ހެލަން އަކީ އެއް ޒަމާނެއްގައި ހިންދީ ސިނަމާތަކުގެ ސްކްރީން ފަޅުފިލުވާލަދިން ކުޅަދާނަ ނެށުންތެރިއެކެވެ.
ފަސްދޮޅަހާއި ހަތްދިހައިގެ އަހަރުތަކުގައި ނިކުންނަ ހަމަ ކޮންމެ ފިލްމެއްގައި ވެސް ހެލަންގެ ނެށުމެއް އޮތުން ލާޒިމުވެފައި ވެއެވެ.
މިހާރު އުމުރުން ވަރަށް ދުވަސްވެ ފިލްމާއި ނެށުމުގެ ދުނިޔެއާ ދުރުގައި ހެލަން ވަނީ ގިނަ ދުވަސް ތަކެއް ހޭދަކޮށްފަ އެވެ.
މި މުއްދަތުގައި ވަރަށް މަދުން އޭނާ ފިލްމުތަކުން މެހެމާނެއްގެ ރޯލުން ފެނިފައި ވެއެވެ. ނަމަވެސް މިހާރު ހެލަން އެނބުރި އަންނަ ޕްރޮޖެކްޓުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އެއީ އަބީނޭ ޑިއޯގެ ވެބް ޝޯ "ބްރައުން" އިންނެވެ. މި ޝޯއަކީ ކަރިޝްމާ ކަޕޫރު ވެސް ވެބް ސީރީޒް އަށް ތައާރަފްވާ ޝޯ ކަމަށް ވެއެވެ.
މި ޝޯގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. ނަމަވެސް ޝޯގެ މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކަރިޝްމާ ކޮވިޑަށް ޕޮޒިޓިވްވުމާއި ޑައިރެކްޓަރުގެ ބައްޕަ ކުއްލި ގޮތަކަށް މަރުވެގެން ފިލްމު ނުފެށި އަހަރެއްހާ ދުވަސް ވަނީ ފާއިތުވެފަ އެވެ.
އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި މި ސީރީޒްގައި ހެލަން ވަރަށް މުހިއްމު ރޯލެއް އަދާ ކުރާނެ އެވެ.
ހެލަން އެންމެ ފަހުން މެހެމާނެއްގެ ރޯލު ކުޅެފައިވަނީ 2012ގައި ރިލީޒްކުރި "ހިރޮއިން"ގަ އެވެ. މިއީ ކަރިޝްމާގެ ކޮއްކޮ ކަރީނާ ކަޕޫރު ބަތަލާގެ ބައި ކުޅުނު ފިލްމެކެވެ.
މީގެ ދެ ތިން ދުވަހެއް ކުރިން ކަރިޝްމާ ވަނީ "ބްރައުން" ވެބް ސީރީޒް ފެށިކަން އިއުލާންކުރުމުގެ ގޮތުން ޕޯސްޓެއް ޝެއާކޮށްފަ އެވެ.