މާލޭ ސިޓީ

އިރުޝާދު ބޯޑްތަކުން މާލެއަށް ފުރިހަމަކަން

ދީނުގެ އެކި އިރުޝާދުތައް ހިމެނޭ ބޯޑްތައް، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފި އެވެ.

މިއީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ "ރިވެތި އިރުޝާދު ދޭ ބޯޑް" ތައް މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މަސައްކަތުގެ ދަށުން އެކި ސައިޒްގެ ބޯޑްތައް މާލޭގެ އެކު ސަރަހައްދުގައި ހަރުކުރާނެ އެވެ.

"ކުދި ބޯޑްތަކުގެ އިތުރުން ބޮޑެތި ބޯޑްތައްވެސް މީހުންނަށް ގިނައިން ފެންނާނެ ހިސާބުތަކުގައި ހަރުކުރެވޭނެ،" މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ދީނުގެ އެކި އިރުޝާދުތައް ހިމެނޭ ބޯޑްތައް ހަރުކޮށްފައިވެއެވެ.

މިއީ މާލެ ސިޓީގައި މިހާ ފުޅާކޮށް މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރެވެ.