ފްރާންސްގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިމަނުއެލް މެކްރޮން އާއި އިދިކޮޅު ކެންޑިޑޭޓް މާރީން ލުޕެންއާ ދެމެދު ބޭއްވި އެންމެ ފަހު ބަހުސްގައި މެކްރޮން ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑުތަން އިތުރުވެއްޖެ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
އޮންލައިން ބޯޓަށް ޚިޔާލުދިން ގިނަ މީހުންގެ ނަޒަރުގައި ފްރާންސް ގޮވައިގެން ވަޔަށް ދުއްވޭނެ އެހެން ބޭފުޅަކު މެކްރޮން ފިޔަވައި ނެތެވެ. ފްރާންސް ރައްޔިތުން އެދޭ ހުރިހާ ސިފައެއް މެކްރޮން މިހާރު ހަމަކުރައްވައިފި ކަމަށް ވެސް ޚިޔާލުތައް ބުނެ އެވެ.
ރިޔާސީ ފައިނަލް ބަހުސެއް ގޮތުގައި އާންމު ޓީވީތަކުން ދުރަށް ދެއްކި ދެ ކެނޑިޑޭޓުންގެ ވާދަ ކުރެއްވުމުގައި ވެރިކަން ލިބިވަޑައިގެންފި ނަމަ އުންމީދު ކުރައްވާ ގޮތް ދެ ކެންޑިޑޭޓުން އާންމު ކުރެއްވި އެވެ. އަދި އެއީ ހުސް ވައުދުތަކަކަށް ނުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
މިބަހުސަށް ފަހު ނެގި މަގުބޫލްކަން އޮތްވަރު އަންދާޒާ ކުރުމަށް މެގި ވޯޓުގައި މެކްރޮންއަށް 59 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ. މާރިން ލުޕެންއަށް ލިބިވަޑައިގަތީ 39 ޕަސެންޓް އެވެ. ދެގަޑި 30 މިނެޓް ވަންދެން ކުރިއަށް ގެންދިއަ ބަހުސް 15.6 މިލިން މީހުން ވަނީ ބަލާފަ އެވެ.
މެކްރޮންގެ ވާހަކާގައި އިދިކޮޅު ކެންޑިޑޭޓަށް ގޮންޖައްސަވައި މާރީން ލުޕެން ގެންގުޅުއްވާނެ ކަމަށް ވިދާޅުވާ ސިޔާސަތުގެ ސަބަބުން ފްރާންސްގައި ދާޚިލީ ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފްރާންސްގައި އާންމު ތަންތަނުގައި ބުރުގާ މަނާ ކުރަން ހަދައިގެން ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ދެކެވަޑާއިގަންނަވާ ކަމަށެވެ.
މުސްލިމް އަންހެނުން ބުރުގާއަޅައިގެން ބޭރަށް ނުކުތުން މަނާކުރާނެ ކަމަށް މާރިން ލުޕެން އޮތީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ބުރުގާ އަޅައިފި ނަމަ އޮތީ ބޮޑު ޖޫރިމަނާއެއް ކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި މުސްލިމް ކަނބަލުންނަށް ބުރުގާ އެޅުން މަނައެއް ނުވާނެ،" މެކްރޮން ވިދާޅުވި އެވެ. "މުސްލިމް ކަނބަލުން ދީނީ ޝިއާރެއް ގޮތުގައި ތުރުކުރައްވާ އެއްވެސް ޒާތެއްގެ ހެދުމަކަށް ހުރަހެއް ނޯންނާނެ" ކަމަށް ވެސް މެކްރޮން ވިދާޅުވި އެވެ.
"މުސްލިމް ކަނބަލުންނަށް ބުރުގާ އެޅޭނެ،" މެކްރޮން ވިދާޅުވި އެވެ. "އެކަމުގައި އެއްވެސް ހުރަހެއް ނޯންނާނެ"