް ހަވާލު ނުކުރުމަށް ނިންމައި އެ ކުންފުނި ސަސްޕެންޑްކޮށް، އެކުންފުންޏާ ގުޅުންހުރި މީހުން ސައުދީ އަރަބިއްޔާއިން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.

ޕެރިސް އަށް ދިން ޓެރަރިސްޓް ހަމަލާ

ނޮވެމްބަރު މަހު އެންމެ ގިނައިން ދެކެވުނު ވާހަކަ އަކީ މިއީ އެވެ. ފްރާންސްގެ ވެރިރަށް ޕެރިސް އަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ އެތައް ބަޔަކު މަރާލި ހާދިސާގެ ވާހަކަ އެވެ. މިހަމަލާއަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ގޮތުގައި އެގައުމުގެ ރައީސް ވަނީ ސިފަ ކުރައްވާފަ އެވެ.

މިހަމަލާގައި 130 މީހުން މަރުވި އިރު އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. މިހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަރަބިން ގިނަކަން ފާހަގަ ކޮށްލެވެ އެވެ. މަރުވި މީހުންގެ ތެރޭގައި އަލްޖީރިޔާގެ ދެ މީހުންނާއި، މޮރޮކޯގެ މީހަކާއި. ޓިއުނީޝިޔާގެ ދެ މީހުންނާއި، ބެލްޖިއަމްގެ ތިން މީހުންނާއި، އިނގިރޭސި ވިލާތުގެ އެކަކާއި، ޗިލީގެ ދެމީހުން އަދި ޕޯޗުގަލް އާއި ރުމޭނިޔާ ކޮންމެ ގައުމަކުން ދެމީހުން އަދި އޭގެ އިތުރުން ސްޕެއިން، ސްވިޑެން އަދި އެމެރިކާ މިއިން ކޮންމެ ގައުމަކުން އެކަކު މަރުވެފައިވެ އެވެ.

ހައްދުފަހަނަ އަޅާފައިވާ ޖަމާއަތް، އައިސިސް އިން މިހަމަލާގެ ޒިންމާ ނަގަން ޖެހޭ ކަމަށް ގިނަ ބަޔަކުދަނީ ބުނަމުންނެވެ. މި ހަމަލާތައް ދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތު 11 މީހަކަށް ކުރާއިރު، އޭގެތެރެއިން 9 މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހަމަލާގެ ތަޙުޤީޤު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަން ފަށާފައެވެ. އެގޮތުން ހަމަލާ ދިން ފަހުން މިހާތަނަށް ގާތްގަނޑަކަށް 2700 އޮޕަރޭޝަން، އެޤައުމުގެ ފުލުހުން ކުރިޔަށް ގެންގޮސް 360 އެއްހާ މީހުން ވަނީ ގޭބަންދު ކޮށްފަ އެވެ.

މިހަމަލާއަށް ފަހު ފްރާންސްގެ ސަލާމަތީ ކަންކަން ވަނީ އިންތިހާއަށް ވަރުގަދަ ކޮށްފަ އެވެ. ގިނަ ބަޔަކު މިއީ ހައްދު ފަހަނަ އަޅާފައިވާ އައިސިސް ޖަމާއަތުން ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެއެވެ.

ޕެރިސް އަށް ދިން ފަދަ ޓެރަރިސްޓް ހަމަލާތަކެއް ޔޫރަޕްގެ ސިޓީތަކަށް ދޭނެ ކަމުގެ އިންޒާރުތަކެއްވެސް ޓެރަރިސްޓް ޖަމާއަތަކުން މިހާރުވަނީ ދީފަ އެވެ. މި އިންޒާރާއި ގުޅިގެން ވިއެންނާގެ އަދި ޔޫރަޕްގެ އެހެން ސިޓީތަކުގެ ސަލާމަތީ ފިޔަވަޅުތައްވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. އަދި ބޮޑެތި އިވެންޓްތައް ކުރިއަށްދާ ސަރަހައްދުތައް އަދި ޓްރެފިކް ބޮޑު ސަރަހައްދު ތަކުގައި ފުލުހުން ދަނީ ފޯރިމަރަމުންނެވެ.

އިންޒާރުގެ މި މެސެޖްތައް ދިން ފަރާތެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށް މި މެސެޖްތައް ލިބުނު އޮސްޓްރިއާ ފުލުހުން ހާމަކުރެ އެވެ.

ސީރިޔާ ހަނގުރާމަ

ބޭރު ދުނިޔޭގެ ހަބަރުތަކޭ ބުނުމުން އެންމެ ފުރަތަމަ ވެސް ހިތައް އަންނާނީ އައިސިސް ޖަމާއަތުގެ ވާހަކަ އެވެ. ސީރިޔާގައި ހިންގަމުންދާ ލާ އިންސާނީ ޖަރީމާތަކުގެ ވާހަކަ އެވެ. އިރާގާއި ފަލސްތީނުގައި އަދި އަފްގާނިސްތާނުގެ އަވަށް ތަކަށް ހަމަލާދީ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ހަބަރެވެ.

އައިސިސް މިއީ ކޮން ބައެއް ކަން ނޭނގޭ މީހަކު ނުހުންނާއެވެ. ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ޖަމާއަތެކެވެ. މިޖަމާއަތުން ހިންގާ ލާއިންސާނީ ޖަރީމާތައް ސީރިޔާގެ މަސްރަހަށް ބަލާލުމުން އޮޅުމެއް ނެތް މިންވަރަށް ސާފުވާނެ އެވެ. އެޖަމާއަތުން ސީރިޔާއަށް ދިން ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވެ އެތައް ހާސް ކުދިންނެއް ޔަތީމުވެ ސީރިޔާގެ ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. އެތައް ބަޔަކު ސީރިޔާ ދޫކޮށް ހިޖުރަ ކުރަމުންދިޔަ މަގުމަތީގައި ކަނޑުވެ މި ދުނިޔެ އާއި ވަކިވެގެން ވަނީ ގޮސްފަ އެވެ. އެގޮތުން ތުރުކީގެ ގޮނޑު ދޮށަކަށް ލެއްގި އުމުރުން ހަތަރު އަހަރުގެ އައިލަން ކުރުދީގެ ހަށިގަނޑަކީ ދުނިޔޭގެ ސަމާލުކަމަށް އައި ހާދިސާ އެކެވެ.

މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ސީރިޔާއިން 42،000 ރައްޔިތުން ރެފިއުޖީންގެ ގޮތުގައިި ގްރީސްއަށް ގޮސްފައިވެއެވެ. ގްރީސްގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް ސީރިޔާގެ އެތައް ހާސް ބަޔަކު ހިޖުރަ ކޮށްފައިވެ އެވެ.

އައިސިސް ޖަމާއަތުން ސީރިޔާގައި ހިންގާ ޖަރީމާތައް ހުއްޓުވަން ކަމަށް ބުނެ ބޭރުގެ ބޮޑެތި ގައުމުތަކުންވެސް ދަނީ ސީރިޔާ އަށް ހަމަލާ ދެމުންނެވެ. އެގޮތުން ރަޝިޔާ އަކީ ފާހަގަކޮށްލެވޭ ގައުމެކެވެ. އައިސިސް ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށް ބުނެ ރަޝިޔާއިން އިން ދިން ވައިގެ ހަމަލާތަކެއްގައި ސީރިޔާގެ 200 މީހުން މަރުވި އެވެ. އަދި ރަޝިޔާއިން ހަމަލާދިނުމުގައި މީހުން އެންމެ ގިނަ ސަރަހައްދުތައް ބަލައި ފާހަގަކުރާ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ސީރިއާ ހަނގުރާމައިގައި މިހާތަނަށް ވަނީ 250،000 މީހުން މަރުވެ މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.

ގުދުރަތީ ހާދިސާތައް

މިއަހަރު ދުނިޔޭގައި ހިނގާފައިވާ ގުދުރަތީ ބޮޑެތި ހާދިސާ ތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ މިދިޔަ މަހު އިންޑިއާގެ ޗެންނާއި އަށް ކުރި ވިއްސާރަ އެވެ. މި ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައްވެސް ހިނގި އެވެ.

މިއަހަރު ހިނގި ގުދުރަތީ ހާދިސާތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ އޭޕްރިލް މަހު ނޭޕާލަށް އައި ބިން ހެލުމުގެ ހާދިސާއެވެ. މިހާދިސާގައި 4،000 އަށްވުރެ ގިނަ މީހުން މަރުވިއިރު 8،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. މި ބިންހެލުމާ ގުޅިގެން އިންޑިޔާގެ ބިހާރުން 61 މީހުން މަރުވިެިރު ޗައިނާގެ ޓިބެޓުން 20 މީހުން މަރުވެފައިވެއެވެ.

ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން ނޭޕާލްގެ އެތައް ހާސް އިމާރާތްތަކަކާއި ދުވަސްވީ އެތައް އިމާރާތްތަކެއް ވަނީ ސުންނާފަތިވެފައެވެ. އަދި އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ.

މި ހާދިސާ ހިނގިއިރު ނޭޕާލްގައި ހުރ އެއްވެސް ދިވެއްސަކަށް ގެއްލުން ލިބިފައި ނުވާއިރު 14 ދިވެހިންވަނީ ރާއްޖެ ގެނެސްފައެވެ.

މިއީ 1934 ވަނަ އަހަރަށްފަހު ނޭޕާލްގެ އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށްވެއެވެ.

ބޭ އޮފް ބެންގާލުގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން ޗެންނާއީ އަށް ކުރި ވިއްސާރާގައި މިހާތަނަށް 245 މީހުން މަރުވެފައިވާ ކަމަށް ޓެމިލް ނާޑޫގެ ސަރުކާރުން ބުނެ އެވެ. އަދި އެތައް ބަޔެއްގެ ގެދޮރަށާއި ޓެމިލް ނާޑޫ ސްޓޭޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ގިނަ ގެތަކެއް ވަނީ ފެނުއަޑިއަށް ގޮސްފަ އެވެ.

މި ވިއްސާރައިގައި ޗެންނާއީ އަށް ނިކަން ބޯކޮށް ވާރޭވެހުމުން މުޅި ސިޓީ ހުއްޓުމަކަށް އައި ދުވަސްތަކެއް ވެސް ފެނިގެން ދިޔަ އެވެ.

ދަތުރުތަކަށް ބުރޫއަރާފައިވާއިރު އެއާޕޯޓް ރަންވޭތަކުގަ އާއި ރޭލު ސްޓޭޝަންތަކުގައި ފެންބޮޑުވެގެން ދަތުރުތައް މެދުކަނޑާލާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. ޗެންނާއީގެ ވައިގެ ބަނދަރުގެ ހުރިހާ ފްލައިޓްތަކެއްގެ ދަތުރުތައް ވަކި ގޮތެއް ނެތި ކެންސަލްކޮށްފައިވާއިރު ފެންބޮޑުވުމުގެ ސަބަބުން އެއާޕޯޓުގައި ބަންދުވެފައި ތިބި މީހުންގެ އަދަދު 400 އަށް އަރަ އެވެ.

ވިއްސާރައިގެ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު ޗެންނާއީގެ 60 ޕަސެންޓް ސަރަހައްދަކުން ކަރަންޓްގެ ހިދުމަތް ވެސް ކަނޑާލައިފަ އެވެ. އިންޑިއާގެ މިފަދަ ސިޓީތަކުގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާތަކުގައި ކަރަންޓް ޝޯޓްތައް ހިނގައި ކަރަންޓްގައި ޖެހިގެން މީހުން މަރުވުމަކީ ވެސް އާންމު ކަމެކެވެ.

ބޯ ވިއްސާރައާ ގުޅިގެން ޓެމިލް ނާޑޫގެ ހަ ޑިސްޓްރިކްޓެއްގެ ސްކޫލްތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ޗެންނާއީ ވިއްސާރައިގެ އިތުރުން މީގެ ދެމަހެއްހާ ދުވަސް ކުރިން އަފްގާނިސްތާނަށް އައި ބިން ހެލުމަކީވެސް އެތައް އެތައް ގެއްލުންތަކެއް ލިބުނު ހާދިސާ އެކެވެ. އެ ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އަފްގާނިސްތާނަށް 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އިންވެގެން އޮންނަ ޕާކިސްތާނަށެވެ.

މި ބާރުގަދަ ބިންހެލުމުގެ ލޮޅުން އިންޑިޔާއަށާއި ތަޖިކިސްތާނަށް ވެސް އިހުސާސް ކުރެވުނެވެ. ބިންހެލުމުގެ ގެއްލުން އަފްގާނިސްތާނާއި ޕާކިސްތާނުގެ އިމާރާތްތަކަށާއި މަގުތަކަށާއި ކަރަންޓާއި މުވާސަލާތީ ހިދުމަތަށް ލިބިފައި ވެއެވެ.

ޕާކިސްތާނުން 237 މީހުން މަރުވެފައި ވާކަން ޔަގީން ކުރެވިފައިވާއިރު، ދެހާހަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި ޕާކިސްތާނުގެ 2500 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި އަފްގާނިސްތާނުން މަރުވީ 74 މީހުންނެވެ. އަދި އިތުރު 500 މީހުންނަށް އަނިޔާވިއެވެ. އިންޑިޔާއިން މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ ދެ މީހުންނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ލިބުނު ގެއްލުންތައް ދެނެގަނެވެމުންދާ ވަރަކަށް މަރުވެފައިވާ މީހުން މިއަށްވުރެ އަދި ގިނަކަން ހާމަ ވާނެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ސިޓީތަކާ ދުރު އެކަހެރިކޮށް އޮންނަ ސަރަހައްދުތަކަށް ކަމަށް ވާތީ، އެހީދޭ ފަރާތްތަކަށް އެ ތަންތަނަށް ވާސިލުވުމުގެ ވަނީ ދަތި ތަކާއި ކުރިމަތިވެފައެވެ.