މިނިސްޓްރީ އޮފް އެޑިއުކޭޝަން

ރައީސްގެ ގަރާރަށް ގޮންޖެހި ކަމަށް ބުނެ ޝެއިހް ޒަމްޒަމް ސަަސްޕެންޑްކޮށްފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށް ބޮޑުކޮށްފަައިވާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަަށް ބުނެ އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިސް ސަަސްޕެންޑް ކޮށްފި އެވެ.

އޮފީހަށް ނިކުތުން މަނާކޮށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރައީސްގެ ގަރާރަށް ސީދާކޮށް ފާޑުކިޔާ އެ ނިންމެވުމަށް ގޮންޖަހާ އިންޑިއާ އައުޓް ހަރަކާތަށް ހިތްވަރު ލިބޭ ގޮތަށް އޭނާ ޓްވީޓް ކުރައްވާފައިވާ ކަމަށެވެ. މި ކަމަކީ ސިވިލްސާވިސް ގަވާއިދުގައި ބަޔާން ކުރާ ސާވިސް މުވައްޒިފެއްގެ ދައުރާއި ޒިންމާތަކާއި އަދި އުޅުމާއި ސުލޫކު ބަހައްޓަން ޖެހޭ ގޮތާއި އަދި ކޯޑް އޮފް ކޮންޑަކްޓާއި ތައާރުޒުވާ ކަމެއް ކަމަށެވެ.

އަދި މިފަދަ މައްސަލަ ތަކުގައި މީގެ ކުރީންވެސް ޒަމްޒަމް ހާޒިރުކޮށް ސުވާލުކޮށް ނަސޭހަތް ދީފައިވާ ކަމަށެވެ.

ޒަމްޒަމްގެ އަމަލަކީ އެކުގައި މަސައްކަތް ކުރާ މުވައްޒިފުންނާއި ކިޔަވައިދޭ ދަރިވަރުން އަދި އަފްރާދުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުމާއި ހަމަނުޖެހުމަށް ހިތްވަރު ދެވޭ އަދި އެކަން ކަމަށް މަގުފަހިވާ ފަދަ އަމަލަކަށްވާތީ އެކަން ބަލާ ތަހުގީގު ކޮށް ނިމެންދެން ޝައިހް ޒަމްޒަމް ފާރިސް ސަސްޕެންޑް ކުރާ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅުމާއި ގުޅިގެން ފުލުހުން ނިކުމެ ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ވަނީ ނަގާފައެވެ. އަދި ޕީޕީއެމްގެ އޮފީހުގެ ބޭރުގައި ހަރުކޮށްފައިވާ ބެނާވެސް ވަނީ މިހާރު ނަގާފައެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި މިއަދު ނެރުނު ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ.