މޯލްޑިވްސް ޕޮލިސް ސާވިސް

ދައުވާ ނުކުރަން ނިންމުމުން އަންހެން މީހާ ދޫކޮށްލައިފި

އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި މީހާއަށް ދައުވާ ނުކުރަން ނިންމައިފި އެވެ.

އެ މައްސަލާގައި ހައްޔަރު ކުރި 59 އަހަރުގެ ދިވެހި އަންހެން މީހާ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާއިރު އެ މީހާއަަށް ދައުވާ ނުކުރަން ނިންމުމުން އެ މީހާ ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތަހުގީގު ހިންގާ ހެއްކާ ގަރީނާ ހޯދުމަަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތުކުރެވޭނެ މިންވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ނިންމާ ދައުވާ ނުކުރަން ނިންމާ މަައްސަލަ ފުލުހަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު އެ އަންހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަަށެވެ.

އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ރަށުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން އަމަލު ކުރި ގޮތާމެދު އެ ރަށުގެ ރައްޔިތުން ސުވާލު އުފައްދައެވެ.

ހިތަދޫ ބައެއް މީހުން ބުނާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާއަށް ވަނީ ހިމާޔަތް ދީފައެވެ. އަދި ހައްޔަރު ކުރީ މައްސަލައާ ގުޅުންވެސް ނެތް މީހެކެވެ. ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ ކާފަ ކަމަަށް ތުހުމަތުތައް އޭނާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ. އަދި ނުފޫޒު ގަދަ ބައެއްގެ އެހީގައި އޭނާ މިހާރު އިންޑިއާއަށް ފުރުވާލާފައިވާ ކަމަަށްވެސް ބުނެއެވެ.